ހަބަރު

ދަރަނި ރީސްޓްރަކްޗާ ކުރަން ލަފާދޭ ރިޕޯޓު ފާސްކޮށްފި

ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާކުރަންޖެހިފައިވާއިރު، އެ ދަރަނިތައް ރީސްޓްރަކްޗާ ކުރަން ސަރުކާރަށް ހުށަހަޅާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި ރިޕޯޓު ފާސްކޮށްފި އެވެ.

ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މިދިއަ އޯގަސްޓް މަހުން ފެށިގެން މަސައްކަތް ކުރުމަށްފަހު އެ ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ.

އެ ރިޕޯޓު މުޅި މަޖިލީހުގެ ކޮމިޓީގައި ބަހުސްކުރުމަށްފަހު، އެ ރިޕޯޓު ފާސްކޮށްފައިވަނީ މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބެލެހެއްޓިފައިހުރި ގޮތާއި، ދަރަނި ނެގިފައިވަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި، އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުގެ މައްޗަށެވެ.

މަޖިލީހުގެ ރިޕޯޓުގައި ވަނީ ކުރިއަށް އޮތް އަހަރު ތަކުގައި ދައުލަތުން އަނބުރާ ދައްކަންޖެހޭ ދަރަނީގެ އަދަދުތަކާއި އެ އަހަރުތަކުގައި ދައުލަތަށް ލިބޭނެކަމަށް ލަފާ ކުރެވޭ އާމްދަނީގެ އަދަދުތައް ވެސް ވަރުން އަޅުވައިފަ އެވެ.

އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިންތިހާއަށް އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ.

އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ހުށަހެޅުން ހިމެނެ އެވެ.

ސަރުކާރަށް ހުށަހަޅާ މުހިއްމު ބައެއް ކަންކަން

  • ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް އަވަހަށް ފެށުން.
  • އެ މަސައްކަތަށް ހާއްސަ ކޮމިީޓީއެއް އެކުލަވާލައި، އެ ކޮމިޓީން ބޭރުގެ މާހިރުންގެ ލަފާ ހޯދުން.
  • ކޮމިޓީގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމުން.
  • ކޮމިޓީގެ މަސައްކަތް ކޮންމެ މަހަކު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރުން.
  • އަންނަ އަހަރު ދައްކަންޖެހޭ އެތެރޭގެ ދަރަނި ރޯލްއޯވާކޮށް، ދަރަނި ދެއްކުން ފަސްކުރުން.
  • ދަރަނި ރީސްޓްރަކްޗާ ކުރަން ގާނޫނަށް ބޭނުންވާ އިސްލާހުތައް ގެނައުން.
  • ދައުލަތުން ގެރެންޓީ ދޫކޮށްގެން ނަގާފައިވާ ލޯނުތަކުން ހިންގޭ މަޝްރޫއުތަކުގެ ތަފްސީލްތައް ގަވައިދުން ހޯދުން.
  • ސަރުކާރުގެ ކުންފުނިންތަކުގެ ހަރަދު ކުޑަކޮށް ހިންގުން ހަރުދަނާ ކުރުން.
  • ސަބްސިޑީ ދިނުމުގެ އުސޫލުތައް މުރާޖައާކޮށް، ޕްލޭނެއް އެކުލަވާލުން.

ރިޕޯޓާ ގުޅޭގޮތުން ނަޝީދު ވިދާޅުވެފައިވަނީ މި ރިޕޯޓަކީ އެއްވެސް ފަރާތަކުން ކަންބޮޑުވާންޖެހޭ ރިޕޯޓެއް ނޫން ކަމަށެވެ. އަދި މި ރިޕޯޓުގެ ސަބަބުން ރާއްޖޭން ކުރިއަށްއޮތް ތަނުގައި ދަރަންޏާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ހާމަވެ، މާލީ އިދާރާތަކުގެ އިތުބާރު ލިބިގެންދާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.