ރައީސް މުހައްމަދު ނަޝީދު

އެއް ގައުމު އަނެއް ގައުމާ ޖައްސައިގެން ނޫޅެވޭނެ: ނަޝީދު

އެއް ގައުމު އަނެއް ގައުމާ ޖައްސައިގެން ރާއްޖެއަށް ނޫޅެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭންއަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އިންޑިއާއާ ދޭތެރޭ ވަރަށް ބޮޑަށް ދެކޮޅުވެރިކަން ގެންގުޅުއްވާ ކަމަށާއި އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވެގެން ގޮސްފައިވާ ކަމަށެވެ.

މި މަހު ކުރީކޮޅު ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން "ދަ ހިންދޫން" ކުރި ސުވާލަށް ސީދާ ޖަވާބެއް އެމަނިކުފާނު ނުދެއްވަ އެެވެ. ނަމަވެސް އެއް ގައުމު އަނެއް ގައުމާ ޖައްސައިގެން ރާއްޖެއަށް ނޫޅެވޭނެ ކަމަށް ވިދާޅުވެ އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފްކުރެއްވި އެވެ.

"އިންޑިއާއަކީ ރާއްޖޭގެ އަވައްޓެރިޔާ. ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަަމަ އެހީއަށް އެދެނީ އިންޑިއާގެ ކިބައިން. އިންޑިއާއަށް އެހީތެރިކަމަށް އެހެން ބައެއްގެ ހިޔަނި އެޅޭކަށް ނުޖެހޭ. މާލެއިން އެބަ ޖެހޭ ރާއްޖޭގެ ރަހުމަތްތެރިޔާއަކީ ރަނގަޅު ތެދުވެރި ގުޅުމެއް އޮންނަން" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮވިޑްގެ ބަލާއާފާތާއެކު ރާއްޖެއަށް ވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އަަދި މޫސުމީ ބަދަލުތަކުގެ ނުރައްކަލަށް ރާއްޖެ އިންތިހާއަށް ހުށަހެޅިފައިވާ އިރު ރާއްޖެއިން މިއަހަރު 500 މިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް ވިދާޅުވި އެވެ.