ރައްޔިތުންގެ މަޖިލިސް

އިންޑިއާ އައުޓް ބޮޑު އެއްވުން ހުއްޓުވަން ކުއްލި މައްސަލައެއް

ރާއްޖޭގަިއ ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ހިންގަމުންދާ "އިންޑިއާ އައުޓް"ގެ ތެރެއިން އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މިއަދު މަޖިލީހުން ބަލައިގަތީ 30 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.

މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނަވަންކަމުގެ ނަމުގައި ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެދާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ ދެ ގައުމުގެ އާންމު ރައްޔިތުންނާ ހަމައަށް މިކަން ފުޅާވެ އެއް ބަޔަކު އަނެއްބަޔަކަށްހަމަލާ ދޭ ހިސާބަށް މިކަން ދިޔަ ނުދީ ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އޭގެ ކުރިން މުހިންމު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

އެހެންކަމުން ސަލާމަތީ ބާރުތަކާއެކު އަވަސް މަޝްވަރަާއަކަށް ފަހު ރަށްރަށުން މާލެއަށް މީހުން ގެނެސްގެން އަންނަ ހުކުރު ދުވަހު ބާއްވަން އުޅޭ ބޮޑު ހަރަކާތް ހުއްޓުވަން ޖާބިރު ގޮވާލެއްވި އެވެ.

ހުކުރު ދުވަހު ބާއްވާ ބޮޑު ހަރަކާތް ނުބޭއްވޭނެ ކަމަަށް އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީ ބުނީ އެފަދަ އެންގުމެއް އަންގާފައި ނުވާ ކަމަށާައި އެއްވުން ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް ޔާމީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖަލުން މިނިވަންވި ފަހުން އިންޑިއާ އައުޓް ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާކުރައްވައި، އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސީދާ އެމަނިކުފާނު ގެންދަވަނީ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.

މާލެ އަތޮޅުގެ ރަށްތަކުން ރައީސް ޔާމީން ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި، ރ. އަތޮޅާއި، އދ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ގއ. އަދި ޅ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގެން އެންމެ ފަހުން އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދިޔައީ ޅ. ނައިފަރުގަ އެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރާއި މަޖިލީހުން ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން ދިޔަ ނަމަވެސް އިދިކޮޅުން ބުނެފައިވަނީ އެ ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅާ ފާސްކުރި ނަމަވެސް އެފަދަ ގާނޫނަކަށް އަމަލުނުކުރައްވާނެ ކަމަށް އިދިކޮޅު ކޮލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.