އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއަށް ވުރެ އަނބުރާ ދައްކަން ޖެހޭ ދަރަނީގެ އަދަދު އިތުރުވާނެކަމަށް ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މިދިއަ އޯގަސްޓް މަހުން ފެށިގެން މަސައްކަތް ކުރުމަށް ފަހު އެ ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ.
މިއަދު ކުރިއަށްދިއަ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ރިޕޯޓުގައި ހިމެނޭ މުހިއްމު ބައިތައް މެންބަރުންގެ މަޝްވަރާއަށް ހިއްސާ ކުރައްވައިފަ އެވެ.
ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބެލެހެއްޓިފައިހުރި ގޮތާއި، ދަރަނި ނެގިފައިވަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި، އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުގެ މައްޗަށް ކަމަށެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އަދަދުތަކަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ދަރަނި 172 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
މަޖިލީހުގެ ރިޕޯޓުގައި ވަނީ ކުރިއަށް އޮތް އަހަރު ތަކުގައި ދައުލަތުން އަނބުރާ ދައްކަންޖެހޭ ދަރަނީގެ އަދަދުތަކާއި އެ އަހަރުތަކުގައި ދައުލަތަށް ލިބޭނެކަމަށް ލަފާ ކުރެވޭ އާމްދަނީގެ އަދަދުތައް ވެސް ވަރުން އަޅުވައިފަ އެވެ.
ދައްކަންޖެހޭ ދަރަންޏާއި ލިބޭނެ އާމްދަނީގައި ހުރި ފަރަގު
- 2020
- ޖުމްލަ އާމްދަނީ: 13.7 ބިލިއަން ރުފިޔާ
- ޖުމްލަ ދަަރަނި: 10.1 ބިލިއަން ރުފިޔާ
- ތަފާތު: 3.5 ބިލިއަން ރުފިޔާ
- 2021
- ޖުމްލަ އާމްދަނީ: 17.5 ބިލިއަން ރުފިޔާ
- ޖުމްލަ ދަަރަނި: 20.1 ބިލިއަން ރުފިޔާ
- ތަފާތު: 2.5- ބިލިއަން ރުފިޔާ
- 2022
- ޖުމްލަ އާމްދަނީ: 21 ބިލިއަން ރުފިޔާ
- ޖުމްލަ ދަަރަނި: 9.9 ބިލިއަން ރުފިޔާ
- ތަފާތު: 11 ބިލިއަން ރުފިޔާ
- 2023
- ޖުމްލަ އާމްދަނީ: 25.3 ބިލިއަން ރުފިޔާ
- ޖުމްލަ ދަަރަނި: 5.5 ބިލިއަން ރުފިޔާ
- ތަފާތު: 19.7 ބިލިއަން ރުފިޔާ
- 2024
- ޖުމްލަ އާމްދަނީ: 26.6 ބިލިއަން ރުފިޔާ
- ޖުމްލަ ދަަރަނި: 5.2 ބިލިއަން ރުފިޔާ
- ތަފާތު: 21.4 ބިލިއަން ރުފިޔާ
މިގޮތުން، އެންމެ ބޮޑަށް ފާހަގަކުރެވެނީ އަންނަ އަހަރުގެ ހިސާބުތަކެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި އަންނަ އަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.5 ބިލިއަން ރުފިޔާ ނަމަވެސް، އަނބުރާ ދައްކަންޖެހޭ ދަރަނީގެ ޖުމްލަ ހުރީ 20.1 ބިލިއަން ރުފިޔާ ގައި އެވެ. އެއީ ލިބޭ އާމްދަނީއަށް ވުރެ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިންތިހާއަށް އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ވެސް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ހުށަހެޅުން ހިމެނެ އެވެ.
"މީގައި ދައުލަތަށް އުނދަގޫވެގެންދަނީ، ބުރަވެގެން ދަނީ އަނބުރާ ނުދެއްކުނީމާ. ނަގާއިރަކު ނޫން. އަޅުގަނޑުމެންނަށް މިއަދު ދިމާވެގެން އުޅޭ ކަމަކީ 2021 ވަނަ އަހަރު އަނބުރާ ދައްކަން ހުރި އަދަދު އިންތިހާއަށް ބޮޑުކަމުން،" މިކަން ހިނގައިގެން އުޅެނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދަރަނީގެ ކަންކަން ކޮށްފައިހުރި ގޮތުންކަން ފާހަގަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
މި ހިސާބުތައް އާންމުކޮށްގެން ކުރިއަށް ނަގަން ހުރި ލޯނުތަކަށް ނޭދެވޭ އަސަރު ކުރާނެކަމަށް ބުނެ ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވީ ދަރަނި ނުދެއްކޭ ދުވަހެއް އައުމުގެ ކުރިން އެ ނުދެއްކޭނެކަމަށް ބުނެ މަޝްވަރާކުރުމަކީ، ރާއްޖެއާމެދު އޮންނަ އިތުބާރު އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮމިޓީގެ ބައްދަލުވުމަށްފަހު މިއަދުގެ ހަވީރުގެ ވަގުތެއްގައި އެ ރިޕޯޓު މެންބަރުންނާ ހިއްސާ ކުރެވި، އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. އެއަށްފަހު، އެ ރިޕޯޓު ކޮމިޓީން ފާސް ކޮށްފިނަމަ، އަނބުރާ ތަޅުމަށް އައިސް ވޯޓަށް އަހާނެ ކަމަށެވެ.