ދައުލަތުގެ ދަރަނި

ފޯކަސް ކޮށްލުމުން ރާއްޖެއަކީ ދަރަނި މަންޒިލެއް!

ދިވެހިންގެ އާއްމު ދިރިއުޅުމުގެ އެންމެ އާދައިގެ ބޭނުން ވެސް ފެށިގެން އަންނަނީ ވެސް ލޯނަކުންނެވެ. ނުވަތަ ދަރަނިންނެވެ. ވަޒީފާއަކަށް ވަންނަތަކުން ލޯނުން ބަނދެވި ސައިކަލް ނަގަ އެވެ. އެންމެ ފަހުގެ ފޯނު ތައާރަފު ވާއިރަށް ދަރަނީގެ މަޅިއަކަށް ބޯ މަހާލައިގެން ފޯނެއް ހޯދަ އެވެ. މިއީ ދިވެހިންގެ ލައިފް އިސްޓަލެވެ. ދިވެހި ސަރުކާރުންގެ ލައިފް އިސްޓައިލް ވެސް ހުރީ ހަމަ މިކަހަލަ ގޮތަކަށެވެ. ދައުލަތުގައި ވެސް އޮތީ ވެސް އިންތިހާއަށް ހަރަދު ބޮޑު ސިސްޓަމެއް އެ ބައްޓަމަށެވެ. މައި ސަރުކާރުގެ ނިޒާމްތައް ވެސް އޮތީ ހަމަ އެގޮތަށެވެ. ލިބޭ އެއްޗަކަށްވުރެ ކުރަން ޖެހޭ ހަރަދު އިންތިހާއަށް ބޮޑު ކޮށެވެ. އޭގެ ނަތީޖާއަކަށް ވަނީ ދަރަނި ނަގަން މަޖުބޫރު ވުމެވެ. މިހެން މިކަން އޮއްވާ އާމްދަނީއަށް އެތައް ގޮތަކުން ލޮޅުން އެރި ކޮވިޑުގެ ބައްޔާއެކު ދަރަނީގެ މަންޒިލަކަށް ރާއްޖެ ބަދަލުވެ ނިމިފައި މިހާރު ވެއެވެ.

މި ކަމުގެ ސަބަބުން ނުކުމެދާނެ މައްސަލަތައް އެއްވެސް މީހަކަށް އެނގޭ ހެއްޔެވެ؟ މިއީ ކިހާ ކަންބޮޑުވުމެއް އޮތް ކަމެއްކަން ދެނެހުރި ހެއްޔެވެ؟ ދަރަނި ނުދެއްކޭނެ ހާލަތަކަށް ރާއްޖެ ހިނގައިދާނެ ހެއްޔެވެ؟ ދަރަނި ނުދެއްކިދާނެ ހާލަތަށް ހިންގައިދާނެއޭ ބޭރު އިދާރާތަކުން ބުނަނީ ކީއްވެގެން ހެއްޔެވެ؟ އަދި ރާއްޖެ އެންމެ ބޮޑަށް ދަރާފައި ވަނީ ކޮން ބަޔަކަށް ހެއްޔެވެ؟

ރާއްޖޭގެ ދަރަނީގެ ވާހަކަ ހަމައެކަނި ދައްކަނީ ދިވެހިން އެކަންޏެއް ނޫނެވެ. މި ވާހަކަ ދިވެހިންނަށް ވުރެ ބޮޑަށް މިހާރު ބޭރުން ދައްކަ އެވެ. ހާއްސަކޮށް މާލީ އިދާރާތަކުންނެވެ. ބޭރުގެ އެފަދަ ފަރާތްތަކުން ރާއްޖެ ދެކެނީ ދަރަނީގެ މަންޒިލެއް ފަދައިންނެވެ. ރާއްޖެއަށް އަންނަ އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ ވަފުދު ތަކުން ވެސް އަބަދު ދައްކާ ވާހަކައަކީ މިއެވެ. އެކަމަކު މި ދަރަނީގެ މައްސަލަ އަކީ ދިވެހި ސަރުކާރުން މާބޮޑަށް އަޅާލާ ކަމަކަށް ނުވެ އެވެ.

