ދައުލަތުގެ ދަރަނި

2026 ގައި ރާއްޖޭން ރެކޯޑު ދަރަންޏެއް ދައްކަން ޖެހޭ

May 26, 2022
2

އެންމެ ފަހުން ވިއްކި ސްކޫކް އާއި ލޯނަކަށް ދަރަނީގެ ގޮތުގައި 2026 ވަނަ އަހަރު ނުވަ ބިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އިގްތިސޯދީ ކޮމެޓީގައި މިއަދު މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް އެންމެ ބޮޑު އަދަދެއްގެ ދަރަނި އަދާކުރަން ޖެހޭނީ 2026 ވަނަ އަހަރު އެވެ.

އެ ދަރަންޏަކީ މިދިޔަ އަހަރު ބޭރަށް ވިއްކަން ހުޅުވާލި 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ގެ ސްކޫކް އަށް އަނބުރާ ދަކަން ޖެހޭ ދަރަންޏެވެ. މީގެ އިތުރުން ހިމެނެނީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް ފަންޑު (އޭޑީއެފްޑީ) ލޯނުގެ ގޮތުގައި ނެގި 100 މިލިއަން (1.5 ބިލިއަން ރުފިޔާ) އެވެ. މި ލޯނު އަނބުރާ ދެއްކުން ވަނީ ތިން އަހަރަށް އަނބުރާ ދެއްކުން ފަސްކޮށްދީފަ އެވެ.

އެހެންވެ މި ލޯނާއި ސްކޫކުގެ އެއްކޮށް ދަރަނީގެ ގޮތުގައި 2026 ވަނަ އަހަރު 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) 2026 ވަނަ އަހަރު ދައްކަން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

2026 ގައި ދައްކަން ޖެހޭ ދަރަނި ކުރުކޮށް

  • މިދިޔަ އަހަރު ވިއްކި ބޮންޑުގެ އަށް ބިލިއަން ރުފިޔާ
  • އޭޑީއެފްޑީގެ ލޯނުގެ 1.5 ބިލިއަން ރުފިޔާ

މިނިސްޓަރު ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭތީ ދަރަނި މެނޭޖު ކުރަން ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. ނަމަވެސް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދަރަނި ދެއްކުމުގައި އެއް ވެސް ދަތިކަމެއް ނެތް ކަމަށް އަމީރު ވިދާޅުވި އެވެ.

ސަރުކާރުން އެންމެ ފަހުން ބޮޑު އަދަދެއްގެ ދަރަނި ދައްކާފައިވަނީ ވީއައޭ ތަރައްގީ ކުރުން ފަދަ ބޮޑެތި މަޝްރޫއުތައް ހިންގި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވިއްކި 200 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް ބޮންޑް" އެކެވެ. އެންމެ ފަހުން ސަރުކާރުން ވިއްކި ބޭރަށް ވިއްކި 500 މިލިއަން ޑޮލަރުގެ ބޮންޑަށް ލިބުނު ފައިސާއިން ތިން ބިލިއަން ރުފިޔާ ވަނީ އަނބުރާ ދައްކާފަ އެވެ. އަދި ބާކީ އޮތް 62 މިލިއަން ޑޮލަރު (950 މިލިއަން ރުފިޔާ) ވެސް އަންނަ އަހަރު ދައްކާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.