މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ އެތެރޭގެ ދަރަނި 20 ޕަސެންޓް މަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން އާއްމު ކުރި ޖޫން މަހުގެ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖޫންގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 74.3 ބިލިއަން ރުފިޔާގަ އެވެ. މި ދަރަނީގެ ތެރެއިން މައިގަނޑު ގޮތެއްގައި މައްޗަށް ގޮސްފައި ވަނީ ރާއްޖޭގެ އެތެރޭގެ ދަރަންޏެވެ. ރާއްޖޭގެ އެތެރޭގެ ދަރަނި ވަނީ 20 ޕަސެންޓް މަތިވެފަ އެވެ. އަދި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި އެއްކޮށް ބަލާނަމަ އެތެރޭގެ ދަރަނި 32 ޕަސެންޓު މަތިވެ އެވެ.
ޖީޑީޕީގެ ނިސްބަތުން ދަރަނި މިހާރު ހުރީ 128 ޕަސެންޓުގަ އެވެ. ނަމަވެސް ކުއްލި އަކަށް ޖީޑީޕީގެ ނިސްބަތުން ދަރަނި މަތިވުމުގެ ސަބަބަކީ ކޮވިޑް-19 ގެ މި ހާލަތާ ގުޅިގެން އިގްތިސޯދު ހީނަރުވެ ޖީޑީޕީ ވެސް ދަށްވެފައި ވުމެވެ.
މި ހާލަތާ ގުޅިގެން ރާއްޖޭގެ ޖީޑީޕީ 32 ޕަސެންޓް ދަށްވެފައިވާ ކަމަށް ފިނޭންސުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މި މުއްދަތުގައި ރާއްޖޭގެ އެތެެރޭގެ ދަރަންޏަށް އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ، ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގޮތްޕަށް އިންޑިއާ އާއި ދިވެހި ސަރުކާރުން ގެރެންޓީ ދީގެން ވިއްކި 150 މިލިއަން ޑޮލަރުގެ ޓީބިލް އެވެ. މީގެ އިތުރުން ހިމެނެނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހިންގުމަށް ސަރުކާރު ނެގި ލޯނު ތަކެވެ.
އެތެރޭގެ ދަރަނި މަތިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މަރުކަޒީ ބޭންކް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައިވާ ގޮތުގައި އެތެރޭގެ ދަރަނި އިތުރުވާނަމަ ޕްރައިވެޓް ސެކްޓާއަށް އަސަރު ކުރުން ގާތެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ބޭރުގެ ދަރަނި ހުރީ 22 ބިލިއަން ރުފިޔާގަ އެވެ. އަދި މި މުއްދަތުގައި ބޭރުގެ ދަަރަނި މަތިވެފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު ދެ ޕަސެންޓެވެ. އަދި ބޭރުގެ ދަރަނީގެ 75 ޕަސެންޓަކީ ލޯނެވެ. ބާކީ ހުރި 25 ޕަސެންޓަކީ ސަރުކާރުގެ ސެކިއުރިޓީސް އެވެ. މީގެ އިތުރުން 91 ޕަސެންޓް ހިއްސާ ކުރަނީ އެކްސްޓާނަލް ޑީއޯޑީ އެވެ.