ރާއްޖެއިން ނަގަންވީ ލޯނުގެ އަދަދާއި ތަސައްރުވެސް ބުނެދޭ ހިސާބަށް އެމްބަސީތައް ދަނީ ސަރުކާރުން އެ ފުރުސަތު ދޭތީ ކަމަށާ އެއީ ރާއްޖެއަށް ކުރާ ބޮޑު މަލާމާތެއް ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމުން އެ ތަން ވެގެން ދާނީ މި ސަރަހައްދުގެ ހަބަކަށް ކަމަށް އިންޑިއާ އިން ބުނި ހަބަރު ރިޕޯޓްކޮށް އަވަސްއިން ގެނެސްދިން ހަބަރަކާއެކު ކުރެއްވި ޓްވީޓެއްގަ އެވެ.
އެކަމަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ ދިވެހިން ބުރަ މަސައްކަތުން ގައުމެއް ބިނާކުރީ މިހާރު އޮތް ހާލަތަށް ރާއްހެ ވައްޓާލަން ނޫން ކަމަށެވެ.
"ރާއްޖެ ނަގަންވީ ލޯނުގެ އަދަދާއި ތަސައްވުރު [އިންޑިއާ އެންބަސީން] ބުނެދޭ ހިސާބަށް މި ދަނީ ސަރުކާރުން އެ ފުރުސަތު ދޭތީ. މިއީ ރާއްޖެއަށް ކުރާ ބޮޑު މަލާމާތެއް،" އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގްކޮށް ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ދިވެހި ސަރުކާރަށްވުރެ ކުރީން ރާއްޖޭގެ ބައެއް ކަންކަމުގައި ބަސް ބުނެ، ކަންކަން އިއުލާނު ކުރަމުން އަންނަ އިންޑިއާގެ އެމްބަސީން އިއްޔެ ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސަައްކަތް ނިމުމުން އެއާޕޯޓުގެ ޓާމިނަލުގެ ފެންވަރު އެތައް ގުނައަކުން ރަނގަޅު ވެގެންދާނެ ކަމަށެވެ. އަދި އެ އެއާޕޯޓް ވެގެންދާނީ މި ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ ރިީޖަނަލް ހަބަކަށް ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ އިންޑިއާ އިން ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ -- ލޯނެއް -- ތެރެއިންނެވެ. މީގެތެރެއިން 17 މިލިއަން ޑޮލަރު އެއާޕޯޓަށް ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ.
ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެތަނުގެ އިންޓަނޭޝަނަލް ޓާމިނަލް އަޕްގްރޭޑް ކުރުމާއި، ޑޮމެސްޓިކް ޓާމިނަލެއް އެޅުމާއި، އެއާޕޯޓަށް ދާން ބޭނުންވާ އާ މަގުތައް ހެދުމުގެ އިތުރުން ސަޕޯޓް އިންފްރާސްޓްރަކްޗާގެ ތެރޭގައި ހިމެނޭ ފަޔާ ސްޓޭޝަނާއި އާ ޓަވަރެއް ހެދުން ވެސް ހިމެނެ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ގަން އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓުން އިންޑިއާ އަށް ސީދާ ދަތުރުތައް ކުރާން އިންތިޒާމުތައް ވެސް ހަމަޖައްސާނެ އެވެ.
ގަން އެއާޕޯޓް ތަރައްގީކުރުމަށް އިންޑިއާ އިން ހަރަދު ކުރާއިރު އެ ސިޓީގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ ވެސް އިންޑިއާ ކުންފުންޏަކުންނެވެ. އަދި އައްޑޫގައި ހަދަމުންދާ ފުލުހުންގެ ޓްރެއިނިން ސުކޫލުގެ މަސައްކަތް ވެސް ކުރަމުން ދަނީ އިންޑިއާ އިންނެވެ. އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ގިނަ މަސައްކަތްތަކެއް ކުރިއަށްދާއިރު އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމަށް ވެސް އިންޑިއާ ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.