ވިސާއާ ނެތި ދިވެހިންނަށް އިންޑިއާއަށް ދަތުރު ކުރެވޭ ގޮތް ހަމަޖައްސާ ކުރިން އޮތް ގޮތަށް އަމަލު ކުރަން ފަށާފައި ވާކަން އިއުލާނު ކޮށްފި އެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ ވިސާ ނެތި ދިވެހިންނަށް އިންޑިއާއަށް ދަތުރު ކުރެވޭނެ ކަމަށެވެ. އެ ނިންމުމަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަަށް ވެސް ބުންޏެވެ.
ބޭހަށްދާ ދިވެހިން އިންޑިއާއަށް ދާއިރު ވިސާ ނަގަން ޖެހޭ ގޮތަށް ހެދީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެ ގައުމު ބަންދު ކުރުމާއި ގުޅިގެންނެވެ. އެހެން ގައުމުތަކަށް އިންޑިއާ ބަންދުވީ ނަމަވެސް ވިސާ ނަގައިގެން ދަތި އުސޫލެއްގެ ތެރެއިން ދިވެހިންނަށް އެ ގައުމަށް އެތެރެވުމަށް ހާއްސަ ހުއްދައެއް ދިނެވެ.
އެ ހުއްދައިގެ ދަށުން ހާލު ބޮޑު ބަލި މީހުން އެ ގައުމަށް ގެންގޮސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖެ-އިންޑިއާ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވުމުން މެޑިކަލް ވިސާ ނެތިވެސް ދިވެހިންނަށް އެ ގައުމަށް އެތެރެވެވޭ ގޮތް ހަދައިދިނެވެ.