ކޮވިޑް-19 އިން ރައްކާތެރިވާން މަސައްކަތް ކުރާއިރު، ރާއްޖެއަށް ކުރިމަތިވާ، މާލީ އަދި ދަރަނީގެ ގޮންޖެހުންތައް ހައްލު ކުރުން މުހިންމު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން ނެރެފައިވާ، މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) ރިޕޯޓްގައިވާ ގޮތުން ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާއިން ރާއްޖެ އަރައިގަތުމުގެ މަސައްކަތް ކުރަމުން ދާއިރު، މިދިޔަ އަހަރު ރާއްޖޭގެ ފިސްކަލް ޑެފިސިޓް ހުރީ ގާތްގަނޑަކަށް 900 މިލިއަން ޑޮލަރު ނުވަތަ އެ އަހަރުގެ ލަފާކުރި ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ 20 ޕަސެންޓުގަ އެވެ.
ވޯލްޑް ބޭންކުން ބުނީ މިދިޔަ އަހަރު ރާއްޖޭގެ ޖުމްލަ ދަރަނި ގެރެންޓީއާއެކު 5.6 ބިލިއަން ޑޮލަރު ނުވަތަ މިދިޔަ އަހަރުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 140 ޕަސެންޓަށް އެރި ކަމަށެވެ.
ރާއްޖެއަށް އެންމެ ގިނައިން މާލީ އެހީތެރިކަން ދޭ ބޭރުގެ އެއް މާލީ އިދާރާ ކަމަށްވާ ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ އިގްތިސޯދު ރަނގަޅުވަމުން ދިޔަ ނަމަވެސް ފިސްކަލް ޑެފިސިޓް އަދި ދަރަނީގެ ނިސްބަތް މެދު ރާސްތާއިން މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
ވޯލްޑް ބޭންކުގެ އެމްޑީޔޫ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިފައިވާ ބޮޑު އިގްތިސޯދީ ހީނަރު ކަމަކަށް ފަހު ރާއްޖެ މިހާރު އޮތީ އާއްމު ހާލަތަކަށް އަނބުރާ އައުމުގެ މަގުމަތީގަ އެވެ. އަދި ކާމިޔާބު މާކެޓިން ކެމްޕެއިންތަކާއި ފަސޭހަކަމާއެކު ރާއްޖެއަށް ޓޫރިސްޓުންނަށް އެތެރެ ވެވޭ ގޮތަށް އިންތިޒާމްތައް ރާވާފައި އޮތުމުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ގާތްގަނޑަކަށް 300،000 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.
އެ ޖަމިއްޔާ އިން އަންދާޒާ ކުރާ ގޮތުގައި މި އަހަރު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފިނަމަ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން 17.1 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާ ކުރެވެ އެވެ.
ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، މިހާރަށް ވުރެ ތިމާވެއްޓާ ރަށްޓެހި، ކުރިމަތިވެދާނެ ކާރިސާތަކަށް ތައްޔާރުވެވިފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ ގުއުމެއްގެ ގޮތުގައި ކުރިއަށް ދިއުމަށްޓަކައި ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ބޭނުން ހިފިދާނެ ކަމަށް ބުނެފައިވެ އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭން ދަނީ ދަރަނި ނަގަމުންނެވެ. މިގޮތުން އަވަށްޓެރި ގައުމުތަކުންނާއި މާލީ އެހީދޭ ވުޒާރާތަކުން ލޯނުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ނަގާފައިވެ އެވެ. ބޮޑު އަދަދުން ފައިސާ ނެގިނަމަވެސް ރާއްޖޭގެ ދަރަނި މެނޭޖު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.