އާދަމް ޝަރީފު އުމަރު

ރާއްޖެއަށް އޮތް ގެއްލުންތައް ހިމަނަން ފާހެއް ނުވި

ރާއްޖެ އާއި އިންޑިއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241) އިން ނިންމާ ފާސްކުރި ރިޕޯޓަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށައެޅުއްވި އިސްލާހުތައް ހިމަނަން ނުފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި އެވެ. އާދަމް ޝަރީފް ހުށައެޅުއްވީ ރާއްޖެ-އިންޑިއާ އެއްބަސްވުމުގައި ހުރި ރާއްޖެއަށް ގެއްލުން ހުރި ކަންކަން ހިމަނާށެވެ.

ޖުމްލަ 13 ކަމެއް ހިމެނުއްވުމަށް މެންބަރު ހުށައެޅުއްވިއެވެ. އިސްލާހުތަކުގެ ތެރޭގަައި އެކްޝަން ޕްލޭން ފޯ ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާއަކީ 2016 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޚެއްގައި އެކުލަވާ އެކްޝަން ޕްލޭނެއް ކަމަށް ހިމެނުމާއި އުތުރުތިލަފަޅުގެ މަސައްކަތްތަކާއި އެ ތަނުގެ ފެސިލިޓީތައް ގާއިމުކުރުމާއި ބެލެހެއްޓުމުގެ ކަންކަން ވިލަރެސްކުރުމަށް ދިވެހި ސިފައިންނާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރާއި އިންޑިއާގެ އެހެން ފަރާތްތައް ހިމެނޭގޮތުން ޖޮއިންޓް ކޮމެޓީއެއް އުފައްދާ އެ ކޮމެޓީޏް އުތުރުތިލަފަޅުގެ މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަަމަށް ހިމެނުމާއި އުތުރުތިލަފަޅަކީ ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ތަރައްގީކުރާ މަރުކަޒަކަށްވެފައި މި އެއްބަސްވުމަކީ ގައުމީ ދިފާއީ ސަލާމަތާއި ގުޅުންހުރި އެއްބަސްވުމަކަށްވާއިރު އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކުރުމުގެ ކުރީން ރައްޔިތުންގެ މަޖިލީހަށް ނުވަތަ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަަށުން އުފައްދާފައިވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް މި އެއްބަސްވުން ހިއްސާކުރަން ޖެހޭ ގޮތަށެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޑޯނިއާ މަތިންދާބޯޓާއެކު ހަރަކާތްތެރިވާ އިންޑިއާ ސިފައިންގެ ކެއުމާއި ތިބުމާއި އަދި އެހެނިހެން ހަރަދުތައް ހަމަޖައްސަމުންދާނީ އިންޑިއާގެ ސަރުކާރުން ކަމާއި އިންޑިއާ ސިފައިންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ދިނުމަށް ރާއްޖެއިން އެއްބަސްވެފައިވާ ކަމަށްވެސް ހިމެނުމަށް ހުށައަޅާފައިވެއެވެ.

އަދި ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިއްކޭނީ ހަމައެކަނި އިންޑިއާއިން ކަމަށާ ދިވެހި ކަނޑުތަކުގެ ޗާޓު ދިވެހިރާއްޖެއިން ނުވިއްކޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށް ހިމެނުމާއި ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިއްކޭނީ ހަމައެކަނި އިންޑިއަށް ކަމަށާ އެ ފުރުސަތު ރާއްޖެއަށް ލިބިފައިނުވާތީ އާއި ޗާޓުތައް ވިއްކައިގެން ރޯޔަލިޓީގެ ގޮތުގައި ދިވެހިރާއްޖެއަށް ލިބެނީ 25 އިންސައްތަ ކަމަށް އެއްބަސްވެފައިވާތީ މި އެއްބަސްވުމުގައި ރާއްޖޭގެ މަސްލަހަތު ރައްކާތެރިކުރެވިފައިނުވާ ކަމަށް ހިމެނުމަށްވެސް ހުށައަޅާފައިވެއެވެ.

މީގެ އިތުރުން ރާއްޖެ-އިންޑިއާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާގެ 75 ސިފައިން ތިބިކަން ހާމަވެފައިވުމާއި އިންޑިއާއާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުންތަކުގެ އަސްލުތައް މަޖިލީހުގެ 241 ކޮމެޓީއަށް ހޯދާ ފުރިހަމައަށް ދިރާސާ ކުރުމާއި ބޭރު ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ނުތިބެވޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތާއި އިސްތިރާޖު ބަދަލުކުރުމަށް ހުށައެޅުމަށްވެސް ހިމަނާފައިވެއެވެ.

މި އިސްލާހުތަކަށް މިއަަދުގެ ޖަލްސާގައި ވަނީ ވަކިވަކިން ވޯޓަށް އަހާފައެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން ވަނީ އެ ހުރިހާ އިސްލާހުތައް ފެއިލްކޮށްލާފައެވެ. އިސްލާހުތަކަށް ވޯޓް ދެއްވީ ޕީޕީއެމް-ޕީއެންސީގެ ހަ މެންބަރުން އެކަންޏެވެ.

އިސްލާހުތަކަށް ފަހު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވަނީ 241 ކޮމެޓީގެ ރިޕޯޓަށް ވޯޓަށް އައްސަވާފައެވެ.

ރިޕޯޓް ފާސްކުރުމަށް 53 މެންބަރުން ވަނީ ވޯޓް ދެއްވާފައެވެ. ހަ މެންބަރަކު ވަނީ ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވާފައެވެ. 59 މެންބަރުން ބައިވެރިވެވަޑައިގެންނެވި ވޯޓްގައި ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން އެކަންޏެވެ.

މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރީން ނަޝީދު ވަނީ އެ ނިންމުމާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ 241 ކޮމެޓީގެ ރިޕޯޓުން ރާއްޖެ-އިންޑިއާ އެއްބަސްވުމުގައި އެއްބަސްވުމުގައި ސިޔާދަތަކަށްވެސް އަދި މިނިވަން ކަމަކަށްވެސް ނުރައްކަލެއް ނެތްކަން ސާފު ކަމަށެވެ.

"ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ކުރެވިފައި ހުރި އެގްރީމަންޓްތަކާއި ގުޅޭ ނުތަނަވަސްކަން ބައެއް އިއްޒަތްތެރި މެންބަރުންގެ ކިބާގައި އޮތަތީ އެ އިއްޒަތްތެރި މެންބަރުން އެދިވަޑައިގަތުމުން އެ އެގްރީމަންޓްތައް ވަނީ މިތަނުން، މަޖިލީހުގެ ކޮމެޓީން ދިރާސާކުރެވިފައި. އަދި އެ ދިރާސާ ކުރެވުނު ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ގެނެވި އެ ރިޕޯޓްގައި ބުނާ އެއްޗެއް މި ވަނީ ފާސްކުރެވިފައި. އެ ރިޕޯޓުން ވަރަށް ސާފުކޮށް އެގެނީ ސިޔާދަތަކަށްވެސް އަދި މިނިވަން ކަމަކަށްވެސް އެގްރީމަންޓްތަކުގެ ސަބަބުން ކުޑަވެސް އަސަރެއް، ލޮޅުމެއް ނުކުރާކަން،" ނަޝީދު ވިދާޅުވިއެވެ.