ރައްޔިތުންގެ މަޖިލިސް

މަޖިލީހުން ނިންމީ އިންޑިއާ އެއްބަސްވުންތައް ރަނގަޅު ކަމަށް

ރާއްޖެ އާއި އިންޑިއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241) އިން ނިންމި ނިންމުމަށް މަޖިލީހުގެ ތަޅުމުން ތާއީދުކޮށްފި އެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއް ހެދުމަށް ވެވުނު އެއްބަސްވުމާއި ހަނިމާދޫގައި އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާ ބޯޓު ބާއްވައިގެން އޮޕަރޭޓް ކުރުމަށް ވެވުނު އެއްބަސްވުމާއި ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާ ކުރަން އިންޑިއާއަށް ހަވާލުކުުރުމަށް ވެވުނު އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށް ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

އެ ހުށައެޅުއްވުމާއި ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ބޭއްވި 241 ކޮމެޓީން ވަނީ ރާއްޖެ-އިންޑިއާ އެއްބަސްވުންތަކުގައި ގޯހެއް ނެތް ކަމަށް ނިންމާ ރިޕޯޓް ވަނީ ފާސްކޮށްފައެވެ. އެ ރިޕޯޓަށް މިއަދު ކުރިއަށްދާ ޖަލްސާގައި ދެންމެ ވަނީ ވޯޓަށް އަހާފައެވެ. އެ ރިޕޯޓް ފާސްކުރުމަށް 53 މެންބަރުން ވަނީ ވޯޓް ދެއްވާފައެވެ. ހަ މެންބަރަކު ވަނީ ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވާފައެވެ. 59 މެންބަރުން ބައިވެރިވެވަޑައިގެންނެވި ވޯޓްގައި ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން އެކަންޏެވެ.

އިދިކޮޅުގެ ހުށައެޅުންތައް ފެއިލް

ރާއްޖެ އާއި އިންޑިއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241) އިން ނިންމާ ތައްޔާރުކުރި ރިޕޯޓަށް މެންބަރު އާދަމް ޝަރީފް ވަނީ 13 ހުށައެޅުމަށް ހުށައަޅާއެވެ.

މެންބަރު ހުށައަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގަައި އެކްޝަން ޕްލޭން ފޯ ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާއަކީ 2016 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޚެއްގައި އެކުލަވާ އެކްޝަން ޕްލޭނެއް ކަމަށް ހިމެނުމާއި އުތުރުތިލަފަޅުގެ މަސައްކަތްތަކާއި އެ ތަނުގެ ފެސިލިޓީތައް ގާއިމުކުރުމާއި ބެލެހެއްޓުމުގެ ކަންކަން ވިލަރެސްކުރުމަށް ދިވެހި ސިފައިންނާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރާއި އިންޑިއާގެ އެހެން ފަރާތްތައް ހިމެނޭގޮތުން ޖޮއިންޓް ކޮމެޓީއެއް އުފައްދާ އެ ކޮމެޓީޏް އުތުރުތިލަފަޅުގެ މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަަމަށް ހިމެނުމާއި އުތުރުތިލަފަޅަކީ ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ތަރައްގީކުރާ މަރުކަޒަކަށްވެފައި މި އެއްބަސްވުމަކީ ގައުމީ ދިފާއީ ސަލާމަތާއި ގުޅުންހުރި އެއްބަސްވުމަކަށްވާއިރު އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކުރުމުގެ ކުރީން ރައްޔިތުންގެ މަޖިލީހަށް ނުވަތަ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަަށުން އުފައްދާފައިވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް މި އެއްބަސްވުން ހިއްސާކުރަން ޖެހޭ ގޮތަށެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޑޯނިއާ މަތިންދާބޯޓާއެކު ހަރަކާތްތެރިވާ އިންޑިއާ ސިފައިންގެ ކެއުމާއި ތިބުމާއި އަދި އެހެނިހެން ހަރަދުތައް ހަމަޖައްސަމުންދާނީ އިންޑިއާގެ ސަރުކާރުން ކަމާއި އިންޑިއާ ސިފައިންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ދިނުމަށް ރާއްޖެއިން އެއްބަސްވެފައިވާ ކަމަށްވެސް ހިމެނުމަށް ހުށައަޅާފައިވެއެވެ.

އަދި ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިއްކޭނީ ހަމައެކަނި އިންޑިއާއިން ކަމަށާ ދިވެހި ކަނޑުތަކުގެ ޗާޓު ދިވެހިރާއްޖެއިން ނުވިއްކޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށް ހިމެނުމާއި ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިއްކޭނީ ހަމައެކަނި އިންޑިއަށް ކަމަށާ އެ ފުރުސަތު ރާއްޖެއަށް ލިބިފައިނުވާތީ އާއި ޗާޓުތައް ވިއްކައިގެން ރޯޔަލިޓީގެ ގޮތުގައި ދިވެހިރާއްޖެއަށް ލިބެނީ 25 އިންސައްތަ ކަމަށް އެއްބަސްވެފައިވާތީ މި އެއްބަސްވުމުގައި ރާއްޖޭގެ މަސްލަހަތު ރައްކާތެރިކުރެވިފައިނުވާ ކަމަށް ހިމެނުމަށްވެސް ހުށައަޅާފައިވެއެވެ.

މީގެ އިތުރުން ރާއްޖެ-އިންޑިއާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާގެ 75 ސިފައިން ތިބިކަން ހާމަވެފައިވުމާއި އިންޑިއާއާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުންތަކުގެ އަސްލުތައް މަޖިލީހުގެ 241 ކޮމެޓީއަށް ހޯދާ ފުރިހަމައަށް ދިރާސާ ކުރުމާއި ބޭރު ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ނުތިބެވޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތާއި އިސްތިރާޖު ބަދަލުކުރުމަށް ހުށައެޅުމަށްވެސް ހިމަނާފައިވެއެވެ.

މި އިސްލާހުތަކަށް މިއަަދުގެ ޖަލްސާގައި ވަނީ ވަކިވަކިން ވޯޓަށް އަހާފައެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން ވަނީ އެ ހުރިހާ އިސްލާހުތައް ފެއިލްކޮށްލާފައެވެ. އިސްލާހުތަކަށް ވޯޓް ދެއްވީ ޕީޕީއެމް-ޕީއެންސީގެ ހަ މެންބަރުން އެކަންޏެވެ.