އައްޑޫ ސިޓީ

އެންމެ ގިނަ މަޝްރޫއު އައްޑޫގައި

Aug 22, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގަނީ އައްޑޫ ސިޓީގައި ކަމަށް އެ ސިޓީ ކައުންސިލަރުން ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ކައުންސިލަރުން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން އައްޑޫގެ ކައުންސިލަރުން ވަނީ ރައީސް ސޯލިހާ މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީ އަކީ މި ސަރުކާރުން އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާ ސިޓީކަން ފާހަގަކުރައްވާ ރައީސްއަށް ޝުކުރު އަދާކުރައްވާފަ އެވެ. ރައީސް ސޯލިހް އައްޑޫ ސިޓީ ކައުންސިލާ ގިނަގިނަ އިން ބައްދަލުކުރައްވައި ގާތުން ކަންކަން ބައްލަވަމުން ގެންދަވާ ކަންވެސް ކައުންސިލަރުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އައްޑޫ ސިޓީގެ ތަރައްގީއާ ގުޅޭ ކަންކަމުގެ އެންމެފަހުގެ މައުލޫމާތާއި، ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ. މިގޮތުން ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ދިމާވާ ބަޖެޓުގެ ދަތިކަމާއި، ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، އިޖުތިމާއި މައްސަލަތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެ އެވެ.

ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާއި ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވާރަ ކުރައްވައިގެން އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާގައި އެ ކައުންސިލަަށް ދިމާވި ބައެއް ދަތިތައް ހައްލުކުރަން ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.