ދައުލަތުގެ ދަރަނި

ރާއްޖޭގެ ދަރަނީގެ މައްސަލަ މޫޑީސް އިން ފާހަގަކޮށްފި

May 26, 2021

ރާއްޖޭގެ ދަރަނި މަތިވަމުންދާތީ އެކަމަށް ސަމާލު ވާން ޖެހޭ ކަމަށް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ބުނެފި އެވެ.

ރާއްޖެ ދެ ފަހަރެއްގެ މަތިން ރޭޓިން ނެރެފައިވާ އެޖެންސީން ރާއްޖޭގެ ދަރަނީގެ މައްސަލަ ތަކުރާރު ކުރީ މޫޑީސްގެ ކްއާޓާލީ ރިވިއުގަ އެވެ.

މޫޑީސް އިން ބުނެފައިވާ ގޮތުގައި ދަރަނި މަތިވަމުން ދިއުމުގެ ސަބަބުން ރާއްޖޭން ކުރިއަށް އޮތްތަނުގައި ލޯނު ހޯދުމުގައި ދަތިތަކާ ކުރިމަތިވެގެން ދާނެ އެވެ.

ރާއްޖޭގެ ދަރަނީގެ މައްސަލަ މޫޑީސް އިން އަބަދު ވެސް ފާހަގަ ކުރެ އެވެ. ނަމަވެސް މި ފަހަރު މޫޑީސް އިން ދަރަނީގެ މައްސަލަ އިތުރަށް ފާހަގަ ކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އާމްދަނީ ދަށްވެފައި ވަނިކޮށް ހަރަދުތައް ފޫބައްދަން ދަރަނި ނަގަން ޖެހުމުންނެވެ.

މޫޑީސް އިން ރާއްޖެއަށް މިދިޔަ އަހަރު ދީފައިވާ "ބީ ނެގެޓިވް" އެވެ. ނަމަވެސް މި ރޭޓިން ވަނީ "ބީ3" އަށް ބަދަލު ކޮށްފަ އެވެ. މީގެން ދައްކުވައި ދޭނީ ދަރަނި ދެއްކުމުގައި ރިސްކު ބޮޑު ކަމެވެ.

ފިނޭންސް މިނިސްޓްރީންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 150 ޕަސެންޓަށް އުފުލި، ވަނީ 86 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.

ދަރަނީގެ މައްސަލަ ބޮޑު ވެފައިވާ އިރު، ސަރުކާރުން ދާދި ފަހުން ވަނީ ބޭރުގައި ސްކޫކެއް ވިއްކައިގެން ރާއްޖޭން ދައްކަން ޖެހޭ ދަރަނީގެ ބޮޑު ބައެއް ވެސް ދައްކާފަ އެވެ. މީގެ ސަބަބުން ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ދަރަނީގެ މައްސަލާގައި މޫޑީސް އިން ކަންބޮޑުވެފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފިޗުގެ ރޭޓިން ވެސް ވަނީ ބަދަލުކޮށްފަ އެވެ. ބޭރު ފައިސާ ލިބުމުގެ ތާށިކަމާއި މަތިވަމުން ދާ ދަރަންޏަށް ބަލައި ފިޗުގެ ރާއްޖެ އަށް ދީފައިވަނީ "ސީސީސީ" އެވެ.