ހަބަރު

ޗައިނާގެ ބައެއް ލޯނުތައް ދެއްކުން ވަނީ ފަސްކޮށްދީފައި: ރައީސް އޮފީސް

Nov 18, 2020
1

ޗައިނާގެ ބައެއް ލޯނުތައް ދެއްކުން ފަސްކޮށް ދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ވޯލްޑް ބޭންކުންގެ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން، ޗައިނާ އިން ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށެވެ. މި ނިންމުމާއެކު ޗައިނާގެ އިތުރުން ޔޫރަޕުގެ ގައުމު ތަކުން ނަގާފައިވާ ލޯނުތައް ވެސް ހިމެނޭ ކަމަށެވެ.

މި ބަދަލާއެކު، ރާއްޖޭގެ ގިނަ ލޯނުތައް ދައްކަން ފަށަން ޖެހޭނީ އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގަ އެވެ. މި ބަދަލާއެކު އަންނަ އަހަރު ދައްކަން ޖެހޭ ދަރަނިން 809.1 މިލިއަން ރުފިޔާ ކުޑަ ކުރެވޭނެ އެވެ.

ރާއްޖޭގެ ލޯނުތައް ފަސްކޮށް ދީފައިވާ ކަމަށް ސަރުކާރުން ބުނިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޗައިނާ އިން ލޯނުތަކަށް ލުއި ނުދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޗައިނާ އިން ރާއްޖޭގައި ތިބި ހަތަރު ލައްކަ މީހުން ކައިރީގައި "ފައްޓަރުބައި ވިއްކާފައި" އެ ގައުމުގެ ބޭންކު ތަކަށް އަނބުރާ ފައިސާ ދައްކާށޭ ބުނާތީ އަޖައިބުވެ އަންތަރީސްވެ ވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ދަރަނި ދައްކަން ހަތަރު ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަންނަ އަހަރު ދައުލަތުގެ ދަރަނި ހުންނާނީ 70.3 ބިލިއަން ރުފިޔާގަ އެވެ.