ސަރުކާރު ކުންފުނިތައް ޕްރައިވެޓްއިޒް ކުރުމުގެ ކުރިން އިތުރު ދިރާސާ ތަކެއް ކުރަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރަށް ލަފާ ދީފި އެވެ.
އަންނަ އަހަރުގެ ބަޖެޓަށް، މަރުކަޒީ ބޭންކުގެ ޕްރޮފެޝަނަލް އޮޕީނިއަން ދެއްވަމުން، ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވި ގޮތުގައި އަންނަ އަހަރު ޕްރައިވެޓައިޒް ކޮށްގެން އާމްދަނީ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، މިކަމުން ދިގު ރާސްތާގެ މަންފާއެއް ލިބޭނެ ކަމަށް ބެލެވެނީ އެ ކުންފުންޏަށް ލިބޭ ފައިދާއަށް ބިނާ ވެގެން ކަމަށެވެ.
"ހިއްސާދާރުންނަށް ލިބޭ ޑިވިޑެންޑުގެ ގޮތުގައި އާމްދަނީ ފެތުރޭނެ ކަމަށް ފާހަގަ ކުރަން. އެހެން ކަމުން މިފަދަ ބަދަލެއް ގެނައުމުގެ ކުރިން ދިރާސާކޮށް އޭގެ ފީޒިބިލިޓީ ސްޑަޓީއެއް ހެދުން މުހިންމު ކަމަށް ފާހަގަ ކުރަން،" ގަވަރުނަރު ވިދާޅުވި އެވެ.
ސަރުކާރުން އާމްދަނީ ހޯދަން އަންނަ އަހަރަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރުން ވެސް ހިމެނެ އެވެ. މިގޮތަށް ހިއްސާ ވިއްކައިގެން 462.6 މިލިއަން ރުފިޔާ އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފަ އެވެ. ކުންފުނިތައް ޕްރައިވެޓައިޒް ކުރުން ނިންމުމާ ގުޅިގެން ގިނަ ފަރާތްތަކުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
ނަމަވެސް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ކުންފުނީގެ ހިއްސާ ވިއްކުމަކީ ކުންފުނި "ވިއްކާލުން" ނޫން ކަމަަށާ، މި ބަދަލު ގެނައުމުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ ކޮރަޕްޝަނަށް އޮންނަ މަގު ކުޑަ ކުޑަ ވެގެންދާނެ ކަމަށެވެ. އަދި ކުންފުނިތައް ޕްރައިވެޓައިޒް ކުރާނެ ގޮތެއް ސަރުކާރުން ނުނިންމާ ކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ބޭރުގެ އެހީއާއެކު މިކަމާ [ޕްރައިވެޓައިޒް ކުރުމާ ބެހޭ ގޮތުން] އިންޑެޕްތު ސްޓަޑީއެއް ހަދަން. ކޮންކޮން ކުންފުނިތަކެއް ތޯ ލިސްޓު ކުރާނީ. ލިސްޓު ކުރާނީ ކިހިނެއް ތޯ؟ ސްޓްރެޓެޖިކް ޕާޓްނަރެއް ހޯދާނީ ތޯ؟ ކިހާވަރަކަށް ތޯ އައިޕީއޯ [އާއްމުންނަށް ހިއްސާ ވިއްކާނީ] އަކަށް ދާނީ؟ އައިޕީއޯ އަކަށް ދާނީ ރާއްޖޭގައި ތޯ ނޫނީ ބޭރުގައި ތޯ؟" އަމީރު ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތައް ޕްރައިވެޓްއިޒް ކުރުމަކީ އެމްޑީޕީން މީގެ ކުރިން ވެސް ކުރި ކަމެވެ. މިގޮތުން ބައެއް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޮޑު ޕަސެންޓެއް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ ޕްރައިވެޓްއިޒްކޮށް ދޫކޮށްފަ އެވެ. އޭރު ފިނޭންސް މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ގަވަރުނަރު އަލީ ހާޝިމް އެވެ.