ހަބަރު

"ލޯނުތަކުގައި މައްސަލައެއްނެތް، ކަންބޮޑުވުމަކީ މަޝްރޫއުތަކުގެ އަގު"

ކުރީގެ ސަރުކާރުން ޗައިނާ އާއި އަދި ދޭދޭ އެހެން ގައުމުތަކުން ނަގާފައިވަނީ ހަމަ ރަނގަޅު ކޮންސެޝަނަލް ލޯނުތަކެއް ކަމަށާއި، ނަމަވެސް، ކަންބޮޑުވުމަކީ ގިނަ ލޯނުތައް ނަގާފައިވަނީ މަޝްރޫއުގެ އަގު ބޮޑުކޮށްކަމަށްތީ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީ އަދި ނަގާފައިވާ ލޯނާގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދެއްވަމުން އަމީރު ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން ނެގި ބޮޑެތި ލޯނުތަކާއެކު ދައުލަތުގެ ދަރަނި ކުއްލިއަކަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއިން ލޯނު ނަގައިގެން ހިންގާފައިވާ ސިނަމާލެ ބްރިޖު ފަދަ މަޝްރޫއުތަކާއެކު ޗައިނާގެ "މަޅީގައި" ޖެހި "އަޑި ނޭނގޭ" އެއްބަސްވުންތަކުގެ ދަށުން ދިވެހިންގެ ބޮލުގައި ވެސް 3.1 ބިލިއަން ޑޮލަރުގެ ދަރަންޏެއް އެޅިފައިވާކަމަށް ޗައިނާގެ ދަރަންޏާ ގުޅޭގޮތުން އަބަދުވެސް ކަންބޮޑުވުންފާޅު ކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އަދި ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ހަގީގީ އަގަށް ވުރެ ބޮޑުކޮށްކަމަށްވެސް ނަޝީދު ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.

މިއަދުގެ ކޮމިޓީގައި ރާއްޖޭގެ ދަރަންޏާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ލޯނު ނަގައިގެން ހިންގާ މަޝްރޫއުތަކަކީ އެކަމުން އާމްދަނީ އިތުރުވާ ފަދަ، ފީސިބަލް މަޝްރޫއުތަކަށް ވުމަކީ މުހިއްމުކަމެއް ކަމަށެވެ.

"ކުރީގެ ސަރުކާރުތަކުން ސޮވެރިން ގެރެންޓީ ދީގެން އަދި އެހެނިހެން ގޮތް ގޮތުން ނަގާފައިވާ ލޯނުތަކުން ހިންގާފައިވާ މަޝްރޫއުތަކަކީ ފީސިބަލް މަޝްރޫއުތަކެއް ނޫންވީމާ، އޭގެ ޒާތުގަ އާމްދަނީ އެއް ނުލިބޭ. އެހެންވީމާ ސަރުކާރުން މިޖެހެނީ ދައުލަތަށް ލިބޭ ފައިސާއިން އެ ސަބްސިޑައިސްކޮށްދޭން،" އަމީރު ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރީގެ ސަރުކާރުން އެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ގޮތާބެހޭ ގޮތުންވެސް މިނިސްޓަރު ވަނީ ސުވާލު އުފައްދައިފަ އެވެ.

މިސާލެއްގެ ގޮތުގައި އަމީރު ވިދާޅުވީ 2018 ވަނަ އަހަރު އިންޑިއާ އިން ދިން އެހީގެ ޕެކޭޖުގައި ހިމެނޭ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން (އެލްއޯސީ)ގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކަކީ ޕްރޮޕޯސަލްތައް ހަދައިގެން އިންޑިއާގައި ޓެންޑަރަށް ހުޅުވާލައިގެން ޕްރީ ކޮލިފައިވެގެން އަންނަ ހުށަހެޅުންތައް ރާއްޖޭގެ ޓެންޑާ ބޯޑުން ބެލުމަށްފަހު ހިންގާނެ މަޝްރޫއުތައް ކަމަށެވެ.

""ތިބޭފުޅުން އަސްލު ރަނގަޅަށް ބައްލަވާލެއްވިއްޔާ އެނގޭނެ މިދިއަ ސަރުކާރުތަކުން ކޮށްފަ ހުރި ގިނަ ޕްރޮޖެކްޓްސްތަކަކީ 100 ރުފިޔާއަށް ކުރެވޭ ކަމެއް ކޮށްފައި މި އޮންނަނީ 200 ރުފިޔާއަށް. މިއީ އަޅުގަނޑުމެން އަބަދުވެސް މި ދައްކާ ވާހަކައަކީ. އެ 200 ރުފިޔާ ލިބިފައި މި އިންނަނީ ހަމަ ކޮންސެޝަނަލް ލޯނެއްގެ ގޮތުގައި. އިންޓްރެސްޓް ރޭޓުވެސް ހަމަ ދޭދޭ ގައުމުތަކުން ދޭ ރަނގަޅު ރޭޓުގައި. ޓެނުއާވެސް ހަމަ ރަނގަޅު. އެކަމަކު ހަގީގަތުގައި އެކަން ކުރެވޭނެއޭ 100 ރުފިޔާ އަށް،" މިސާލެއްގެ ގޮތުގައި އަމީރު ވިދާޅުވި އެވެ.

ލޯނުތަކުގެ އިތުރުން ބޮންޑު ވިއްކުމުގައި ވެސް ކުރީ ސަރުކާރުން ގޯސްކޮށް އަމަލުކޮށްފައިވާކަމަށްވެސް މިނިސްޓަރު ފާހަގަކޮށްދެއްވި އެވެ.

އެގޮތުން، އަމީރު ވިދާޅުވީ 2017 ވަނަ އަހަރު 250 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބޮންޑެއް ވިއްކާފައިވަނީ ހަތް ޕަސަންޓުގައި ފަސް އަހަރަށް ކަމަށެވެ.

ނަމަވެސް، ކޮވިޑް-19 އިގެ ދަތި ހާލަތުގެ ތެރެއިން، ދާދި ފަހުން އިންޑިއާ ސަރުކާރުން މެދުވެރިވެގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް މި ސަރުކާރުން 250 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބޮންޑު ވިއްކާފައިވަނީ 3.5 ޕަސަންޓުގައި 10 އަހަރަށް ކަމަށެވެ.

"އެއީ އަޅުގަނޑުމެން ކުރި މަސައްކަތުން. މިއީ މިކަމުގައި ހުރި ތަފާތަކީ،" އަމީރު ވިދާޅުވި އެވެ.

"ރަނގަޅު ދެ ފުށް ފެންނަ އުސޫލެއްގެ ތެރެއިން އެކަން ކޮށްފައި ނެތީމަ އޭގެ ގެއްލުން އަޅުގަނޑުމެންނަށް ވެގެން މި ދަނީ."

ނަމަވެސް، ދަރަނި ދެއްކުމުގެ ގާބިލުކަން ހުރި ކަމަށާއި، ޑެޓް ޑިފޯލްޓަކަށް ނުދާނެކަމުގެ ޔަގީންކަން އަމީރު މިއަދުވެސް ވަނީ ދެއްވާފައި އެވެ.