ހަބަރު

އިންޑިއާއިން ރާއްޖެއަށް ބޮޑު މާލީ ޕެކޭޖެއްގެ ވައުދު

Jul 26, 2020
5

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމަށް އަވަށްޓެރި އިންޑިއާއިން ވަރަށް އަވަހަށް ބޮޑު ފައިނޭންޝަލް ޕެކޭޖެއް އިއުލާނު ކުރާނެ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

މިއަދު ރާއްޖެއިން ފާހަގަކުރާ 55 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވާލައިގެން ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުން ވެފައިވާ ބޭހާއި، ސިއްހީ ދާއިރާއަށް އެހީތެރިކަމުގެ އިތުރުން ކާބޯތަކެތީގެ ބޮޑެތި އެހީތައް އިންޑިއާއިން މިހާރު ވެސް ފޯރުކޮށްދީފައި ވާނެ ކަމަށާއި އިންޑިއާ އާއި ރާއްޖެއާ ދެމުދު ވެފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ނުވަތަ ފައިސާ ބަދަލު ކުރުމުގެ އެއްބަސްވުން އެކްޓިވޭޓްކޮށް 400 މިލިއަން ޑޮލަރު ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށެވެ.

"އަދި ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމަށްޓަކައި އިތުރު ފައިނޭޝަލް ޕެކޭޖެއް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ،" ސަަފީރުގެ ބަޔާނުގައި ވިދާޅުވި އެވެ. ޕެކޭޖާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

އިންޑިއާގެ ބަޔާނުގައި ދެ ގައުމުގެ މެދުގައި އޮތް ތާރީހީ ގުޅުމަކީ، ވަރަށް އުއްމީދީ މުސްތަގުބަލެއްގެ މައްޗަށް ބިނާވެފައިވާ އޮތް ކޮންމެ މޫސުމަކަށް ނުގުޑާ ފަދަ ރަހުމަތްތެރި ގުޅުމެއް ކަމަށް ސިފަކޮށް ދެ ގައުމުގެ ގުޅުން ބަދަހިވަމުން އަންނަނީ، ރާއްޖޭގެ "އިންޑިއާ ފަސްޓް" އަދި އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ބިންގަލުގެ މަތީގައިކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.

އިންޑިއާއާއެކު ރާއްޖޭން ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރެންސީ ސޮވޮޕްގެ އެއްބަސްވުމަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއި ކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސޯދީ ޕެކޭޖްގެ ބައެއް ކަމަށް އިންޑިއާ އިން ބުންޏެވެ.

އިންޑިއާގެ އެ އިގްތިސޯދީ ޕެކޭޖްގެ ދަށުން މިހާތަނަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ އެހީއެއް މިދިޔަ އަހަރު ރާއްޖެއަށް ދީފައިވެ އެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން އެމްއެމްއޭއަށް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބޭންކްގެ ސަބްސްކްރިޕްޝަނެއް ވެސް މިދިޔަ އަހަރު ދިނެވެ.