ދަރަނި - ބާރަށް މައްޗަށް

ރާއްޖޭގެ ދަރަނީގެ ހިސާބުތައް ނިއުޅާލައި މިދިޔަ އަހަރުގެ ނިޔަލަށް ބަލައިލާނަމަ ފެންނަނީ ވަރަށް "ބިރުވެރި" މަންޒަރެކެވެ. ފިނޭންސް މިނިސްޓްރީގެ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެތެރޭގެ ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަނި އެއްކޮށް ބަލާނަމަ ހުރީ 86.5 ބިލިއަން ރުފިޔާގަ އެވެ. ދަރަނީގެ ތެރެއިން ބޭރުގެ ދަރަނި ހުރީ 44 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 42 ބިލިއަން ރުފިޔާ އެވެ. ރާއްޖޭގެ ޖުމްލަ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީން ބަލާނަމަ ހުރީ 150 ޕަސެންޓުގަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ދަރަނި ކުއްލި ޖަންޕެއް ޖެހި މައިގަނޑު ސަބަބަކީ އާމްދަނީ އިންތިހާއަށް ހީނަރުވުމުން އެބައި ފޫބައްދަން ލޯނު ނެގުމެވެ. ރާއްޖެއާ ދިމާއަށް ދަހިވެތި ކަމުގެ އަނގަ ހުޅުވާލާގައިގެން އޮތް އިންޑިއާގެ އަތުން ގިނަ އަދަދެއްގެ ބޮޑެތި ލޯން އެކި ނަންނަމުގައި ވަނީ ނަގާފަ އެވެ. އެހެންވެ މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖޭން ދަރަނީގެ މަޅިއެއްގައި ބެދިފައިވާ ކަމަށް ދުނިޔެއިން ބުނާ ޗައިނާއަށް ވުރެ އިންޑިއާގެ ދަރަނި މިހާރު ހުރީ މާ ބޮޑު ތަނުން މަތީގަ އެވެ. މިކަން އެނގެނީ ހިސާބުތަކުންނެވެ. ހިސާބުތައް ހާވާލުމުން ފެންނަނީ ވެސް އެ މަންޒަރެވެ.

ރާއްޖެ އިންޑިއާ އަށް ދަރާ ވިކިފައި

އެމްއެމްއޭގެ ކުރީގެ ގަވަރުނަރުންނާއި ރާއްޖޭގެ ކުރީގެ މާލީ ވަޒީރުން އަދި ރާއްޖޭގެ މަޝްހޫރު އިގްތިސޯދީ މާހިރުން ހިމެނިގެން ނެރޭ މޯލްޑިވްސް ފައިނޭންޝަލް ރިވިއު އިން އާއްމުކުރި ރާއްޖޭގެ ދަރަނީގެ ދިރާސާ ރިޕޯޓެއްގައިވާ ގޮތުން ރާއްޖޭން ޗައިނާ އިން ނަގާފައިވާ ލޯނުތަކުގެ ޖުމްލަ އަދަދަކީ 1.56 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 24 ބިލިއަން ރުފިޔާ) އެވެ. ނަމަވެސް މިހާރު އިންޑިއާގެ ލޯނުތަކުގެ އަދަދު އިންޑިޔާއިން މިހާތަނަށް 1.85 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 28 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން އިންޑިއާގެ ލޯނުތައް މިއަށްވުރެ ވެސް މަތިވުމުގެ ފުރުސަތު އެބައޮތެވެ. އިންޑިއާ ދަރަނި މަތި ވެދާނެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވަނީ ސްޓޭޓް ބޭންކު އޮފް އިންޑިޔާ އިން ގަނެފައިވާ ބޮންޑުތަކާއި 2020 ގައި ސަރުކާރުން ނެގި ކަރަންސީ ސްވޮޕް ހިމެނުމުންނެވެ. މި ބައި ހިމެނުމުން އިންޑިއާގެ ދަރަނީގެ ތިލަފަތް 2.4 ބިލިއަން ޑޮލަރަށް އިތުރު ވެދާނެ ކަމަށް ބެލެވެ އެވެ. މިއީ ރާއްޖެއަށް އޮތް ވަރަށް ބޮޑު މައްސަލަ އެކެވެ. މީ ހަމައެކަނި ގައުމީ މައްސަލައެއް އެކަންޏެއް ވެސް ނޫނެވެ.

