މުހައްމަދު ސައީދު

"ގޮތް ކިޔުން އޮތީ ސަފީރުންގެ ލެވެލްގައި"

އެމްޑީޕީގެ ވެރިކަމެއް ފެށޭއިރަށް ގައުމުގެ މުހިންމު ކަންކަމުގައި ގޮތް ކިޔުން، ގައުމުތަކުގެ ސަފީރުންގެ ލެވެލްގައި ކުރާ ކަމަކަށްވާ ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސައީދު މިހެން ވިދާޅުވީ ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން އުފައްދާ އެ މީހުންގެ އަމިއްލަ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމަށް އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރް ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ. އިންޑިއާގެ އެހީގައި މާލޭ ކުޅިވަރު އެކުވި ތަރައްގީކޮށް ސިންތެޓިކް ޓްރެކާއެކު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސަފީރު ސުދީރު ވިދާޅުވީ އިންޑިއާއިން އުފައްދާ ވެކްސިން އަވައްޓެރި ގައުމުތަކަށް ފޯރުކޮށްދިނުމަށް އެ ގައުމުން ހާއްސަ އިސްކަމެއް ދޭނެ ކަމަށާ އޭގެ ތެރޭގައި ރާއްޖެ ވަރަށް ހާއްސަ ކަމަށެވެ.

އިންޑިއާގައި ކޮވިޑް ވެކްސިން ދިނުމުގެ ބިޔަ ކެންޕެއިނެއް ފަށާފައިވާއިރު އިންޑިއާގައި ބޭނުން ކުރަނީ ދެ ވެކްސިނެކެވެ. އެއީ އޮކްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑް" ވެކްސިނާއި އިންޑިއާގެ ބާރާތު ބަޔޯޓެކްއިން އުފައްދާ ކޯވެކްސިން އެވެ. ސަފީރު އިޝާރާތް ކުރައްވާފައިވަނީ އިންޑިއާގެ "ބާރާތު" ވެކްސިން ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށެވެ.

ސަފީރުގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް ފެށޭއިރަށް ގައުމުގެ މުހިންމު ކަންކަމުގައި ގޮތް ކިޔުން، ގައުމުތަކުގެ ސަފީރުންގެ ލެވެލްގައި ކުރާ ކަމަކަށްވާ ކަމަށެވެ. އަދި ކިތަންމެ ކުޑަ ނަމަވެސް ދިވެހިންނަކީވެސް މިނިވަން ގައުމަކަށް ނިސްބަތްވާ ބައެއް ކަމަށް ވިދާޅުވިއެވެ. ވިޑް ވެކްސިން ކަންތަކުގައި ރައްޔިތުންނަށް އިސްބަހާއި ނަސޭހަތްތެރިވާނީ ގައުމުގެ އެންމެ އިސްވެރިޔާ ރައީސް ސޯލިހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވެކްސިން ލިބުމަކީ ރައްޔިތުންގެ އިންތިޒާރެއް. ދައުލަތުގެ ވެރިމީހާ ގާތު ރައްޔިތުން އިސްވެ ކުރި ސުވާލު. ނުރައްކާ އޮތަސް ރާއްޖޭގެ ބޯޑަރު ހުޅުވަން ރައްޔިތުން ރުހުން ދިނީވެސް ހައްލު ހޯދުމަށް،" ރައީސް ސޯލިހަށް ޓެގްކޮށް ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިންޑިއާއާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އަދި ވާދަވެރި ޗައިނާއަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ދީލާލައި، ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން ސިނަމާލެ ބުރިޖު ފަދަ ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް ހިންގުން ވެގެންދިޔައީ އިންޑިއާގެ ހިތްހަމަނުޖެހުން އިތުރުވި މައްސަލައަކަށެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކުން އެ ގުޅުމާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދަނިކޮށް، ވެރިކަން ބަދަލުވުމާއެކު ރާއްޖޭގެ ހާރިޖީ ސިޔާސަތު އަނެއް ކޮޅަށް އެނބުރިގެން ދިޔަ އެވެ. އަދި އިންޑިއާއާއެކު އޮންނަ ގުޅުން ތާރީހީ ހަރުފަތަކަށް އުފުލި، އެކި ނަން ނަމުގައި ދެމުންދާ ލޯނުތަކާއި އެހީތަކުގެ އަދަދު ދެ ބިލިއަނަށް ވުރެ ގިނަ ޑޮލަރަށް މިހާރު ވަނީ އަރައިފަ އެވެ.