އުތުރު ތިލަފަޅު(ޔޫޓީއެފް)ގެ އެއްބަސްވުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވާ ވާހަކަތަކާ ހެދި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު އދ. މަހިބަދޫގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ރައީސް ޔާމީން ވިދާޅުވީ ޔޫޓީއެފްގެ އެއްބަސްވުމުގެ ދަށުން ހުރިހާ ކޮންޓްރޯލެއް އޮންނާނީ އިންޑިއާގެ ސިފައިންނަށް ކަމަށާއި އަދި ހުއްދަ ނެތި ބޭނުން ވަރަަކަށް އެތަނަށް ހަތިޔާރުވެސް އެތެރެކުރެވޭނެ ކަަމަށެވެ.
ރައީސް ޔާމީންގެ ވާހަކަތަކަަށް ރައްދު ދެއްވައި މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ޔޫޓީއެފްގެ އެއްބަސްވުމާ ގެ މަގްސަދާއި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ހަގީގަތާއި ހިލާފަށް ރައީސް ޔާމީން ވާހަކަ ދައްކަވަމުންދާ ކަމަށެވެ.
އެގޮތުން އިންޑިއާ ސިފައިން ބޭރުންވާ ހަތިޔާރެއް ވެއްދޭނެކަމަށް ބުނާ ވާހަކައަކީވެސް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަަކައެއް ކަަމަށެވެ.
"ދިވެހި ސަރުކާރުން ވެފައިވާ އަސްކަރީ ގުޅުން ގާއިމް ކުރުމާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކާ ފެތުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާތެރިކަން ހުރި އަދި ހާރިޖީ ގުޅުންތަކަށް ހީނަރުކަން އަތުވެދާނެ ކަމަކަށް ވާތީ އަޅުގަނޑު މަޖިލިސް ރައީސްގެ ހައިސިޔަތުން މެމްބަރުންނަށް ދަންނަވަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ޔޫޓީއެފްގެ އެއްބަސްވުން އަދިވެސް ހާމައެއް ނުކުރެ އެވެ. އަދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުންނަަށް ވެސް އެއްބަސްވުމުގެ ހުރިހާ ސަފުހާތަކެއް ނުދައްކަ އެވެ. ހަމައެކަނި ދައްކާލައިފައި ވަނީ އޭގެ ބައެއް ސަފުހާތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގަ އެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ އެއްބަސްވުމުގެ ހާޑްކޮޕީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުންނާ ހިއްސާ ނުކުރީ އެގޮތަށް އެކަން ކޮށްފިނަމަ ސޯޝަލް މީީޑިއާގައި އާންމުވެ ރާއްޖެއާ އިންޑިއާގެ މަސްލަހަތަށް ބުރޫއަރާފާނެތީ ކަމަށެވެ.