ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިންޑިޔާގެ ބޮޑުވަޒީރު މޯދީ

"އިންޑިއާ ވެކްސިން ގައުމުތަކަށް ދިނުމަކީ ފަހުރެއް"

ކޮވިޑް-19ގެ ބަލިން ރައްކާތެރިވުމަށް އިންޑިއާއިން އުފައްދާފައިވާ ވެކްސިން އަވައްޓެރި ގައުމުތަކަށް ފޯރުކޮށްދޭން މާދަމާ ފަށާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާއަށް ލިބޭ ފަހުރެއް ކަމަށެވެ. ކޮވިޑަށް އުފެއްދި ވެކްސިން މާދަމާ އެކުވެރި ގައުމުތަކަށް ފޯރުކޮށްދޭން ފަށާނެ ކަމަށްވެސް މޯދީގެ ޓްވީޓްގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ގައުމުތަކަށްވެސް ވެކްސިން ދޭނެ ކަމަށް ވިދާޅުވިއެވެ.

މޯދީގެ ޓްވީޓްގައި ވަނީ އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްވެސް ހިއްސާކުރައްވާފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ ހިމެނޭހެން އިތުރު ފަސް ގައުމަކަށް މާދަމާ ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ. އެއީ އެ ގައުމުތަކަށް ފޯރުކޮށްދޭ ފުރަތަމަ ވެކްސިން ޝިފްމަންޓް ކަމަށް ބުނި ނަމަވެސް އެއީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް ބުނެފައެއް ނުވެއެވެ.

އެ ބަޔާނުގައި ގައުމުތަކަށް ފޮނުވަނީ ކޮން ކަހަލަ ވެކްސިނެއް ކަމެއް ބުނެފައެއް ނުވެއެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މާދަމާ ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ފުރަތަމަ ހާމަކުރީ އިންޑިއާގެ ނޫސްތަކުންނެވެ. އިންޑިއާގެ ނޫސްތަކުން ބުނީ ކޮވިޑް ވެކްސިންގެ ފުރަތަަމަ ޝިޕްމަންޓް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 2:00 ޖަހާއިރު ކަމަށެވެ. އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާ ކަމަށާ ދިވެހި ސަރުކާރާއި ރާއްޖޭގެ އިދާރާތަކުން ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއް ނަގާފައިވާ ކަމަށެވެ. މިއީ އެ ގައުމުން ކޮވިޑް ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމު ކަމަށްވެސް ބުންޏެވެ. އަދި ބުނީ ރާއްޖެއަށް ގެންނަނީ އޮކްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑް" ވެކްސިން ކަމަށެވެ.

ނަމަވެސް މިކަމާއިމެދު ފޮރިން މިނިސްޓްރީން އަދި ދިވެހި ސަރުކާރުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ނުބުންޏެވެ.