ހަބަރު

އިންޑިއާ އެމްބަސީ ބިންގަލުގައި "އިންޑިއާ އައުޓް" ދިދަ

މި ސަރުކާރާއި އަވަށްޓެރި އިންޑިއާ އާދެމެދު ފަހަކަށް އައިސް ގާއިމުކޮށްފައި އޮތް އާދަޔާ ހިލާފު ގުޅުމަށް އިދިކޮޅުން ފަރާތްތަކުން ފާޑު ކިޔައި ކަންބޮޑުވުން ފާޅު ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރާކަމުގެ ޝަކުވާ އެވެ. އެކި ނަން ނަމުގައި އޮއްސަމުންދާ ލޯނުތަކާއި އެހީތަކުގެ އަދަދު ދެ ބިލިއަނަށް ވުރެ ގިނަ ޑޮލަރަށް އަރައި، ދަރަނީގެ ތިލަފަތް އެ ގައުމަށް ބަރުވެގެންދިއުމާ ގުޅޭ ކަންބޮޑުވުމެވެ. ހެލިކޮޕްޓަރުތަކާއި މަތިންދާބޯޓުތަކާއި މަނަވަރުތަކުގެ ނިވަލުގައި ދިވެހި ފަސްގަނޑަށް ޖަމާވަމުންދާ އިންޑިއާ ސިފައިންގެ އަދަދުތައް އިތުރުވުމުގެ ހިތްހަމަނުޖެހުމާއި ހާސްކަމެވެ.

އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ، އެ ހުރިހާ ކަމެއްގެ ތަފްސީލު ސިއްރުކޮށް، މަތިއަޅާފައި ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެވެ. ގައުމީ ސަލާމަތުގެ ބަހަނާގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އެކި ގޮތްގޮތަށް އުޅެގެންވެސް ހާމަކުރުވޭ ގޮތެއް ނުވި އެވެ.

ޑިފެންސްގެ އެ ނިންމުމާމެދު ވަރަށް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ އަދަދު ހާމަކުރަން ޖެހޭނެ އެވެ. ދިވެހިން ދެކޭ ގޮތުގައި އެ އަދަދު ސިއްރެއް ނުކުރެވޭނެ އެވެ. ސިޔާސީ ބައެއް ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ވެސް އެކަމާ އެއްބަސްވެ ވަޑައިގަންނަވަ އެވެ.

އިންޑިއާގެ "ދީލަތި" ލޯނުތަކުގެ މައުލޫމާތަށްވެސް އޮތީ އެ ހަމަ އެވެ. އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ.

އެއާއެކު، ނުފޫޒު ގަދަ ސިޔާސީ ބޭފުޅުންނާއި މަޖިލީސް މެންބަރުން ވެސް ވަނީ އިންޑިއާ-ރާއްޖެ ގުޅުމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ފަށައިފަ އެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި، ސޯޝަލް މީޑިއާގައި ވެސް އަޑުއުފުލަނީ އެވެ. އިދިކޮޅުން އިސްވެ މުޒާހަރާތަކެއްވެސް ކޮށްފި އެވެ. މަޖިލީހުގެ ތަޅުމުގައިވެސް އެ ކޭމްޕޭނުގެ އަޑު އިއްވައިފި އެވެ.

ނަމަވެސް، އެ ކެމްޕޭނުގެ ތެރެއިން ވަރަށް ތަފާތު މަންޒަރެއް ދަނީ ދައުރުވަމުންނެވެ. އެންމެ ހަތް ސިކުންތުގެ ކުޑަކުޑަ ވީޑިއޯ ކޮޅެކެވެ. ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 30،000 އަކަފޫޓުގެ އަދި ހަނަފަސްކޮށް އޮތް ސަރަހައްދުންނެވެ.

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން، އެތަނުގައި އަޅުއްވައި ދެއްވި ބިންގަލުގެ މަތިންނެވެ.

އިންޑިއާގެ އާ ހައިކޮމިޝަން އިމާރާތް އަޅަން ހުޅުމާލެއިން ދީފައިވާ ބިމުގައި އެ އިމާރާތުގެ ބިންގަލުގެ މަތީގައި، ވިހުރެނީ "އިންޑިއާ އައުޓް"ގެ ދިދަ އެކެވެ. އެކަން ކުރީ ކާކު ކޮން އިރަކު ކަމެއް ނޭނގެ އެވެ. އަދި އެ ދިދަ މިހާރު އެތަނުން ނުނަގާކަމެއް ނޭނގެ އެވެ.

އެކަމަކު އެއީ މިހާތަނަށް އެ ކެމްޕޭނުގެ ތެރެއިން ދެވުނު އެންމެ ވަރުގަދަ މެސެޖޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. "އިންޑިއާ އައުޓް" މިފަހަރު ބިންގަލާ ހަމައަށް އެވަނީ ގޮސްފައެވެ.