ވިޔަފާރީގެ އެކި ކަންކަމުގައި ރާއްޖެ އަންނަ އިންޑިއާގެ ރައްޔިތުންނަށް 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ރާއްޖެ ތިބެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ. އެކަން ހާމަކޮށް ފޮރިން މިނިސްޓްރީން މިރޭ ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިއީ ވިސާއާ ގުޅޭގޮތުން ދެ ގައުމުން ކުރީން އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ. ޑިސެންބަރު 17، 2018 ގައި ވެފަައިވާ އެ އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރަން ފަށާފައިވަނީ މި ފެށުނު ފެބްރުއަރީ ފުރަތަމަ ދުވަހުން ފެށިގެން ކަަމަށްވެސް ބުންޏެވެ.
މި ނިންމުމާއެކު ވިޔަފާރީގެ އެކި ކަންކަމުގައި ރާއްޖެ އަންނަ އިންޑިއާގެ ރައްޔިތުންނަށް 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ރާއްޖޭގައި ތިބެވޭނެ އެވެ. އަދި އެ މުއްދަތު އިތުރު ކުރަންވެސް ހުށައެޅޭނެ އެވެ.
މީގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް 180 ދުވަހުގެ މުއްދަތަށް ބިޒްނަސް ވިސާ ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ސަރުކާރުން މި ނިންމުން ނިންމާ އަމަލު ކުރަން ފަށާފައި މިވަނީ ރާއްޖެ-އިންޑިއާ ގުޅުން ވަރަށް މަތީ ހަރުފަތަކަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. ވަރަށް ކުދި ކުދި ކަންކަމުން ފެށިގެން ގިނަ ކަންކަމުގައި ސަރުކާރުން ދަނީ އިންޑިއާއަށް ބަރޯސާވަމުން ކަމަށް އިދިކޮޅުން ދެކެއެވެ. މީގެ އިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބާ ރާއްޖޭގައި ހިންގާ ތަަރައްގީގެ މަޝްރޫއުތައް އިންޑިއާގެ ރުހުމާއެކު އަދި އެ ގައުމުގެ އެހީތެރިކަން އޮވެގެން އިންޑިއާގެ ކުންފުނިތަކާ ދަނީ ހަވާލު ކުރަމުންނެވެ.
ސަރުކާރުގެ މި މަދަދުވެރިކަމާއި ގުޅިގެން އިންޑިއާ އިންވެސް ދިވެހީންނަށް ދަނީ ފަސޭހަތައް ފަހިކޮށް ދެމުންނެވެ.