އަބްދުﷲ ޝާހިދު

ރާއްޖެ އޮންނާނީ އިންޑިއާގެ އެކުވެރިއެއްގެ ގޮތުގައި، އެކަމަށް ވައުދުވަން: ޝާހިދު

ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އިންޑިއާގެ އެކުވެރިއެއްގެ ގޮތުގައި ކަމަށާ އެއީ ވެވަޑައިގަންނަވާ ވައުދެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ޝާހިދު މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅު ގައެވެ.

ޝާހިދު ވިދާޅުވީ މިއަދު ސޮއިކުރެވުނު 8 އެއްބަސްވުމާއެކު އަނެއްކާވެސް ތަރައްގީގެ މުޅިން އާ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާ މި މަސައްކަތްތަކާއެކު ޖަޒީރާ ރަށްތަކަށާއި ސަރުކާރުން ގެންގުޅޭ ޑީސެންޓްރަލައިޒޭޝަން ޕޮލިސީއަށް ގިނަގުނަ މަންފާތަކެއް ކުރާނެ ކަމަށެވެ.

"އިޖްތިމާއީ ފެންވަރުގައި މީހުން ބާރުވެރި ކުރުވުމަކީ ރާއްޖެއާއި އިންޑިއާއާ ދެ ގައުމުން ވެސް ގެންގުޅޭ ވިސްނުމެއް. މިއަދު ލޯންޗުކުރެވިގެންދިޔަ ނުވަތަ ފެށުމުގެ މަގުމަތީގައި ހުރި މަޝްރޫއުތަކަކީ ވެސް މުޖުތަމައެއް ބިނާކޮށް ބާރުވެރިކުރުމުގެ އަޒުމްގައި ލޯންޗުކުރެވިގެންދިޔަ މަޝްރޫއުތަކެއް. ހަމައެހެންމެ މި މަޝްރޫއުތަކާއިއެކު ރަށު ކައުންސިލްތަކުގެ މަސައްކަތްތަކަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެ. މިކަން ފަހި ކޮށްދިނުމަށް އެހީތެރިވެދިން އިންޑިއާއަށް އަޅުގަނޑުމެން އެންމެންގެ ނަމުގައި ހިތުގެ އަޑިން ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ މާލީ އަދި ތަރައްގީއަށް ބޭނުންވާ އެހީތެރިކަމަކީ އަތޮޅުތެރޭގެ މާލީ ހާލަތު ވަޒަންކުރެވި ރަށްތަކުގެ ތަރައްގީއަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި އިސްދައުރެއް އަދާކުރާ ކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި މިއަދު ދައުރު ނިމިގެންދާ އިންޑިއާގެ ހައި ކޮމިޝަނަރު ސުދީރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސްގެ އެމްއޯޔޫގައި އެންމެ ފުރަތަމަ ސޮއިކުރެވުނީ އޭރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް މާޗު 2019 ގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިކަން ފާހަގަކުރައްވާ ސުދީރުގެ އެންމެ ފަހު މަސައްކަތްތަކުގެ ތެރޭގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން އިތުރު މަސައްކަތްތަކުގައި ސޮއިކުރެއްވުމަކީ އެންމެ އެކަށީގެންވާ އެއް ކަންތައް ކަމަށް ވިދާޅުވިއެވެ.

"ދެގޮތެއްނުވެ ދެ ގައުމުގެ ގުޅުމުގައި ސާބިތުވެ ހުންނެވީތީ ހިތުގެ އެންމެ ފުންމިނުން އަޅުގަނޑުމެން އެންމެންގެ ނަމުގައި ޝުކުރު ރައްދުކުރަން. ތިޔަ ބޭފުޅާގެ ތި ހުންނެވި ޖޯޝުގެ ސަބަބުން ރާއްޖެ-އިންޑިއާ އެކުވެރިކަން އެތައް އަހަރުތަކަކަށް ދެމިގެންދިޔުމަށް އިތުރު ބާރަކަށް ވެއްޖެ. ތިއީ ކަންކަން ކުރައްވަން ކެރޭ ބޭފުޅެއް. ކަން ކޮށްފައި ނަތީޖާ ދައްކަވާ ބޭފުޅެއް. މިކަމަށް އަޅުގަނޑު ބުނެލާނީ ޝުކުރިއްޔާއޭ. ވަދާއީ ސަލާމް ކުރުމަކީ އަޅުގަނޑުމެން ކުރާ ކަމެއް ނޫން. އަޅުގަނޑުމެންނަކީ އެކުވެރިކަން ތާއަބަދަށް ދަމަހައްޓާ ބައެއް. އަޅުގަނޑާއި، މުޅި މި ޓީމުން ވެސް މި އެކުވެރިކަން ދަމަހައްޓާނަން. ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އެކުވެރިއެއްގެ ގޮތުގައި. މިއީ މިއަދު އަޅުގަނޑުމެން ކުރާ ވައުދެއް،" ޝާހިދު ވިދާޅުވިއެވެ.