އަލީ ނިޒާރު

އައްޑޫ ތަރައްގީކުރަނީ މިނިވަން އިގްތިސާދެއް ބިނާކުރެވޭ ގޮތަށް: ނިޒާރު

އައްޑޫ ސިޓީގެ ތަރައްގީގެ މިސްރާބު ހުރީ މިނިވަން އިގްތިސާދެއް ބިނާކުރެވޭ ގޮތަށް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި މިހާރު ކުރިއަށްދާ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ތެރެއިން އައްޑޫ ހަންކެޑެ ބްރިޖު އެކެއް ޑެކް ސްލެބްގެ ކޮންކްރީޓް މަސައްކަތް ފެށުމާ ގުޅިގެން މޭޔަރު އިއްޔެ ވަނީ އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.

ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން ހުންނަވާ މޭޔަރު ވިދާޅުވީ އައްޑޫގެ ބިޔަ ބޮޑެތި ޕްރޮޖެކްޓް ތަކުގެ ސްޕީޑް ހުރީ ރަނގަޅައް ކަމަށެވެ.

"މިސްރާބު ހުރީ ޒަމާނީ ސިޓީއެއްގެ ހުރިހާ މަސްދަރުތަކެެއް ހަމަކޮއް އައްޑޫގައި މިނިވަން އިގްތިސާދެއް ބިނާކުރުން،" އަލީ ނިޒާރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މިސަރުކާރުން އައްޑޫ ތަރައްގީކުރަމުން ދަނީ ވިސްނުންތެރިކަމާއި އެކު ހިސާބު ޖަހައިގެން ކަމަށެވެ. އައްޑޫގެ ތަރައްގީގެ މަސައްކަތްތައް ކުރަނީ އެ މަސައްކަތްތަކާ މެދު ނުރުހޭ މީހުންނަށް މަންޒަރު ހިތިވާނެކަން އެގިތިބެ ކަމަށްވެސް ވިދާޅުވި އެވެ.

"އިލްމީ ބަރުދަނެއްނެތި އެކަށީގެންވާ މައުލޫމާތު ނުހޯދާ މައުލޫމާތު ފެތުރުމަކީ މުޖުތަމައު ވިހަކުރަން ކުރެވޭ މަސައްކަތެއް،" އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަށް ފާޑުކިޔާ މީހުންނަށް ރައްދުދެެއްވަމުން ނިޒާރު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫގެ ތަރައްގީއަށް ވަރަށް ބޮޑަށް އިސްކަން ދެއްވާފައިވާތީ އެކަން ފާހަގަކުރައްވާ މޭޔަރު ވަނީ ރައީސް ސޯލިހަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

"އައްޑޫ ސިޓީގެ ރައްޔިތުން މަނިކުފާނަށް އިތުބާރު ކުރައްވާ. އައްޑޫގެ ކޮންމެ ދިމާލެއް ބަލާލިޔަސް އެއިތުބާރު އުފަންކުރުވި ސަބަބު އެބަފެނޭ،" ރައީސްއަށް ތައުރީފް ކުރައްވާ މޭޔަރު ވިދާޅުވި އެވެ.

އައްޑޫގެ ބިން ހިއްކުމާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފެށުމާއި، އައްޑޫގައި ރިސޯޓްތައް ހެދުމާއި، އައްޑޫގެ ރަށްތަކަށް އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވުމާއި، އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ މެދުގައި އަޅާފައިވާ ބްރިޖަށް ބަދަލުތަކެއް ގެނެސް މަރާމާތުކުރުމުގެ ބިޔަ މަޝްރޫއެއް ފެށުމާއި، އައްޑޫގެ ފެނާއި ނަރުދަމާ އަދި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި އަދި ކުނި މެނޭޖުކުރުން ފަދަ ބިޔަ މަޝްރޫއުތައް އައްޑޫ ސިޓީގައި ފެށިގެން ކުރިއަށް އެބަދެ އެވެ.