ރާއްޖޭން ނަގާފައިވާ ލޯނުތަކުގެ ތެރެއިން ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ލޯނު ދެއްކުމަށް ލުއި ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނީގެ ހާލަތު ދައްކައިދޭ ރިޕޯޓުގައި ބުނެފައިވާ ގޮތުން މި އަހަރުގެ އެޕްރީލް މަހު ބޭއްވި ޖީ20 ގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދުތައް ދައްވެފައިވާތީ ނަގާފައިވާ ލޯނުތަކަށް ލުއި ތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 ގައުމުގެ މި ބައްދަލުވުމުގައި އެކުލަވާލި ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީއެސްއެސްއައި) ގެ ދަށުން، ނަގާފައިވާ ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމި ކަމަށެވެ. މި ނިންމުމާ ގުޅިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭން ދައްކަން ޖެހޭ ލޯނުތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ދެއްކުން ފަސް ވެގެންދާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ.
މި ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށްޓަކައި 855 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ޖޫން މަހުގެ ނިޔަލަށް ވަނީ 74.3 ބިލިއަން ރުފިޔާގަ އެވެ. މީގެތެރެއިން އެތެރޭގެ ދަރަނި ހިމެނެނީ 35.6 ބިލިއަން ރުފިޔާ އެވެ. އަދި ބޭރުގެ ދަރަނީގެ ޖުމްލަ އަދަދަކީ 22 ބިލިއަން ރުފިޔާ އެވެ. އަދި ގެރެންޓީ ދީފައިވާ ދަރަނީގެ އަދަދަކީ 16.6 ބިލިއަން ރުފިޔާ އެވެ.