ނަމަވެސް އިންޑިއާއިން މިވަރުގެ ދަރަންޏެއް އޮތް ކަމަކަށް ރާއްޖޭގެ ސަރުކާރުން ގަބޫލެއް ނުކުރެ އެވެ. އެޗްއޯސީގައި އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި އިންޑިއާ ދަރަނީގެ އައުޓް ސްޓޭންޑިން މިއަދުގެ ހާލަތަށް ބަލާއިރު އުޅެނީ 580 މިލިއަން ރުފިޔާގަ އެވެ.


"ތެދެއް އިންޑިއާގެ ކްރެޑިޓް ފެސިލިޓީން ބޮޑެތި އިންފްރާސްޓްރަކްޗާ ފަންޑިން އެބަހުރި ހަމަޖެހިފައި. މާލޭގެ ކޮމާޝަން ޕޯޓް އެލޮކޭޝަން އާއި 38 ރަށުފެ ފެނާއި ހަރުދަމާގެ މަސައްކަތް. މި ސްޕެސިފިކް ލޯނަށް ބެލި ނަމަވެސް އެނގޭނެ މިއީ ސެމީ ކޮންސެޝަނަލް ލޯނެއްކަން. ގްރާންޓް އެލަވަންސް 29 ޕަސެންޓަށް އެބަ އަރާ. ފަސް އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބޭ. ވިހި އަހަރުން ދައްކަން 1.7 ޕަސެންޓް އިންޓްރެސްޓް ރޭޓުގަ. އެހެންވީމަ މިއީ މާކެޓުގައި އެންމެ ރަނގަޅަށް ލިބޭނެ ޓާމްސް،" އަމީރު ވިދާޅުވި އެވެ.

އިންޑިއާގެ ކްރެޓިޓް ފެސިލިޓީން ބޮޑެތި އިންފްރާސްޓްރަކްޗާ ފަންޑިން އެބަހުރި ހަމަޖެހިފަ. މާލޭގެ ކޮމާޝަން ޕޯޓް އެލޮކޭޝަން އާއި 38 ރަށުފެ ފެނާއި ހަރުދަމާގެ މަސައްކަތް. މި ސްޕެސިފިކް ލޯނަށް ބެލިނަމަވެސް އެނގޭނެ މިއީ ސެމީ ކޮންސެޝަނަލް ލޯނެއްކަން. ގްރާންޓް އެލަވަންސް 29 ޕަސެންޓަށް އެބަ އަރާ
އިބްރާހިމް އަމީރު | ފިނޭންސް މިނިސްޓަރު

ރާއްޖޭގެ ދަރަނި މިގޮތަށް މަތިވަމުން ދިއުމަކީ ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލްކަން ދަށްވެ، ޕްރޮޖެކްޓްތަކަށް ފައިސާ ނުލިބުން ފަދަ މައްސަލަތައް ކުރިމަތި ވެދާނެ ކަމެކެވެ. މިކަން ދުނިޔޭގެ މާލީ އިރާދާތަކުން ފާހަގަ ކުރެ އެވެ.

އެންމެ ފަހުން ވޯލްޑް ބޭންކުން ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) ގައި ވެސް ރާއްޖޭގެ ދަރަނީގެ މައްސަލާގައި ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.

ރޭޓިން އެޖެންސީތަކުގެ ފުސް މޫނު

ރިޕޯޓްގައިވާ ގޮތުން ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާއިން ރާއްޖެ އަރައިގަތުމުގެ މަސައްކަތް ކުރަމުން ދާއިރު، މިދިޔަ އަހަރު ރާއްޖޭގެ ފިސްކަލް ޑެފިސިޓް ހުރީ ގާތްގަނޑަކަށް 900 މިލިއަން ޑޮލަރު ނުވަތަ އެ އަހަރުގެ ލަފާކުރި ގައުމީ އުފެއްދުންތެރިކަން، ޖީޑީޕީގެ 20 ޕަސެންޓުގަ އެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

މިއަށްވުރެ ބޮޑު އެހެން މައްސަލަ އެކެވެ؛ ރާއްޖެއަށް އިންވެސްޓަރުން ހޯދަން ފަސޭހަ ކުރުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ރޭޓް ކުރަން ދުނިޔޭގެ ދެ އެޖެންސީއަކާ ހަވާލު ކުރި އެވެ. އޭގެ އެއް އެޖެންސީއަކީ މޫޑީސް އެވެ. އަނެއް ކުންފުންޏަކީ ފިޗެކެވެ. މި ދެ ކުންފުނިން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ވެސް ރާއްޖޭގެ ދަރަނީގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށްފައިވެ އެވެ. ފިޗުން ރާއްޖޭގެ ރޭޓިން ޓްރިޕުލްސީ އަށް ލި އެވެ. އަދި އެންމެ ފަހުން މޫޑީސް އިން ނެރުނު ރިޕޯޓުގައި މައިގަނޑު ވާހަކައަކީ މިއެވެ؛ ދިވެހިންނޭވެ! ދިވެހިންގެ ދަރަނި މައިތިރު ކުރާށޭ އެވެ.

