ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާ ކުރަންޖެހިފައިވީ ނަމަވެސް، މި ސަރުކާރުގައި ރާއްޖެ ބަނގުރޫޓު ވެގެން ނުދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓެއް ވަނީ އެކުލަވާލާފަ އެވެ. އެ ޑްރާފްޓް ރިޕޯޓު މަޖިލީހުގެ މެންބަރުންނާ ހިއްސާ ކުރުމަށް ފަހު، އިއްޔެ ވަނީ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ރިޕޯޓާ ގުޅިގެން ކުރިއަށް ދިއަ ބަހުސްގައި މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ކޮވިޑް-19 އިގެ ހާލަތުގައި މުޅި ދުނިޔެއާއެކު ރާއްޖޭގެ އިގުތިސޯދު ވެސް ވަޅުޖެހިފައިވާ ދަނޑިވަޅެއްގައި އިތުރަށް ލޯނު ނަގައިގެން ހިންގާ މަޝްރޫއުތަކާމެދު ފުންކޮށް ވިސްނަންޖެހޭނެ ކަމަށެވެ.
އެގޮތުން، ތިލަމާލެ ބުރިޖު އަޅަން އަވަށްޓެރި އިންޑިއާ އިން ނަގާފާއިވާ 400 މިލިއަން އެމެރިކާ ޑޮލަރު ފަދަ މަޝްރޫއުތަކަށް ނުސީދާކޮށް އިޝާރާތް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ދައުލަތަށް އާމްދަނީ ނުލިބޭ ފަދަ ބިޔަ މަޝްރޫއުތައް ހިންގާނަމަ، ރާއްޖޭގެ އިގުތިސޯދު ނުބައި މިސްރާބަކަށް ހިނގައިދާނެ ކަމަށެވެ.
"މިކަމުގެ ސަބަބުން ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބަ އޮތް،" އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝަރީފް ކަންބޮޑުވުންފާޅު ކުރެއްވި އެވެ.
ޝަރީފްގެ އެ ކަންބޮޑުވުމަށް ރައްދު ދެއްވައި، ކޮމިޓީގެ ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މި ސަރުކާރުން ރާއްޖެ ބަނގުރޫޓު ވެގެން ދިއަ ނުދޭނެ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ޔަގީންކަން އަރުވަން، އަޅުގަނޑުމެން މިހެން ތިއްބާ ރާއްޖެ ބަނގުރޫޓު ވެގެނެއް ނުދާނެ. އަދި ރައީސުލްޖުމްހޫރިއްޔާ އިގުތިސޯދުގެ މުގުލިގައި ހުންނަވާހާ ހިނދަކު އަޅުގަނޑަށް ވަރަށް އިތުބާރު އެބަ އޮތް މި އަކުރުގެ ކަންތައްތައް ރަނގަޅަށް ގެންދަވާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައި ވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބެލެހެއްޓިފައިހުރި ގޮތާއި، ދަރަނި ނަގާފައި ވަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި، އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުގެ މައްޗަށެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ އަދަދުތަކަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ދަރަނި 172 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ.
މަޖިލީހުގެ ރިޕޯޓުގައި ކުރިއަށް އޮތް އަހަރު ތަކުގައި ދައުލަތުން އަނބުރާ ދައްކަންޖެހޭ ދަރަނީގެ އަދަދުތަކާއި އެ އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރެވޭ އާމްދަނީގެ އަދަދުތައް ވެސް ވަރުން އަޅުވާފައި ވެއެވެ.
އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އަންނަ އަހަރުގެ ހިސާބުތަކެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.5 ބިލިއަން ރުފިޔާ ނަމަވެސް، އަނބުރާ ދައްކަންޖެހޭ ދަރަނީގެ ޖުމްލަ ހުރީ 20.1 ބިލިއަން ރުފިޔާގަ އެވެ. އެއީ ލިބޭ އާމްދަނީއަށް ވުރެ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފައި ވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް ކޮމިޓީއެއް އެކުލަވާލަން ހުށަހެޅުމަށެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޕޯޓާއެކު ދަރަންޏާ ގުޅޭ މަޝްވަރާތައް ކުރަނީ ހައްލު ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އިއްޔެގެ ބައްދަލުވުމެއްގައި އެ ރިޕޯޓު ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި އެވެ.
މުޅި މަޖިލީހުގެ ކޮމިޓީން އެ ރިޕޯޓު ފާސްވުމާއެކު، އެ ރިޕޯޓު އަލުން މަޖިލީހުގެ ތަޅުމަށް ގެންގޮސް ވޯޓަށް އަހާނެ އެވެ.