ދައުލަތުގެ ދަރަނި

ރާއްޖޭގެ ރިޒާވް މަދުވެ ދަރަނި ނުދެއްކިދާނެ: ޖޭޕީ މޯގަން

May 25, 2022
2

ދުނިޔޭގެ އިގްތިސޯދު މިހާރު މިސްރާބު ހުރި ގޮތަށް ބަލާއިރު 2023 ގައި ރާއްޖޭގެ ރިޒާވް ހުސްވެ، ލޯނު ނުދެއްކިދާނެ ހާލަތަކަށް ވެއްޓިދާނެ ކަމަށް އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަން އިން ބުނެފި އެވެ.

އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަން އިން ކޮށްފައިވާ ދިރާސާގެ މައްޗަށް ނެރުނު ރިޕޯޓެއްގައިވާ ގޮތުން ރަޝިއާ އިން ޔުކްރޭނަށް އަރައި ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސޯދަށް ނޭދެވޭ އަސަރެއް ކުރާނެ އެވެ. އަދި މިކަމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ދޫކުރާ ދަރަނީގެ އިންޓްރެސްޓް ރޭޓް މަދުވުމުގެ ބިރު އެބައޮތެވެ. މީގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ޖޭޕީ މޯގަން އިން ބުނެފައިވަނީ ދަރަނި މަތި ގައުމުތަކަށެވެ.

އެ ބޭންކުން ވަނީ ސްރީލަންކާ އަށް ވީގޮތަށް، ދަރަނި ޑިފޯލްޓްވުމުގެ ބިރު އޮތް ގައުމުތަކުގެ ލިސްޓެއް ވެސް އާއްމުކޮށްފަ އެވެ. އެ ބޭންކުން ދިރާސާކޮށް ބެލި ގައުމުތަކުގެ ތެރޭގައި 52 ގައުމަކަށް ދަރަނި ނުދެއްކުމުގެ މައްސަލަ ކުރިމަތިވެދާނެ ކަމަށް ބުނެފައިވެ އެވެ. އަދި އަށް ގައުމެއްގެ ރިޒާވް 2023 ވަނަ އަހަރު އަންނަންވާއިރަށް ހުސްވެ ދަރަނި ނުދެއްކުމުގެ މައްސަލައާ ކުރިމަތިވެދާނެ ކަމަށް ބުނެފައިވެ އެވެ.

ދަރަނި ނުދެއްކިދާނެ އަށް ގައުމު

  • ރާއްޖެ
  • ބަހާމަސް
  • ބެލީޒް
  • ސެނެގާލް
  • ރުވާންޑާ
  • ގްރެނާޑާ
  • އިތިއޯޕިއާ

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ރިޒާވް މާޗް މަހުގެ ނިޔަލަށް ހުރީ 865 މިލިއަން ޑޮލަރުގަ އެވެ. އަދި އެ މުއްދަތާ ހަމައަށް ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ބަލާނަމަ 122 ޕަސެންޓެވެ.