ރައްޔިތުންގެ މަޖިލިސް

ގައުމީ ސަލާމަތަށް ނުރައްކާވާ އެއްބަސްވުންތައް ހާމަކުރަން ގޮވާލައިފި

ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހުރި އެއްބަސްވުންތައް ހާމަކުރުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ އެއްބަސްވުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހުރި އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުﷲ މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.

ހާމަކުރަން ވިދާޅުވި އެއްބަސްވުންތައް ހާމަކުރަންޖެހޭ: އަހުމަދު އަބްދުﷲ

ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ އިންޑިއާ ސިފައިންގެ ސައްހަ އަދަދު އެނގޭ ވަރަށްވުރެ އޮޅުންބޮޅުން ބޮޑު ކަމަށެވެ.

އެގޮތުން އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ތިބި ކަމަށް ބައެއް ފަހަރު ވާހަކަ ދެކެވުނުއިރު އަނެއްބައި ފަހަރު ހާހުން ތިބި ކަމަށްވެސް ވާހަކަ ދެކެވުނު ކަމަށް އަހުމަދު ވިދާޅުވި އެވެ.

"މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތުގައި އިންތިހާއަށް ބިރުވެރިކަން އޮތް އަދި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް،" އަހުމަދު ވިދާޅުވި އެވެ.

މިފަދަ ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށްވެސް މެންބަރު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ކޮޕް28 ސަމިޓްުގެ ހަވާސާގައި ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކައިގައި އެއްބަސްވެފައިވާނަމަ އެ އެއްބަސްވުން މަޖިލީހަށް ހާމަކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހުރި ވާހަކަތައް ހާމަކުރަން ވިދާޅުވި ވިދާޅުވުމާ އެއްގޮތަށް އެކަން ކުރުމަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ތަންތަން ހާމަކުރުމަށްވެސް މެންބަރު ގޮވާލެއްވި އެވެ.

ވާހަކަތައް ސާބިތުކޮށް ނުދެވޭނަމަ ނޯ ކޮންފިޑެންސް ނަގަންޖެހޭ: އަބްދުﷲ ޝަހީމް އަބްދުލްހަކީމް

ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވީ އަވަށްޓެރި ގައުމުތަކާ ބެހޭ ގޮތުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދެއްކި ވާހަކަތަކުގެ އަސްލު ވެރި ކަމަށް އައިސް ނުދެއްކުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަޖިލީހުގެ އިތުބާރު އޮތްތޯ ބަލަންޖެހޭ ކަމަށެވެ.

"މިއަދު އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރުގެ ފުރިހަމަ ބާރު ލިބިފައިވާއިރުގައި އިންޑިއާ ސިފައިންނާ ބެހޭ ގޮތުން އެ ދައްކާފައިވާ ވާހަކަ އެ ބޭފުޅާ، އެބޭފުޅާގެ ސަރުކާރުން މިއަދުގެ ރައްޔިތުންނަށް އެއީ ކިހާވަރެއްގެ ހަގީގަތެއްކަން އޮތް ވާހަކައެއްކަން ސާބިތުނުކޮށްދެވިއްޖެ ކަމަށްވާނަމަ މި އިއްޒަތްތެރި މަޖިލީހުން އެ ބޭފުޅާގެ ނޯ ކޮންފިޑެންސަށް ދާން އެބަޖެހޭ،" ޝަހީމް ވިދާޅުވި އެވެ.

އެއީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށާއި ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން ސާފުކޮށް ނުދެވިއްޖެނަމަ ރައީސްގެ ނޯ ކޮންފިޑެންސަކަށް ދާންޖެހޭ ކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރާނެ ކަމަށް ޝަހީމް ވިދާލުވި އެވެ.

އިންޑިއާ ސިފައިން ނެތް ކަމަކަށް ނުވާނެ: މުހައްމަދު ނަޝީދު އަބްދުﷲ

ބަހުސްގައި ވާހަކަ ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވި ގޮތުގައި ކުއްލި މައްސަލަ ހުށަހެޅީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ނިންމާ ސަރުކާރުން އެކަން އިއްޔެ އިއުލާނު ކުރުމުން އެކަންތައްތަކުގެ އަޑު ކަނޑުވާލުމަށެވެ.

"އިންޑިއާ ސިފައިން މިތާ ނެތް ކަމަކަށް ނުވާނެ. ސިއްރު އެގްރިމެންޓްތައް ނަހަދާ ކަމަކަށް ނުވާނެ. މިތާނގައި އެދުވަހު އެގްރިމެންޓްތައް ނުދައްކަންވެގެން ވަކާލާތުކުރި މީހުން މިއަދު އެގްރިމެންޓްތައް ދައްކަންވެގެން މި ވަކާލާތު ކުރަނީ ތިމާމެން އަތުގައި އޮތް ބާރު ގެއްލުނީމަ،" ވިދާޅުވި އެވެ.

ރައީސް މުއިއްޒު ރާއްޖެއިން އިންޑިއާ ސިފައިން ބާލުއްވާނެ ކަމަށްވެސް މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވި އެވެ.

ސިފައިންގެ އަދަދު ހާމަ ނުކުރެވިގެން އުޅެނީ ރަނގަޅަށް ލިޔެކިޔުން ނެތުމުން: އިބްރާހީމް ނަސީމް

ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ނަސީމް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މި ސަރުކާރުން ހާމަކުރާނެ ކަމަށެވެ.

ސިފައިންގެ އަދަދު ހާމަ ނުކުރެވިގެން އުޅެނީ ލިޔެކިޔުންތައް ރަނގަޅަށް ނެތުމުން ކަމަށް ނަސީމް ވިދާޅުވި އެވެ.

"ހާމަ ނުކުރެވިގެން އުޅެނީ ޑޮކިއުމަންޓްސްތައް ރަނގަޅަށް ނެތީމަ. އެކި މުއައްސަސާތަކުން މައުލޫމާތު ދެއްވަނީ އެކި އަދަދު އަދި އެއްވެސް ލިޔުމަކާ ނުލާވެސް ބައެއް ބޭބޭފުޅުން ތިބި ކަމަށްވޭ،" ނަސީމް ވިދާޅުވި އެވެ.

ނަސީމް އިތުރަށް ވިދާލުވީ މަޖިލީހަށް މިއަދު ކުއްލި މައްސަލަ ހުށަހެޅީ އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދޭން ނިންމުމުން އެކަން ހަޖަމު ނުވެގެން ކަމަށެވެ.

އެގޮތުން ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމާއި ވިނަރެސްގެ ޑައުންޕޭމަންޓް ކުޑަކުރުން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މެޑިކަލް ޗެކަޕް އާއި އައިވީއެފް އާސަންދައިން ހެދޭ ގޮތަށް ހެދުމާއި ހިލޭ ހައްޖަށް ދެވޭ ގޮތަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް މި ގޮތަށް ނިންމުމުން އެކަން ހަޖަމު ކުރުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވާނެ،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ސަރުކާރު އޮތީ ދޫ ދޭ ގޮތަށް ނޫން ކަމަށާއި ސަރުކާރު އޮތީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށެވެ.