ހަބަރު

ގޯސް މައުލޫމާތު ހާމަކުރާތީ އިތުރަށް ލޯނު ހޯދަން ދަތިވާނެކަމުގެ ކަންބޮޑުވުން

ރާއްޖެއަށް ބޭރުގެ އެކި ގައުމުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދީފައިވާ ލޯނުތަކުގެ ނުރަނގަޅު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކުމަކީ ލޯނުދޭ ފަރާތްތަކާއި އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު ގެއްލި، ކުރިއަށް އޮތް ތަނުގައި ދައުލަތުން ނަގާ ލޯނުތަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީ އަދި ނަގާފައިވާ ލޯނާގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދެއްވަމުން އަމީރު ވިދާޅުވީ ދައުލަތުން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ޑިފޯލްޓުނުވާ ގޮތަކަށް ވަރަށް ހިކުމަތްތެރިކަމާއެކު ކަމަށެވެ.

"މި ނޫން ގޮތަކަށް އަމަލުކުރުމާ ގުޅިގެން ލޯނު އެއްބަސްވުމުގެ އެއްވެސް މާއްދާއެއް ޓްރިގާ ވެއްޖެ ނަމަ، ދައުލަތުން ކުރިއަށް އޮތް ތަނުގައި ނަގާ ދަރަންޏަށް އޭގެ ނޭދެވޭ އަސަރުތައް ކޮށް، ގައުމުގެ ރޭޓިން ދަށްވެ، އިތުރަށް ފައިނޭންސިން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ދަރަނީގެ އެއްބަސްވުންތަކުގައި ވަކި މިންގަނޑުތަކެއް ހިފަހެއްޓުމަށް ދެ ފަރާތަށް ވެސް ލާޒިމުވާ ކަމަށެވެ. އެގޮތުން، އެ އެއްބަސްވުންތަކުގައި ހިމެނޭ ޓާމްސްތަކަކީ ސިއްރު މައުލޫމާތުތަކެއްކަން ފާހަގަކުރައްވަމުން، އަމީރު ވިދާޅުވީ އެ މައުލޫމާތު ހާމަކުރެވޭނީ ދަރަނީ ދޫކުރި ފަރާތުގެ އިޒުނައާއެކު ކަމަށެވެ.

އަދި އެ ނޫން ގޮތަކަށް އަމަލުކުރާނަމަ ލޯނު ދޭ ފަރާތްތަކާއި އިންވެސްޓަރުންގެ ކުރިމަތީގައި ދިވެހި ދައުލަތާއި ގައުމުގެ އިތުރުބާރު ގެއްލި، އިތުރަށް ފައިނޭންސިން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

"މިފަދަ މައުލޫމާތުތައް އާއްމުކުރުމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ބޮޑުވެ، އިތުރު ފައިނޭންސިން ހޯދުމަށް ދަތިވާނެ،" ބައިނަލްއަގުވާމީ މާކެޓުގައި ރާއްޖޭގެ ފަރާތުން ސުކޫކެއް ވިއްކުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެކަމަށް ނޭދެވޭ އަސަރެއް ކުރާނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވަމުން އަމީރު ވިދާޅުވި އެވެ.

އަމީރު އިޝާރާތް ކުރެއްވީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން، ސަރުކާރުން އިންޓަނޭޝަނަލް މާކެޓުގައި 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ) ގެ ސުކޫކްއެއް ވިއްކަން ނިންމާފައިވާ ނިންމުމަށެވެ.

އެގޮތުން، ދަރަނި ނުވަތަ ލޯނު އެއްބަސްވުންތަކާ ގުޅޭ ނުރަނގަޅު މައުލޫމާތު ހާމަނުކުރުމުގެ އިތުރުން ކްރެޓިޑް އޭޖެންސީ ތަކުން ރާއްޖޭގެ ރޭޓިން ދަށްކުރުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށްވެސް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"އިންވެސްޓަރުންނަށް މި ސުކޫކުގައި އިންވެސްޓު ކުރުމުގެ ކޮންފިޑެންސް ނުގެއްލޭ ގޮތަށް ހުރިހާ މުއައްސަސާތަކުންވެސް އަމަލުތައް ބެހެއްޓުމަކީ މި ނާޒުކު ދަނޑިވަޅުގައި ވަރަށް މުހިއްމުކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

އަމީރުގެ ވާހަކަފުޅާ ގުޅިގެން މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ސިޔާސީ އެކި ބޭނުންތަކުގައި މަޖިލީހުގެ ތަޅުމުގައި ރާއްޖޭގެ ދަރަންޏާ ގުޅުވައިގެން އެކި ކަހަލަ ތުހުމަތުތައް އަމާޒުވަމުންދާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއިން ލޯނު ނަގައިގެން ހިންގާފައިވާ ސިނަމާލެ ބްރިޖު ފަދަ މަޝްރޫއުތަކާއެކު ޗައިނާގެ "މަޅީގައި" ޖެހި "އަޑި ނޭނގޭ" އެއްބަސްވުންތަކުގެ ދަށުން ދިވެހިންގެ ބޮލުގައި ވެސް 3.1 ބިލިއަން ޑޮލަރުގެ ދަރަންޏެއް އެޅިފައިވާކަމަށް ޗައިނާގެ ދަރަންޏާ ގުޅޭގޮތުން އަބަދުވެސް ކަންބޮޑުވުންފާޅު ކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ނަޝީދު ދައްކަވަނީ ހަަގީގަތާއި ހިލާފު ހިޔާލީ ވާހަކަތަކެއް ކަމަށް ޗައިނާ ސަފީރުވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ނަޝީދުގެ ތުހުމަތުތަކަށް ނުސީދާކޮށް އިޝާރާތް ކުރައްވަމުން، ޝަރީފް ވަނީ "ޑެޓް ޓްރެފް" އާއި ރާއްޖޭން ނަގާފައިވާ ދަރަނީގެ މައުލޫމާތު ނޭނގޭ ކަމުގެ ވާހަކަ ދެކެވޭއިރު، ރޭޓިން ދަށްވެ، ދަރަނި ނުދެއްކޭ ފަދަ ހާލަތަކަށް ރާއްޖެ ދިއުމާ ގުޅޭގޮތުން މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ކޮވިޑް-19 އިގެ ހާލަތުން އަރައިގަނެ، ރާއްޖޭގެ އިގުތިސޯދު އަލުން އާރާސްތުކުރުމަށްޓަކައި އިތުރަށް ދަރަނި ނަގަންޖެހޭ ކަމަށެވެ. އަދި އެފަދަ މައުލޫމާތުތައް އާއްމުކޮށް ހާމަކުރަނީނަމަ އޭގެ ނޭދެވޭ އަސަރު އިންވެސްޓާ ކޮންފިޑެންސަށް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ ދަރަނިތަކާބެހޭ ހުރިހާ މައުލޫމާތެއް ވަރަށް ރަނގަޅަށް ބަލަހައްޓަމުން، ދަރަނި މެނޭޖު ކުރެވެމުންދާ ކަމަށެވެ.

"ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ހަގީގަތާ ހިލާފު ރަނގަޅު ނޫން މައުލޫމާތުތަކެއް އަޅުގަނޑުމެންނަށް ޝާއިއުކުރެވި އަޅުގަނޑުމެންނަށް ބޭރުކުރެވޭނަމަ، އޭގެ ސަބަބުން އަޅުގަނޑުމެންގެ އިންވެސްޓާ ކޮންފިޑެންސް ދަށަށް ދާނެ. އިންވެސްޓާ ކޮންފިޑެންސް ދަށަށް ގޮސްފިނަމަ އަޅުގަނޑުމެންގެ ކްރެޑިޓް ރޭޓިން ދަށްވެގެންދާނެ،" އަމީރު ވިދާޅުވި އެވެ.

އަދި ހަގީގަތާ ހިލާފު މައުލޫމާތުތަކުގެ ސަބަބުން ދަރަނި ރެކޯޑު ކުރުމާއި ބެލެހެއްޓުމުގައި ފިނޭންސް މިނިސްޓްރީ އިސްވެ ކުރަމުންދާ މަސައްކަތާމެދު އިންވެސްޓަރުން ކުރާ އިތުބާރު ގެއްލުމުގެ ފުރުސަތުވެސް އޮންނާނެކަމަށް އަމީރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަރަނި ނަގާއިރު، ހުރިހާ ކަމެއް ގުޅި ލާމެހިފައި އޮންނަ ކަމަށާއި ދަރަންޏާ ގުޅޭ ކަންކަން ރަނގަޅަށް ދިރާސާނުކޮށް އެކަމުގެ ހައްސާސްކަން ނުވިސްނި ވާހަކަ ދައްކާނަމަ، އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

"މާދަމާ ނެރޭ ރިޕޯޓަކުން އަޅުގަނޑުމެންގެ ރޭޓިން ދަށް ކޮށްފާނެ. ރޭޓިން ދަށްވެއްޖެއްޔާ މިސާލަކަށް ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން މާކެޓަށް ނުކުންނަ އިރު، އޭގެ ސަބްސްކްރިޕްޝަން ދަށްވެގެންދާނެ. އޭރުން އަޅުގަނޑުމެންގެ ކޮސްޓް އޮފް ބޮރޮއިންގް އެބަ އިތުރުވޭ، މިސާލަކަށް ފަސް ޕަސަންޓުން ހަތް ޕަސަންޓަށް އެބަ އިތުރުވޭ،" އަމީރު ތަފްސީލުކޮށް ދެއްވި އެވެ.