ދައުލަތުގެ އާމްދަނީ

އާމްދަނީއަށް ފަސް ބިލިއަން، ހަރަދަށް ހަތް ބިލިއަން

Apr 26, 2021

ދައުލަތަށް އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ފަސް ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދުގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ ހޭދަ ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުތަލަށް އާމްދަނީގެ ގޮތުގައި ލިބުނީ 5.4 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 4.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބުނު އެއް ބިލިއަން ރުފިޔާ އާއި ހިލޭ އެހީން ލިބުނު 55 މިލިއަން ރުފިޔާ އެވެ.

އެ ރިޕޯޓް ދައްކާ ގޮތުން މި މުއްދަތުގައި ސަރުކާރުން މި އަހަރުގެ މިހާތަނަށް 7.5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ.

އާމްދަނީއަށްވުރެ ދެ ބިލިއަން އިތުރަށް ހަރަދު ކޮށްފައިވާއިރު، ސަރުކާރު މުވައްޒަފުންގެ މުސާރައަށް 2.5 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. އަދި އިދާރީ ހަރަދުތަކުގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. ކެޕިޓަލް އިކްއިޕްމަންޓަށް 99 މިލިއަން ރުފިޔާ ހޭދަ ކޮށްފައި ވެއެވެ.