ދިވެހި އިންޑިއާގެ ގުޅުން

ހިލޭ އެހީގެ އަދަދުން ގުޅުން ބަދަހިވި މިންވަރު ސާފު

Nov 12, 2019
6

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާއާއެކު އޮންނަ ގުޅުން ރަނގަޅުވެފައިވާ މިންވަރު، އަންނަ އަހަރު ރަހުމަތްތެރި ގައުމުތަކުން ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދުތަކުން ރަމްޒު ކޮށްދީފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ ޖުމްލަ 5.2 ބިލިއަން ރުފިޔާ އެވެ. އެއީ މި އަހަރާ އަޅާބަލާއިރު ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.

އޭގެ ތެރެއިން އަވަށްޓެރި އިންޑިއާއިން އެކަނި 4.6 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، އެއީ ޖުމްލަ އަދަދުގެ 88 ޕަސަންޓަށް ވުރެ މައްޗެވެ. އިންޑިއާ ފިޔަވައި، ރަހުމަތްތެރި ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ހިލޭ އެހީ ދޭނެ ކަމަށް ބަލާފައިވަނީ ޖަޕާނުންނެވެ. އެ ގައުމުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ އެވެ.

އެކިއެކި ޖަމާއަތްތަކުން އަންނަ އަހަރު 548 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، އެންމެ ގިނައިން ދޭނެ ކަމަށް ލަފާކުރަނީ އޭޑީބީންނެވެ. އޭޑީބީން 235 މިލިއަން ދޭނެ ކަމަށް ބުނެފައިވާއިރު، ވޯލްޑް ބޭންކުން 182 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިންޑިއާއާ ދުރުވެ ބޮޑެތި މަޝްރޫއުތައް ހިންގަން ބަރޯސާވި ޗައިނާއިން އަންނަ އަހަރު ދޭނެ ކަމަށް ލަފާ ކޮށްފައިވަނީ 100،000 ރުފިޔާ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އެންމެ ގާތް ގުޅުމެއް ބާއްވަމުން ގެންދަވަނީ އިންޑިއާއާ އެވެ. އެ ގޮތުން އެމަނިކުފާނު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވި އެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ސޯލިހު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެވެ.

ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެން ފަހުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ވަޑައިގެންނެވީ ރާއްޖެއަށެވެ. މޯދީގެ ރާއްޖެ ވަޑައިގަތުމުން ނިޝާން އިއްޒުއްދީންގެ ލަގަބު މޯދީއަށް ވަނީ އަރުވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މޯދީ ވަނީ ތަގުރީރު ކުރައްވައިފަ އެވެ.

އެ ދަތުރުފުޅުތަކުގައި ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއި ކުރި އެވެ. އޭގެ އިތުރުން، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރަން އިންޑިއާއިން ވަނީ 1.4 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމި އެވެ.