ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަން އިން ރާއްޖެ ބަނގުރޫޓުވާނެ ވާހަކަ ރަސްމީކޮށް ބުނެފައި ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ޖޭޕީ މޯގަން އިން ބޭރުގެ ބައެއް ނޫސްތަކުގައި އެ ފަރާތުން ހަދާފައިވާ އެނާލިސަސްތަކެއްގެ މައްޗަށް ނެރުނު ރިޕޯޓެއްގައި 2023 ވަނަ އަހަރު ރާއްޖޭގެ ރިޒާވް ހުސްވެ ދަރަނި ނުދެއްކިދާނެ ހާލަތަށް ހިނގައިދާނެ ކަމަށް ބުނެފައިވެ އެވެ. މި މައުލޫމާތު ދީފައިވަނީ އެ ބޭންކުގެ އިކޮނޮމިސްޓެކެވެ.
މި ވާހަކަ މީޑިއާގައި ފެތުރި ހޫނުވުމާއެކު ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޖޭޕީ މޯގަން އިން ރަސްމީ ސިފައެެއްގައި ރާއްޖެ ބަނގުރޫޓުވާނެ ވާހަކަ ބުނެފައި ނެތް ކަމަށެވެ. އަދި މި ރިޕޯޓާ ގުޅިގެން ޖޭޕީމޯގަންއާ ވެސް ވާހަކަ ދެއްކި ކަމަށާ، އެތަނުން ރަސްމީ ސިފައެއްގައި އެފަދަ ރިޕޯޓެއް ނެރެފައި ނެތް ކަމަށް ބުނެފައިވާ ކަމަަށެވެ.
"އެތަނުގައި ވެސް އޮންނާނެ އެކި ޑިޕާޓްމަންޓްތައް. އެފަދަ ތަނަކުން ބުނީ. އެކަމަކު ރަސްމީކޮށް ރާއްޖެ ބަނގުރޫޓުވާނެ އެކޭ ބުނެ ރިޕޯޓެއް ނެރެފައެއް ނެތް. އެތަނުގެ ރިސާޗް ބޭފުޅަކު ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި އިން ވާހަކައެއް އެއީ. އެކި ބޭފުޅުންގެ ރިވިއު ތަފާތުވެދާނެ،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޖޭޕީމޯގަން އަކީ ރާއްޖެއާ ގާތުން މަސައްކަތް ކުރާ ބޭންކެއް ކަމަށާ، މިދިޔަ އަހަރު ރާއްޖޭން ބޭރަށް ވިއްކި ސްކޫކުގައިވެސް އިސްކޮށް އެ ބޭންކުން މަސައްކަތް ކުރި ކަމަށެވެ.
"އެންމެ ސްކޫކް އިންޝުއަރެސުގައި ލީޑް އެރޭންޖާއެއްގެ ގޮތުގައި މަސައްކަތް ކުރި އެއް ޕާޓީ [ޖޭޕީމޯގަން] އަކީ. މިދިޔަ އަހަރު ރާއްޖޭގެ ގްރޯތް ސްޓޯރީއާއި އިގްތިސޯދުގެ ދުވެލިހުރި ގޮތާ އިގްތިސޯދު ކުރިއަރާނެ ގޮތަށްވެސް ބަލާފަ، ޔަގީންކަން އޮތީމަ ލީޑް އެރޭންޖާއެއްގެ ގޮތުގައި މަސައްކަތް ކުރީ،" އަމީރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ވިއްކި ސްކޫކްއަކީ އެއިރު މާކެޓުގައި އެންމެ ސަކްސަސްފުލް އެއް ސްކޫކް. އަޅުގަނޑުމެން ދިޔައީ 200 މިލިއަން ޑޮލަރަށް. އެކަމަކު ސަބްސްރިކްޝަން ލިބުނު 600 މިލިއަން ޑޮލަރު."
އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަން އިން ކޮށްފައިވާ ދިރާސާގެ މައްޗަށް ނެރުނު ރިޕޯޓެއްގައިވާ ގޮތުން ރަޝިއާ އިން ޔުކްރޭނަށް އަރައި ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސޯދަށް ނޭދެވޭ އަސަރެއް ކުރާނެ އެވެ. އަދި މިކަމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ދޫކުރާ ދަރަނީގެ އިންޓްރެސްޓް ރޭޓް މަދުވުމުގެ ބިރު އެބައޮތެވެ. މީގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ޖޭޕީ މޯގަން އިން ބުނެފައިވަނީ ދަރަނި މަތި ގައުމުތަކަށެވެ.
އެ ބޭންކުން ވަނީ ސްރީލަންކާ އަށް ވީގޮތަށް، ދަރަނި ޑިފޯލްޓްވުމުގެ ބިރު އޮތް ގައުމުތަކުގެ ލިސްޓެއް ވެސް އާއްމުކޮށްފަ އެވެ. އެ ބޭންކުން ދިރާސާކޮށް ބެލި ގައުމުތަކުގެ ތެރޭގައި 52 ގައުމަކަށް ދަރަނި ނުދެއްކުމުގެ މައްސަލަ ކުރިމަތިވެދާނެ ކަމަށް ބުނެފައިވެ އެވެ. އަދި އަށް ގައުމެއްގެ ރިޒާވް 2023 ވަނަ އަހަރު އަންނަންވާއިރަށް ހުސްވެ ދަރަނި ނުދެއްކުމުގެ މައްސަލައާ ކުރިމަތިވެދާނެ ކަމަށް ބުނެފައިވެ އެވެ.
ދަރަނި ނުދެއްކޭ ހާލަތަކަށް ރާއްޖެ ނުދާނެ
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާ އަޅާ ނުކިޔޭނެ ކަމަށާ، ރާއްޖޭގެ އިގްތިސޯދީ ހުރިހާ ހަރަކާތްތަކެއް ހުރީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އަދި ރާއްޖެ ދަރަނި ނުދެއްކޭ ހާލަތަކަށް ނުދާނެ ކަމުގެ ޔަގީންކަން އަމީރު ދެއްވި އެވެ.
"ރާއްޖޭގައި ޑެޓްސާވިސިސް [ދަރަނި ދެއްކުމުގެ] އެއްވެސް ރިސްކެއް ނެތް. އަޅުގަނޑުމެންގެ އެންމެ ބޮޑު ރިސްކެއް އޮތީ މިދިޔަ އަހަރު. އެއީ މި އަހަރު ޖޫންގައި ދައްކަން ޖެހޭ 250 މިލިއަން ޑޮލަރުގެ ބޮންޑް. މިހާރު އަޅުގަނޑުމެން އިރާދުކުރެއްވިއްތީ ސްކޫކް އިޝުއަރެންސުން 182 މިލިއަން ޑޮލަރު މިހާރު ވާނީ ދައްކާފަ. މި އަހަރުގެ ޖޫންގައި އިންޓްރެސްޓާއެކު 62 މިލިއަން ޑޮލާސް ދައްކާނަން. އެ ފަންޑުވެސް އެބަހުރި،" އަމީރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ރިޒާވް މާޗް މަހުގެ ނިޔަލަށް ހުރީ 865 މިލިއަން ޑޮލަރުގަ އެވެ. އަދި އެ މުއްދަތާ ހަމައަށް ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ބަލާނަމަ 122 ޕަސެންޓެވެ.