ރައީސް މުހައްމަދު ނަޝީދު

ސައީދަށް ދިން އަނިޔާއިން ހިތް ފަޅައިގެން ދޭ: ނަޝީދު

އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިިދިކޮޅުން ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ލިބިލެއްވި އަނިޔާތަކާ ހެދި ހިތް ފަޅައިގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ ސައީދަށް ލިބިވަޑައިގަތް އަނިޔާތަކުގެ ހިތްދަތި އުދާސްތައް މިއަދު މަޖިލީހުގައި އޭނާ ބޭރުކޮށްލެއްވުމުން އެ ވާހަކަތަކާ މެދު ކަންބޮޑުވެލެއްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަ ފުޅުގަ އެވެ.

ސައީދު ވިދާޅުވީ އޭނާއާއެކު ހައްޔަރުކުރި މީހުނާމެދު އަމަލުކުރީ ވަަރަށް އިހާނާތްތެރިކޮށް އަނިޔާވެރިކޮށް ކަމަށެވެ. އަދި އިންސާފާއި "އެެޖެންޑާ 19" އޭ ބުނެ އެމްޑީޕީން ވެރިކަަމަށް އަންނަން ދެއްކި ހުވަފެންތަކަކީ ބިލާހެއް ކަމަށް ސިފަ ކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ދޫނިދޫ ޖަލުގެ ހާލަތު ބަޔާންކޮށް ސައީދު ވިދާޅުވީ އެ ތަނުގެ ފާހަނާތަކުގައި ވެސް ހުރީ ކެމެރާ ހަރުކޮށްފައި ކަަމަށެވެ.

"[މިއީ] އިމްރާން ގެނައި އިސްލާހު. ފާހާނާތެރޭގައި މީހުންގެ އޮރިޔާން ބަލަންތޯ މި ކެމެރާ ހަރުކޮށްފައި މިހުރީ. މިއީތޯ އެމްޑީޕީގެ އެޖެންޑާ 19 ތަފާތުވާ ގޮތަކީ. ކޮން ހިއުމަން ރައިޓްސްއެއްތޯ މިއީ. ގަޑި ޖެހެންވާއިރަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ގާޒީ ކުރިމައްޗަށް ގެންނަން ޖެހޭނެއޭ ބުނީމަ ބަކަރި ކޮއްޓެއް ކަހަލަތަނަކަަށް ގެެންގޮސް އަށް ގަޑިއިރުވަންދެން ޕްލާސްޓިކް ގޮނޑީގަ 17 މީހުން އަތުރާލައިފައި ތިއްބީ." ސައީދު ވިދާޅުވި އެވެ.

މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އަނިޔާވެރިވަމުންދާ އިރު ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއީ އެމްޑީޕީގެ މެމްބަރުން ހަނު ތިއްބަވާކަމަށް ސައީދު ވިދާޅުވުމުން ރައީސް ނަޝީދު ވަނީ މަލާމާތުގެ ގޮތަށް ރައްދު ވެސް ދެއްވައިފަ އެވެ.

"އިއްޒަތްތެރި މެންބަރަށް ތި ދިމާވި އަނިޔާވެރި ގޮތުގެ ސަބަބުން އަޅުގަނޑުގެ ވެސް ހިތްފަޅައިގެންދޭ! ތިޔަ ވިދާޅުވީ 24 ގަޑިއިރު ގޮޅީގައި އިންނަވަން ޖެހިވަޑައިގަތުމާ އަދި ގޮނޑިއެއްގައި ބައިންދަވާފައި އިންނަވެމުން އަޅުގަނޑު ވެސް ހިތް ފަޅައިގެންދޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ މުޒާހަރާއިން 17 މީހުން ހައްޔަރުކުރި އިރު އަދިވެސް ނުވަ މީހުން ތިބީ ބަންދުގަ އެެވެ. އެ މީހުން ވަގުތުން ވަގުތަށް ދޫކޮށްލަން އިދިކޮޅުން މިއަދު މަޖިލީހަށް މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލަ ވަނީ ބަލައިނުގަނެ ބޭރުކޮށްލައިފަ އެވެ.