މުހައްމަދު ސައީދު

ޕަވާ ޕޮލިޓިކްސްއަށް ރާއްޖެ ވައްޓާލީ މި ސަރުކާރުގެ ބޮޑުން: ސައީދު

އިންޓަނޭޝަނަލް ޕަވާ ޕޮލިޓިކްސްއަށް ރާއްޖެ ވައްޓާލީ މި ސަރުކާރުގެ ބޮޑުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީތެރިކަމުގައި އަޅާފައިވާ ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު އިންޑިއާ ސަރުކާރުން އޭރު ބޮއިކޮޓް ކުރި ކުރުން ހަނދާން އައު ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. ސިނަމާލެ ބްރިޖާ ގުޅިގެން ޗައިނާއަށް އަމާޒުކޮށް އިންޑިއާއިން ތުހުމަތުތައް ކުރެއެވެ. އަދި އެއީ ރާއްޖެއަށް ފީސިބަލްކޮށް ކުރިއަށް ގެންދެވުނު ޕްރޮޖެކްޓެއް ނޫން ކަމަށް ބުނެ އޭރުގެ އިދިކޮޅުން ވަރަށް ބޮޑަށް ފާޑުކިޔެއެވެ. ކުރީ ސަރުކާރު ވެފައިވަނީ އިންޑިއާއާ ބީރަށްޓެހި ޗައިނާއާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ސަރުކާރެއްގެ ގޮތުގައެވެ. އެއާ ހިލާފަށް މި ސަރުކާރު ވެފައިވަނީ އިންޑިއާއާ ވަރަށް ގުޅުން ބޮޑު ސަރުކާރަކަށެވެ.

އެ ކަމަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ އިންޓަނޭޝަނަލް ޕަވާ ޕޮލިޓިކްސްއަށް ރާއްޖެ ވައްޓާލީ މި ސަރުކާރުގެ ބޮޑުންނާއި މި ސަރުކާރަށް ތާއީދުކުރާ ވިޔަފާރިވެރިން ކަމަށެވެ. އަދި މިއަދު ސަރުކާރަށް ޖެހިފައިވާ ހާލަކީ ވެރިކަމަށް އައުމަށްޓަކައިވީ ވައުދުތަކުގެ ދަންތުރާގައި އަމިއްލަ ފައި ފިތިފައިވުން ކަމަށެވެ.

"ރާއްޖޭގެ ތަރައްގީއަށް އޮތް ހުރަހަކީ މި ރާއްޖެ އޮތް ކަނޑު ކަމުގައި ނުހައްދަވާ،" ސައީދު ވިދާޅުވިއެވެ.