ވިޔަފާރި

ގަވަރުނަރުގެ އާދޭސް: އެސްޑީއެފް ފަންޑަށް ޖަމާކުރާ ފައިސާ އިތުރު ކުރޭ

ދަރަނި ދެއްކުމުގެ ގާބިލްކަން އިތުރު ކުރަން އުފައްދާފައިވާ، ސޮވެރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަންޑަށް، ފައިސާ ޖަމާ ކުރަން ގަވަރުނަރު އަލީ ހާޝިމް އާދޭސް ދަންނަވައި މިއަދު ސަރުކާރަށް އެކަން އިލްތިމާސް ކުރައްވައިފި އެވެ.

މަޝްރޫއުތައް ހިންގަން ލޯނު ނަގާތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދަރަނި ދެއްކުމުގެ ގާބިލްކަން އިތުރު ކުރަން އުފައްދާފައިވާ އެސްޑީއެފް ފަންޑާ ބެހޭ ގޮތުން ބަޖެޓު ކޮމެޓީގައި މިއަދު ވާހަކަފުޅު ދައްވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެ ފަންޑު ގާއިމް ކޮށްފައިވާ މަގުސަދަކީ ބޭރުގެ ފަރާތް ތަކުން ނަގާފައިވާ ސުކޫކް އާއި ބޮންޑު ފަދަ ތަކެތި އެ ފަންޑަށް ޖަމާކުރާ ފައިސާ އިން އަނބުރާ ދައްކަން ކަމަށެވެ.

"އެސްޑީއެފަށް ޖަމާ ކުރާ އަދަދު އިތުރު ކުރެވޭ ގޮތެއް ހަމަ ޖެއްސުން މުހިންމު. ކުރިއަށް އޮތް ތަނުގައި އަނބުރާ އަދާ ކުރަން ޖެހޭ ސުކޫކް އަދި ބޮންޑު ފަދަ ތަކެއްޗަށް، ފައިސާ ދެއްކޭ މިންވަރަކީ މި ފަންޑަށް ފައިސާ ޖަމާ ކުރެވޭ މިންވަރު، އެހެންކަމުން މިއީ މުހިންމު ކަމެއް ކަމުގައި ފާހަގަ ކުރަން. ހާއްސަކޮށް 2020 އަދި 2021 ވަނަ އަހަރު ޖުމްލަ 500 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކަން އަންދާޒާ ކޮށްފައިވާއިރު، މި ބޮންޑު އަނބުރާ އަދާ ކުރަން އެސްޑީއެފަށް ޖަމާ ކުރާ އަދަދު އިތުރު ކުރެވޭނެ އަދަދު ހަމަ ޖެއްސުން މުހިންމު،" ގަވަރުނަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެސްޑީއެފް ފަންޑު ބެލެހެއްޓުން ހަރުދަނާކޮށް ގާނޫނީ އޮނިގަނޑެއްގެ ތައާރަފުކޮށް، މި ފަންޑުން ހޭދަ ކުރާނެ ހަރުދަނާ އުސޫލު ތަކެއް ވެސް ގާއިމް ކުރަން ޖެހޭ ކަމަށެވެ.

"މި ފަންޑު އުފެއްދީ ލޯނު އަނބުރާ ދެއްކުމަށް. ފަންޑުގެ މެނޭޖުމަންޓް ވަކި ގާނޫނަކުން މެނޭޖު ކުރާ ގޮތަކަށް ނޫން މިހާރު މި އޮތީ. މިހާރު މި އޮތީ އެމްއެމްއޭ އާއި ފައިނޭންސް މިނިސްޓްރީއާ ދެމެދު އޮތް އެގްރިމެންޓަކުން. އެކަމަކު މިހާރަށް ވުރެ ހަރުދަނާކޮށްފިނަމަ މި އަށް އިތުރަށް ޖަމާވާނެ މެކޭނިޒަމެއް ގާއިމް ވާނެ،" ގަވަރުނަރު ވިދާޅުވި އެވެ.

"މީގެން [އެސްޑީއެފް] ފަންޑުން އަންނަން އޮތް ޖީލުތަކަށް މި ޔަގީންކަން އަރުވަނީ އަޅުގަނޑުމެން މިހާރު މި ނަގާ ދަރަނިތައް މުސްތަގުބަލުގައި ޖަމާ ކުރަމުން ފައިސާ ދައްކާނެކަން،" ހާޝިމް ވިދާޅުވި އެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކަމެއް ކުރިމަތިވެއްޖެ ހާލަތުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިގުތިސާދަށް އައިސް ދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބައްދަން 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ. މިއީ މިގޮތަށް ރާއްޖޭގައި އޮތް ހަމައެކަނި ފަންޑެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2017 އިން ފެށިގެން 2019 ޖެނުއަރީގެ ނިޔަލަށް މި ފަންޑަށް ޖަމާވެފައިވާ ޖުމްލަ އަދަދަކީ 2.9 ބިލިއަން ރުފިޔާ އެވެ.