ވިޔަފާރި

މަޝްރޫއުތައް ފެށުމުގެ ކުރިން ބޭރު ފައިސާ ޔަގީންކުރަން ގަވަރުނަރު ލަފާ ދީފި

އަންނަ އަހަރުގެ މަޝްރޫއުތައް ފެށުމުގެ ކުރިން އެ ކަމަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ކަން ޔަގީންކުރަން މަރުކަޒީ ބޭންކް އިން ސަރުކާރަށް ލަފާ ދީފި އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓަށް، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދީފައިވާ ލަފާގެ މައްޗަށް ބަޖެޓު ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި ގޮތުގައި މަޝްރޫއުތައް ފެށުމުގެ ކުރިން އެ މަޝްރޫއަށް ބޭނުންވާ ބޭރު ފައިސާ ހޯދަން ޖެހޭ ކަމަށާ، މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ކޮވިޑް-19 ގެ ބަލި މަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން ރާއްޖޭގެ ބޭރު ފައިސާ ސަޕްލައި ވެސް ވަނީ ދަށްވެފަ. އެހެންވެ، ކެޕިޓަލް ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ޑޮލަރު އެތެރޭގެ މާކެޓުން ނުލިބި މި ފަދަ މަޝްރޫއުތައް ނުހިނގޭނެ ކަމަށް ބެލެވޭ. އެހެންކަމުން މަޝްރޫއުތައް ފެށުމުގެ ކުރިން ދައުލަތާއި ސަރާރުން ޖެހޭ އެ އަށް [މަޝްރޫ] އަށް ބޭނުންވާ ބޭރު ފައިސާ ޔަގީންކޮށްފަ ޕްރޮޖެކްޓްތައް ފަށަން،" ގަވަރުނަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮންމެ ޕްރޮޖެކްޓެއްގައި ވެސް ބޭރު ފައިސާގެ ކޮންޕޯނެންޓް ވަރަށް ބޮޑު ކަމަށާ، އެކަމަށް ވިސްނަން ޖެހޭ ކަމަށެވެ.

"ބޭރު ފައިސާގެ ކޮމްޕޯނެންޓް ގާތްގަނޑަކަށް 40 ޕަސެންޓަށް ބަރޯސާވޭ. އަޅުގަނޑުމެންގެ ރެވެނިއު އެހާ ހިސާބަށް ނުގެންދެވޭނަމަ ޖެހޭނީ އެ ޕްރޮޖެކްޓް ފެށުމުގެ ކުރިން ބޭރު ފައިސާ ޔަގީންކޮށްފަ، ޕްރޮޖެކްޓް ފަށަން. އެކަމަށް މަޖިލީހުން ބާރު އަޅަން އެދެން،" ގަވަރުނަރު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އަލީ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ބޭރު ފައިސާގެ މާކެޓަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ.

"އެހެންވެ ރާއްޖެ ބާޒާރުން ކެޕިޓަލް މަޝްރޫއު ތަކަށް ޑޮލަރު ހޯދަން ޖެހިއްޖެނަމަ އޭގެ ނުރަނގަޅު އަސަރު ރާއްޖޭގެ ޑޮލަރު އެކްސްޗޭންޖް ރޭޓަށް ކުރާނެ ކަމަށް ބެލެވޭ. އެހެންކަމުން މަޝްރޫއުތަކުގެ ސަބަބުން ފޮރިން އެކްސްޗޭންޖު މާކެޓަށް އަސަރު ނުކުރާނެ ގޮތަކަށް ކުރިއަށް ގެންދަން ލަފާދެން،" ގަވަރުނަރު ވިދާޅުވި އެވެ.

2021ގެ މަޝްރޫއުތައް ހާލަތާ ނުބައްދަލު

އިތުރަށް ވިދާޅުވީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއު ތަކަކީ ދިގު ރާސްތާގައި އިގްތިސޯދާއި ތިމާވެށީގެ ރައްކާތެރިކަމަށް އިސްކަންދޭ މަޝްރޫއު ތަކެއްކަން ޔަގީންކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންވާ ކަމަށެވެ.

"ވިހި އެކާވީސް ވަނަ އަހަރު ވެސް ލަފާ ކުރާ ވަރަށް އާމްދަނީ ނުލިބިއްޖެނަމަ ސަރުކާރުގެ ކޭޝް ޕްލޯ ދަތިވެ، މަޝްރޫއުތައް ނުހިންގުން އެކަށީގެންވޭ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ވަނީ އިގްތިސޯދީ ހާލަތާ ނުބައްދަލު މަޝްރޫއު ތަކެއް. މި ފަދަ މަޝްރޫއު ތަކަށް ބޭނުންވާ ފައިސާ ހޯދަން މައިގަނޑު ގޮތެއްގައި ބަރޯސާ ވެފައިވަނީ ދަރަނި ނަގައިގެން ކަމަށްވުމާއެކު ކޮންސެޝަނަލް ފައިނޭންސިން އަށް އިސްކަން ދޭން ލަފާދޭން،" އަލީ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވި ބަޖެޓުގައި "ގްރީން" އަދި "އިނޮވޭޓިވް" ފައިނޭންސިން ހޯދަން ހިމަނާފައިވާ ބަޔަކަށް އަލި އަޅުއްވާލައި ގަވަރުނަރު ވިދާޅުވީ މި އުސޫލުން ރާއްޖެއަށް ފައިނޭންސް ލިބިއްޖެނަމަ "ކޮންސެޝަނަލް" ކޮށް ލުއި ފަސޭހަ ގޮތަކަށް ފައިސާ ލިބިގެންދާނެ ކަމަށެވެ.

"ބޮންޑު އަދި ސުކޫކްއަށް ބަރޯސާ ވެގެން ކުރި އަށް ގެންގޮސްފިނަމަ އަޅުގަނޑުމެންނަށް [ރާއްޖެ] އަށް ފައިނޭންސިން ލިބޭ އިންޓްރެސްޓް ރޭޓް މަތި ވެގެން ދާނެ،" އަލީ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ އަންނަ އަހަރު ބޮޑެތި މަޝްރޫއުތަކެއް ހިންގަން ނިންމާފަ އެވެ. މީގެތެރޭގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއަކީ ގުޅިފަޅުގައި ހަދާ ބަނދަރާއި "ތިލަ-މާލެ" ބްރިޖު މަޝްރޫއެވެ. މީގެ އިތުރުން ޕީއެސްއައިޕީގައި ހިމެނޭ ފެނާއި ނަރުދަމާގެ އަދި ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަން ބަޖެޓުކޮށްފައިވެ އެވެ.