ރާއްޖޭގެ ދަރަނި މެނޭޖު ކުރަމުން ގެންދަނީ މާކެޓާ -ޕްރޯކޮށް- ވިހާވެސް ރަހުމަތްތެރި ގޮތަކަށް ކަމަށް ބުނެފި އެވެ.
މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ ދަރަނި މެނޭޖުކުރަން ޖެހޭނީ މާކެޓާ ފްރެންޑްލީ ގޮތަކަށް ކަމަށާ ސަރުކާރުން އެކަން ކުރަނީ އެގޮތަށް ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ދަރަނި ރީސްޓްރަކްޗާ ކުރަން ހިފައިފިނަމަ މުޅި ގައުމަށް އޭގެ ގެއްލުން ބޮޑުވާނެ ކަމުގައި ވިދާޅުވި އެވެ.
"ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ވާހަކަ ވަރަށް ގިނައިން ދެކެވޭ. ސުވާލަކީ އަޅުގަނޑުމެން [ރާއްޖޭ]ގެ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭހޭ؟ ރީސްޓްރަކްޗާ ކުރާނެ ދަރަނި އެބަހުރިހޭ. ފުރަތަމަ 2019 ވަނަ އަހަރު އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ރީސްޓްރަކްޗާ ކުރެވޭނެހެން ހުރީ 250 މިލިއަން ޑޮލަރު ޔޫރޯ ބޮންޑް [ސަނީ ސައިޑް ބޮންޑް]،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން ގޮސްފައިވާނީ މާކެޓް ފްރެންޑްލީކޮށް ދަރަނި ރީސްޓްރަކްޗާ ކުރެވޭނެ ގޮތަކަށް ކަމަށެވެ.
"ފުރަތަމަ 2019 ވަނަ އަހަރު އިނީޝަލީ 2023 ވަނަ އަހަރު ޑިއުވާ އޭޑީއެފްޑީގެ 100 މިލިއަން ޑޮލަރަށް އިތުރު ތިން އަހަރު ހޯދިން. އަދި 250 މިލިއަން ޑޮލަރުގެ ބޮންޑަށް މިހާރު ވާނީ އިތުރު ފަސް އަހަރު ހޯދާފައި،" އަމީރު ވިދާޅުވި އެެވެ.
ދަރަނި ރީސްޓްރަކްޗާ ކުރުމާމެދު ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ މާކެޓް ފްރެންޑްލީކޮށް ދަރަނި މެނޭޖު ކުރުމަކީ މިއީ ކަމަށާ، މި ނޫން ގޮތަކަށް ޑެޓް ރީސްޓްރަކްޗަރިންއެއް ހިންގައިފިނަމަ ފެންނާނީ ރާއްޖެ ޓްރެކްނިކަލް ޑިފޯލްޓަކަށް [ދަރަނި ނުދެއްކި ގޮތް ހުސްވާ ހާލަތެއްގައި] އޮތް ތަން ކަމަށެވެ.
"އެކަހަލަ ގޮތަކަށް ޑެޓް ރީސްޓްރަކްޗަރިންއަށް ހިފައިފިނަމަ ދުނިޔޭގެ ޑެޓް ކެޕިޓަލް މާކެޓުން އަޅުގަނޑުމެންނަށް ފައިސާ ހޯދަން ދަތިވާނެ. އެގޮތަށް ދެވޭނީ ވެސް އައިއެމްއެފް ޕްރޮގްރާމަކުން. އެފަދަ ކަމަކުން މާލީ ނިޒާމަށް އޮންނަ އިތުބާރު ގެއްލިގެންދާނެ. ހަމައެކަނި ސަރުކާރަށް އެކަންޏެއް ވެސް ނޫން ޕްރައިވެޓް ސެކްޓާއަކަށް ލޯނު ހޯދަން ދަތިވާނެ. ހަމައެއާއެކު ހިލޭ އެހީއާއި ދޭދޭ ގައުމުތަކަށް އޮންނަ ވިޔަފާރި އަށް ވެސް ގެއްލުން ވާނެ،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ރާއްޖޭގެ ތާރީހަށް ބެލިނަަމަވެސް ސަރުކާރުތަކުން ބަރާބަރަށް ދަރަނި ދައްކަމުން ގެންދާކަން އެނގޭ ކަމަށެވެ.
"ޔަގީންކަން އެބައޮތް އިރާދުކުރެއްވިއްޔާ ކުރިއަށް ތަނުގައިވެސް ބަރާބަރަށް ޑެޓް ސާވިސް [ދަރަނި ދެއްކޭނެ ކަން]. 2019 ގައި ޑެޓް ޓު ޖީޑީޕީ [ޖީޑީޕީގެ ނިސްބަތުން ދަރަނި ޖެހޭ މިންވަރު] ހުރީ 69 ޕަސެންޓުގައި. އޭރު އަންދާޒާ ކުރީ 2020ގައި 50 ޕަސެންޓަށް ތިރިވާނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.
"ބަލަންވީ 2019ގައި ހުރީ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ހާލަތެއްގައިތޯ އޮތީ. ނޫން.. އޭރު ވެސް އޮތީ ދަރަނި ބަޖެޓެއް ހިންގައިގެން ދަރަނި ދެއްކޭ ހާލަތެއްގައި އޭރު ދައުލަތުގެ އާމްދަނީގެ ނިސްބަތުން ދަރަނި ދައްކާ މިންވަރު ހުރީ 12 ޕަސެންޓުގަ. ދުނިޔޭގައި ދަރަނި ނުދެއްކޭ މިންވަރު މަތިވި ކަމަށް ބަލަނީ 25 ޕަސެންޓަށް ވުރެ މަތިވީމަ،"
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ރާއްޖޭގެ ދަރަނި 100 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.