ދިވެހި - ޗައިނާގެ ރަހުމަތްތެރި ކަމުގެ ގުޅުމަކީ ދެ ގައުމަށް ވެސް ފައިދާވާ ގުޅުމެއް ކަމަށާއި ޗައިނާގެ ނިޔަތް އޮންނާނީ ރާއްޖެއަށް އެހީ ވެދޭން ކަމަށް ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ދިވެހި - ޗައިނާގެ ގުޅުން ދިފާއު ކުރައްވާ އަބަދުހެން ވަކާލާތު ކުރައްވާ ޖޭންގް ލީޖޮންގް ވިދާޅުވެއްޖެ އެވެ.
މިފަދަ މޭރުމަކުން ސަފީރު ވާހަކަފުޅު ދެއްކެވީ އޭނާގެ އާދައިގެ މަތީން ޓްވީޓެއް ކުރައްވައިގެނެވެ. މިއަދު އޭނާ ޓްވީޓެއް ކުރެއްވީ "ރާއްޖެ ކާމިޔާބު ކުރުމުގެ މެޗުން އިންޑިއާއަށް މޮޅުވެވިދާނެތޯ" ސުވާލުކޮށް އަދި ދިވެހި- ޗައިނާގެ ރަހުމަތްތެރި ކަމާ ވެސް ގުޅުވައި އިންޑިއާ ބަޔަކު އިސްވެ ތިބެ ހިނގާ އޮންލައިން ނޫހެއް ކަމަށްވާ ދަ ޑިޕްލޮމެޓް ގައި އިންޑިއާގެ ތިންކް ޓޭންކަކަށް ނިސްބަތްވާ މީޑީއާ ކޯޗް ސުދާ ރާމަ ޗަންދުރަން ލިޔެފައިވާ މަޒުމޫނެއް ހިއްސާ ކުރެއްވުމަށް ފަހު އެވެ. ސުދާ އަކީ ބެންގަލޫރުގައި ގާއިމުވެ ހުރެގެން އިންޑިއާ އާއި ރާއްޖެ، އިންޑިއާއި ޗައިނާ އަދި ސްރީކަންކާ އާއި ޗައިނާގެ ގުޅުމުގެ މައްޗަށް ވަރަށް ގިނައިން މަޒުމޫނުތައް ލިޔާ މީހެކެވެ.
އޭނާގެ ލިޔުމެއް ހިއްސާ ކުރައްވާ ޗައިނާ ސަފީރު ވިދާޅުވި ގޮތުގައި ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ޗައިނާއިން އެހީވެ އެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނޭ ގޮތުން އެހީ ވަނީ ޗައިނާ އާއި އެހީވާ ގައުމުގެ ވެސް މަންފާއަށެވެ. ޗައިނާގެ ވިސްނުމަކީ ތަރައްގީއަށް އެހީތެރިވާ އެހެން ގައުމުތަކާއި ދެކޮޅުވުން ނޫންކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ދިވެހި - ޗައިނާގެ ގުޅުން ސިފަ ކުރައްވާ ސަފީރު ޖޭންގް ލީޖޮންގް ވިދާޅުވީ ރާއްޖެ އާއެކު ޗައިނާއިން ބާއްވާ ގުޅުމުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާތައް އެބައޮތް ކަމަށެވެ. ޗައިނާއަށް ފައިދާވެފައި ރާއްޖެއަށް ގެއްލުންވާ ގުޅުމެއް ޗައިނާއިން ނުގެންގުޅޭނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެ އާއި ޗާއިނާއާ ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާގެ ގޮތުގައި ރާއްޖެއަށް ގިނަ އެހީތަކެއްވި އެވެ. އޭގެ ސަބަބުން ރާއްޖެ އައި އިންޑިއާގެ ގުޅުމަށް ބުރޫރައި އިންޑިއާއިން ރާއްޖެއާ ފެއަށް ޖެހުނެވެ. އަދި އެވެރިކަން ބަދަލުވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ރާއްޖެ އާއި އިންޑިއާގެ ގުޅުން އަލުން ބަދަހިވެ ޗައިނާގެ ގުޅުމަށް ހީނަރުކަން ލިބިފައި ވެއެވެ.