މޫޑީސް ރޭޓިން ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ދަރަނި އިތުރު ވެގެންދާތީ، ދަރަނި އަނބުރާ ދެއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ އެވެ. އެ އެޖެންސީން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ދައުލަތުން ދަރަނި ނަގާ މިންވަރު މަތިވާނެ އެވެ. މިއީ ގޮންޖެހުމެއް ކަމަށް ލަފާކޮށް މޫޑީސް އިން ބުނެފައިވާ ގޮތުން ދަރަނި މަތިވުމުގެ ސަބަބުން ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި އަދާ ކުރަން ގޮންޖެހުންތައް ކުރިމަތިވާނެ އެވެ. މިއީ މާލީ އިދާރާތަކުން ފައިސާ ދޫކުރާ މިންވަރު މަދުވެދާނެ ސަބަބެއް ކަމަށް ވެސް މޫޑީސް އިން ލަފާކޮށްފައިވެ އެވެ. އެކަމަކު ދިވެހި ސަރުކާރުން އެކަމާ ހާހެއް ނުވެ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ ދަރަނި ނުދެއްކޭ ހާލަތަށް ނުދާނެ އެވެ. އަދި ދިވެހި ރައްޔިތޔުންގެ މައި ހޮސްޕިޓަލް ދަރުމަވަންތަ، އެސެޓަކަށް ބޭނުން ކޮށްގެން، ސްކޫކް ވިއްކައިގެން 190 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ) ހޯދައި ދަރަނީގެ ބޮޑު އަދަދެއް ދެއްކުމަކީ ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅުވެގެންދާނެ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ. އެ ދަރަންޏަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވިއްކި 250 މިލިއަން ޑޮލަރުގެ ޑޮލަރުގެ ޔޫރޯ ބޮންޑު އަންނަ އަހަރު މެޗުއާވާތީ، އެ ބޮންޑަށް ދައްކަން ޖެހޭ ފައިސާ އެވެ.

"މިއީ އެލިފެންޓް އިން ދަ ރޫމް. މި އާހެދި ދަރަންޏަށް ބޮޑު އަސަރެއް ކުރޭ. އިންވެސްޓަރުންނަށް ހާލަތުގައި ޔަގީންކަމެއް ނެތް 2022 އަށް ޕޭ ކުރެވޭނެ ކަމެއް. އެހެންވެ މިއީ ސަކްސަސްއެއް. މީގެ މާނައަކީ 200 މިލިއަން ޑޮލަރު ހޯދާފަ 191 މިލިއަން ޑޮލަރު ދައްކާފީމޭ. އެހެންވެ މީގެ ހަފުތާއެއްގެ ކުރީގައި ހުރި ދަރަނީގެ ހާލަތަށް ވުރެ މިހާރު ރަނގަޅުވާނެ" އަމީރު ވިދާޅުވި އެވެ.

ކޮންމެއަކަސް ރާއްޖޭން ދަރަނި ނެގުން އަދި އޮތީ އެވެ. ފަސް އަހަރުގެ ވެރިކަމެއްގެ ހިމަކޮޅަށް އަންނައިރު ފަހު އަހަރު ލައްކަ ދަރަނި ނަގާނެ އެވެ. މިހުރިހާ ދަރަނި ތަކާއެކު އަންނަ އަހަރަށް އަލިވިލޭއިރު ގައުމު އޮންނާނީ ފިސާރި ދަރަނިވެރިވެފަ އެވެ. މަތިމައްޗަށް ދަރަނި އަރައި، ދަރާ ވިކޭ ހިސާބުގަ އެވެ. އެކަމަކު މަތިމައްޗަށް ދަރަނި ނެގުމަކީ މައްސަލައެއް ހެއްޔެވެ؟