ހަބަރު

އިންޑިއާ އިން ނެގި ލޯނުގެ ތަފްސީލް ސާފުކޮށް ދީފި

Oct 7, 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަވަށްޓެރި އިންޑިއާއާއެކު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ މިންވަރަށް ގުޅުން ބަދަހިވެފައިވާއިރު، އިންޑިއާއިން ރާއްޖެއަށް ދެމުންދާ ލޯނާއި އެހީގެ ތަފްސީލުތައް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ސާފުކޮށްދެއްވައިފި އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ހަދާ ފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައިވާ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، އިތުރު ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މާވަށު ދާއިރާގެ އިދިކޮޅު މެންބަރު މުހައްމަދު ސައީދު ވަނީ އިންޑިއާ އިން ނަގަމުންދާ ލޯނުތަކުގެ މައުލޫމާތު ސާފުނުވާކަމަށް ވިދާޅުވެފަ އެވެ.

އަވަށްޓެރި އިންޑިއާއާއެކު އޮންނަ ގުޅުން މި ސަރުކާރުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ 1.4 ބިލިއަން ޑޮލަރުގެ އިގްތިސޯދީ ޕެކޭޖެއްގައިވެސް ސޮއި ކުރައްވައިފަ އެވެ.

ނަމަވެސް، އޭގެ ފަހުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް މި ސަރުކާރުން އިއުލާނު ކޮށްފައިވާ ބްރިޖްގެ މަޝްރޫއުއަށް އިންޑިއާ ސަރުކާރުން 500 މިލިއަން އެމެރިކާގެ ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް ނިންމާފައިވާ ކަން ވަނީ އިއުލާނުކޮށްފަ އެވެ.

އަދި ދާދި ފަހުން ބަޖެޓް ސަޕޯޓަށް އިންޑިއާ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވަނީ 250 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކައިފަ އެވެ.

އެކަންކަމަށް އިޝާރާތް ކުރައްވަމުން، ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ އެކި ފަހަރު މަތިން އިންޑިއާ އިން ދެމުންދާ ލޯނުތަކާއެކު، އެ ގައުމުން ނެގި ޖުމްލަ ލޯނުގެ އަދަދު މިހާރު ސާފު ނުވާ ކަމަށެވެ.

ސައީދުގެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ 2018 ވަނަ އަހަރު އިންޑިއާ އިން ދިން އެހީގެ ޕެކޭޖުގައި ހިމެނެނީ ލައިން އޮފް ކްރެޑިޓުން (އެލްއޯސީ) ދިން 800 މިލިއަން ޑޮލަރާއި، 200 މިލިއަން ޑޮލަރުގެ އެހީއާއި 400 މިލިއަންގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ކަމަށެވެ.

އެގޮތުން، އިންޑިއާގެ އެހީގައި ހިންގުމަށް މިހާރު އިއުލާނުކޮށްފައިވާ ގުޅިފަޅު ބަންދަރު ހެދުން ފަދަ މަޝްރޫއުތަކަކީ އެލްއޯސީގެ ތެރެއިން ހިންގާ މަޝްރޫއުތަކެއް ކަމަށެވެ.

އަމިރު ވިދާޅުވި ގޮތުގައި އެލްއޯސީ އަކީ ޕްރޮޖެކްޓުތަކަށް ޕްރޮޕޯސަލްތައް ހަދައިގެން އިންޑިއާގައި ޓެންޑަރަށް ހުޅުވާލައިގެން ޕްރީ ކޮލިފިވެގެން ފައިސާ ހޯދާނެ މެކޭނިޒެއް ކަމަށެވެ.

އެގޮތުން، ލިބޭ ޕްރޮޕޯޒަލްތައް ރާއްޖޭގެ ޓެންޑާ ބޯޑުން ބެލުމަށްފަހު، ހިންގާނެ މަޝްރޫއުތައް ކަނޑައަޅަނީ ދިވެހި ސަރުކާރުންކަމަށް އަމީރު ވިދާޅުވި އެވެ.

"އެލްއޯސީގެ ތެރެއިން ޕޯޓު ތަރައްގީ ކުރުމާއި، އައްޑޫ ޑިވެލޮޕްމަންޓާއި، 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު އާއި އައްޑޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަން އަޅުގަނޑުމެން ވިސްނާފައި ހުރީ" އަމީރު ތަފްސީލް ކޮށްދެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދައުލަތުގެ ދަރަންޏަށް އެއްފަހަރާ 800 މިލިއަން ޑޮލަރު އިތުރުނުވާނެ ކަމަށާއި، ދަރަނީގެ ގޮތުގައި ގުނާނީ އެފަދަ މަޝްރޫއުތަކަށް ހަރަދުކުރެވޭ މިންވަރަކުން ކަމަށެވެ.

ލޯނުގެ އިތުރުން، އިންޑިއާ ސަރުކާރުން މެދުވެރިވެގެން އެސްބީއައި އިން 250 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓުކުރީ ކަމަށެވެ. އަދި އެގޮތަށް މީގެ ކުރިންވެސް ބޮންޑު ވިއްކާފައިހުރިކަން އަމީރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.