ރައީސް މުހައްމަދު ނަޝީދު

"އިންޑިއާ އައުޓް" ހަރަކާތަަށް ތާއީދެއް ނެތްކަން ސާބިތުވެއްޖެ: ނަޝީދު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވަނީ މަދު ބައެއް ކަމަށް ވިދާޅުވެ އިންޑިއާ ސިފައިން ބާލަން ގޮވާލާ ހިންގާ ކެމްޕެއިނަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ފާޑުވިދާޅުވުން "އިންޑިއާ އައުޓް" ހަރަކާތަށް މިފަހަރު އަމާޒު ކުރެއްވީ "ބާކީ ނުވޭ" މި ހޭސްޓެގް ބޭނުން ކުރައްވާ މިއަދު ކުރެއްވެވި ޓްވީޓެއްގައެވެ. މިއީ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް އަލަަށް ބޭނުން ކުރަން ފެށި ހޭސްޓެެގެކެވެ.

އިންޑިއާގެ ދިފާއުގައި އަބަދުވެސް ވަކާލާތު ކުރައްވާ ރައީސް ނަޝީދު މިއަދު ވިދާޅުވި ގޮތުގައި ސިޔާސީ ވެރީން ސިޔާސީ ބޭނުމަށްޓަކައި ދިވެހީން ބާކީވެ ނިކަމެތިވާނެ ކަންކަން ނުކުރެއްވުމަށް ހުރިހާ ސިޔާސީ ލީޑަރުން ވިސްނަވަން ވާނެ އެވެ. އަދި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހީންގެ ތާއީދު އޮތް ކަމެއް ނޫންކަން ސާބިިތުވަނީ އެކަމުގައި ބައިވެރިވާ މީހުންގެ އަދަދު މަދު ކަމުން ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ އިން ހިންގަމުންދާ ޖަރިމާތައް ދުނިޔޭގެ ސަމާލު ކަމަށް ގެންނަވާނެ ކަމަށާ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވާ ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ. މި ހަރަކާތަކީ ސީދާ އެމަނިކުފާނުގެ އިސް ނެންގެވުމަށް ފައްޓަވާފައިވާ ހަރަކާތެކެވެ.

އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތެއް ކަމަށް ރައީސް ސޯލިހް ވަނީ ކަނޑައަޅުއްވާފައެވެ. އެ ގަރާރު ތަންފީޒު ކުރުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކުރުމުން "އިންޑިއާ އައުޓް" ކެންޕެއިނާ ގުޅުން ހުރި ކޮންމެ ހަރަކާތެއް އެ ދެ މުއައްސަސާއިން ދަނީ ހުއްޓުވަމުންނެވެ. އެ ކެމްޕެއިނާ ގުޅުން ހުރި ބެނާތަކާއި ދިދަތަކާއި ޕޯސްޓަރުތައް އަދި ލިޔުންތައްވެސް ދަނީ ނަގަމުންނެވެ.

މީގެ އިތުރުން އެއްވުންތަކާއި މުޒާހަރާތައްވެސް ހުއްޓުވައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ. އަދި އެ ހަރަކާތް ހުއްޓުވަން އިންޑިއާ އިން އެހާ ވަރަށް ބޭނުން ވަނީ އިންޑިއާ އިން ރާއްޖޭގައި ހިންގަމުންދާ "ޖަރީމާ" ތައް ފޮރުވުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން ފޮރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އިންޑިއާގެ "ޖަރީމާ" ތައް މުޅި ދުނިޔެއަށް ހާމަ ކުރެއްވުމުގައި ދެމި ތިއްބަވާނެ ކަމަށް ވިދާޅުވިއެވެ. "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ސަރުކާރުން އެހާ ދަށު ދަރަޖައަކަށް ވެއްޓިފައި ވަނީ އިންޑިއާގެ ދަށުވެފައިވާ މިންވަރުން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"މިހާވަރަކަށް ދެއްތޯ ބަޔަކު ދެން ދަށުވާނީ. އެއްވެސް ކަހަލަ އިއްޒަތެއް އަބުރެއް ޝަރަފެއް ދަންނަ ބައެއް ނޫން މިއީ. އެހާ ބޮޑަށް ފިތިފަ ބާރުވެފައި އެ ތިބީ،" ރައީސް ޔާމީން ވިދާޅުވިއެވެ.