ރައީސް މުހައްމަދު ނަޝީދު

ރާއްޖެ މިނިވަންވީ އިންޑިއާއާ ހެދި: ރައީސް ނަޝީދު

ރާއްޖެއަށް މިނިވަންކަން ލިބުނީ އިންޑިއާއާ ހެދި ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ އިދިކޮޅުން އަންނަ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ "އިންޑިއާ އައުޓް" ގެ ބޮޑު ހަރަކާތް ހުުއްޓުވުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި ބަހުސްގެ ތެރޭގައި ރިޔާސަތުގައި އިންނަވައިގެން ދެއްކެވި ވާހަކަ ފުޅުގަ އެވެ.

އެމަނިކުފާނު މިއަދު ވިދާޅުވީ އިންޑިއާ އަށް މިނިވަންކަން ލިބުނު އިރު ރާއްޖެ ބަލަަހައްޓަމުން ދިޔައީ ސިލޯނުގައި އޮތް ކޮލޯނިއަލް އެޑްމިނިސްޓްރޭޝަނަކުން ކަމަށެވެ.

އިންޑިއާއަށް މިނިވަންކަން ލިބުނީ 1947 ވަނަ އަހަރު އެވެ. އަދި ސްރީލަންކާއަށް މިނިވަންކަން ލިބުނީ 1948 ވަނަ އަހަރު އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއާއި ލަންކާއަށް މިނިވަންކަން ލިބި އަޅުގަނޑުމެންނަށް މިނިވަންކަން ނުލިބުމުގައި ވެސް ސިއްރެއް އޮންނާނެ ކަަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އިބްރާހިމް ޝިހާބް ޕްރައިމް މިނިސްޓަރު [އިންޑިއާގެ އޭރުގެ ބޮޑުވަޒީރު] ނެހެރޫ އާ ބައްދަލު ކުރެއްވި. އަދި ރާއްޖެއަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި 1968 ގެ ފަހުން ކަނޑައެޅި ހަމަޖެހިފައި މި އޮތީ އަޅުގަނޑަށް އެނގޭ ގޮތުގައި އިންޑިއާގެ ބައިވެރިވުން ވަރަށް ބޮޑުކޮށް އޮވެގެން،" ނަޝީދު ވިދާޅުވި އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަށް އަށެއްގައި މިނިވަން ދައުލަތަށް ރާއްޖެވެގެން ދިޔަ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ރާއްޖެއަށް މިނިވަންކަން ލިބުނީ 1965 ވަނަ އަހަރު އެވެ.

މިއަދު ކުރިއަށް ދިޔަ "އިންޑިއާ އައުޓް' ހަރަކާތާ ގުޅޭ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެ ހަަރަކާތް ނުހުއްޓުވާކަމަށް ބުނެ ސަރުކާރަށް ފާޑުކިޔައިފަ އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކި ބިރުވެރިކަން އުފެދޭ ހަރާކެއް ކަމަށާއި އަދި އެ ހަރަކާތް ހިންގުން ކުށަކަށްވާ އިރު ގަނޫނުގެ ތެރެއިން ހުއްޓުވަން ޖެހޭ ކަމަށެވެ.

"ގާނޫނުތައް އެބަހުރި. ހުއްޓުވަންޖެހޭ ކަމަށް އެބަ ގަބޫލުކުރޭ. ހުއްޓުވޭނެ ގޮތް އޮތް ކަމަށް ވެސް ގަބޫލުކުރޭ. ހުއްޓުވަން ބޭނުންވާ ކަމަށް ވެސް އެބަ ވިދާޅުވޭ. އެކަމަކު ނުހުއްޓުވާ. މިއީ އަރަތެއް،" ހަސަން ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވިދާޅުވީ އެ ހަރަކާތް ސަރުކާރަށް ހުއްޓުވެން ޖެހޭނެ ކަމަށެވެ.

"ކޮމިޝަނާ އޮފް ޕޮލިސް، އެމްއެންޑީއެފުން ސާފުކޮށް ބުނެފި ގައުމީ ނުރައްކަލެކޭ އިންޑިއާ އައުޓް މިއީ، އެހެންވީމާ ސަރުކާރަށް މިކަން ހުއްޓުވެން ޖެހޭނެ" އީވާ ވިދާޅުވި އެވެ.

ރަށްރަށުން މީހުން ގެނެސްގެން މާލޭގައި އަންނަ ހުކުރު ދުވަހު ބާއްވާ "އިންޑިއާ އައުޓް"ގެ ބޮޑު އެއްވުން ނުބާއްވަން މިހާރު ވަނީ އަންގައިފަ އެވެ.