ހަބަރު

ފިޗުގެ ރޭޓިން ގަބޫލުކުރަންޖެހޭ، ޑިފޯލްޓަކަށް ނުދާނެ: ނަޝީދު

Nov 7, 2020
1

ފިޗުގެ ރޭޓިން ގަބޫލުކުރަން ސަރުކާރުން ދެކޮޅު ހަދާފައިވަނިކޮށް، ބައިނަލްއަގުވާމީ އެ ފަދަ އިންޑިކޭޓަރުތަކުގެ އަޑު އަހަންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބޭރު ފައިސާ ލިބުމުގެ ތާށިކަމާއި މަތިވަމުން ދާ ދަރަންޏަށް ބަލައި ފިޗުގެ ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ވަނީ ބަދަލުކޮށްފައެވެ. ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިން އިން ބުރާސްފަތި ދުވަހު ނެރުނު ރާއްޖޭގެ ރޭޓިންގައި ބުނެފައިވާ ގޮތުން، ރާއްޖޭގެ ރޭޓިން "ބީ" ނެގެޓިވް އައުޓްލުކް އިން "ސީސީސީ" އަށް ދަށްކުރި މައިގަނޑު ސަބަބަކީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ މަތިތަކުގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ކޮވިޑް-19 ގެ ސަބަބުން މިހާލަތުގައި ރާއްޖޭގެ ދަރަނި މަތިވަމުން ދިއުން ހިމެނެ އެވެ.

"ސީސީސީ" ރޭޓިން ދެނީ އާއްމު ގޮތެއްގައި ދެނީ ދަރަނި މަތިވަމުން ދާތީ އެވެ.

ރާއްޖޭގެ ރޭޓިންއަށް ބަދަލު ގެނެސް ފިޗުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މާލީ އެހީ ހޯދުމުގައި ކާމިޔާބު ތަކެއް ހޯދާފައިވީ ނަމަވެސް ޑޮލަރު ލިބުމުގައި ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ނުދާ ކަމަށާ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. ކޮވިޑްގެ ހާލަތު ސަރުކާރުން މެނޭޖްކޮށްފައިވާ ކަމަށާ އިގްތިސާދީ ހަރަކާތްތައް ފެށި މާލީ ގޮތުން ރާއްޖެ ހަމަޖެހެމުންދާ ކަމަށެވެ. އަދި ފިޗުގެ ރޭޓިން ގަބޫލުކުރަން ދެކޮޅު ހަދާ އެސެސްމެންޓްތައް ގަބޫލުކުރަން ދަތި ކަމަށް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗުގެ ރޭޓިން ފަދަ ބައިނަލްއަގުވާމީ އިންޑިކޭޓަރުތައް ރާއްޖޭން އަޑުއަހަންޖެހޭ ކަމަށެވެ.

އަދި ހާއްސަކޮށް ޗައިނާގެ ކޮމާޝަލް މާލީ އިދާރާތަކުން ރާއްޖެއަށް ދީފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރެވިއްޖެނަމަ، ދަރަނި ޑިފޯލްޓަކަށް ނުދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދަތުރުފަތުރާއި ޓޫރިޒަމް ރަނގަޅުވަމުން އަންނައިރު، އަޅުގަނޑުގެ އުއްމީދު ބޮޑު،" ނަޝީދު ވިދާޅުވި އެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާކުރަންޖެހިފައިވާއިރު، އެ ދަރަނިތައް ރީސްޓްރަކްޗާ ކުރަން ނަޝީދު އިސްވެ ސަރުކާރަށް ހުށަހަޅާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރިޕޯޓެއް ފާސްކޮށްފަ އެވެ.

އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބެލެހެއްޓިފައިހުރި ގޮތާއި، ދަރަނި ނެގިފައިވަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި، އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުގެ މައްޗަށެވެ.

އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިންތިހާއަށް އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ.

އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ހުށަހެޅުން ހިމެނެ އެވެ.