ފޮރިން މިނިސްޓްރީ

ބީޖޭޕީގެ ތަރުޖަމާނުގެ ވާހަކަތައް ސަރުކާރުން ކުށްވެރިކޮށްފި

އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ދިވެހި ސަރުކާރުން ރަސްމީކޮށް ކުށްވެރި ކޮށްފި އެވެ. ސަރުކާރުން ވަނީ އެކަމާއި ގުޅިގެން ދެންމެ ނޫސް ބަޔާނެއް ނެރެފައެވެ.

ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ ހަގީގީ ތަބީއަތާއި އުނގަންނައިދިނުންތައް ފުނޑުފުނޑުކޮށްލުމަށް ކުރާ ހުރިހާ ކަމެއް އަދި އެއްވެސް އަމަލެއް ދިވެހި ސަރުކާރުން ބަލައިނުގަންނާނެ ކަމަށެވެ. އަދި އެފަދަ ކޮންމެ އަމަލެއް އެއްވެސް ޝައްކެއް ނެތް ގޮތުގައި ކުށްވެރި ކުރާ ކަމަށެވެ.

އިންޑިއާގެ ބީޖޭޕީގެ ބައެއް އޮފިޝަލުން ކީރިތި ރަސޫލާ މުހައްމަދު (ޞޢވ) އާއި އިސްލާމްދީނަށް ފުރައްސާރަކޮށް ދެއްކެވި ފުރައްސާރައިގެ ވާހަކަތަކުގެ ސަބަބުން ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އެފަދަ ވާހަކަތައް ދެއްކެވި އޮފިޝަލުންނާ މެދު ބީޖޭޕީން އަވަސް ފިޔަވަޅުތަކެއް އެޅުމުން އެކަމަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށްވެސް ވަނީ ބުނެފައެވެ.

ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވަނީ އިންޑިއާގެ ޓީވާ ޗެނަލެއްގަ އެވެ. އެ މައްސަލައާއި ގުޅިގެން އިސްލާމީ ބައެއް ގައުމުތަކުން ނުރުހުން ފާޅުކޮށް ބަޔާން ނެރުމާ ގުޅިގެންނާއި އިންޑިއާގެ މުސްލިމުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރަން ފެށުމުން ބީޖޭޕީން ވަނީ އެޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ އާއި ޕާޓީގެ މީޑިއާ އިންޗާޖުގެ ގޮތުގައި ހުންނެވި ނަވީން ކުމާރު ޕާޓީގެ މަގާމުތަކުން ސަސްޕެންޑްކޮށްފަ އެވެ.

ބީޖޭޕީގެ އިސް އޮފިޝަލަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ހޫނުވުމާ ގުޅިގެން ބީޖޭޕީން ބަޔާނެއް ނެރުނު ނަމަވެސް އެ ބަޔާން ނެރުނު ސަބަބެއް ބުނެފައެއް ނުވެ އެވެ. އަދި ރަސޫލާއަށް ފުރައްސާރަ ކުރި އޮފިޝަލްގެ ނަންވެސް ފާހަގަކޮށްފައެއް ނުވެ އެވެ. އެކަމަކު ބަޔާނުގައި ބުނެފައިވަނީ ބީޖޭޕީ އަކީ ހުރިހާ ދީނަކަށްވެސް އިހުތިރާމް ކުރާ ބައެއް ކަމަށެވެ. އަދި އެއްވެސް ދީނެއްގެ ޝަހްސިއްޔަތަކަށް ފުރައްސާރަ ކުރުން އެ ޕާޓީން ކުށްވެރި ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

މި މައްސަލާގައި މުޅި އިސްލާމީ އުންމަތް ވަނީ ރުޅިގަދަވެފައެވެ. ސައުދީ އާއި ކުވޭތު އަދި އިިރާން ފަދަ ގައުމުތަކުން ވަނީ އިންޑިއާ ސަރުކާރަށް ނިސްބަތްކޮށް ރުޅިވެރި ބަސްތައް ހިމަނާ ބަޔާންތައް ނެރެފައެވެ. އަދި އެ އަމަލަށް ރަސްމީކޮށް މާފަށް އެދުމަށް ގޮވާލާފައިވެއެވެ.