މެއި 25، 2021 ގައި އިންޑިއާ ސަރުކާރުން މުހިންމު ނިންމުމެއް ނިންމާ އެކަން އިއުލާނުކުރި އެވެ. ކެބިނެޓް ނިންމުމުގައިވާ ގޮތުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަނީ އެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލްވުމުގައި ވަނީ ކޮންސިއުލޭޓެއް ގާއިމުކޮށް ނިންމަން ވެސް ތާރީހެއް ކަނޑައަޅާފަ އެވެ. އެންމެ ފަސް ވެގެން ވެސް މިއަހަރު ނިމުމުގެ ކުރިން އެ ކޮންސިއުލޭޓް ގާއިމު ކުރަން ނިންމާފައި ވެއެވެ. އިންޑިއާގެ އެ ނިންމުން އައިއިރު ދިވެހި ސަރުކާރުން އެފަދަ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ. ކަން ދިމާކުރި ގޮތުން އިންޑިއާއިން އެ ނިންމުން އައި ދުވަހުގެ އެއް ދުވަސް ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުމުގައި އެމަނިކުފާނަށް އެ ސުވާލު ދެންނެވުނެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި "އެއީ އިންޑިއާ ސަރުކާރުގެ ނިންމުމެ" ކެވެ. އެއީ ރެކިވަޑައިގަތުމުގެ ސިޔާސީ ޖަވާބެކެވެ. އެކަމަކު އެއީ އަސްލު މައްސަލައަށް ދެއްވި ޖަވާބަކަށް ނުފުދެ އެވެ.
އެހެންނަމަވެސް އެ ޖަވާބަށް ފަހުވެސް ގުޅުންހުެރި ވާހަކަތަކެއް ރައީސް ދެއްކެވި އެވެ. ވިދާޅުވި ގޮތުގައި އިންޑިއާ އާއި ރާއްޖެއިން އެ މައްސަލާގައި އަދި މަޝްވަރާއެއް ނުކުރެ އެވެ. ގައުމު ތަކުގެ މެދުގައި ހުންނަ ޑިޕްލޮމެޓިކް ގުޅުންތަކުގެ ތެރެއިން އެއް ގައުމުން އަނެއް ގައުމަށް ހުށަހަޅާ ކަންތައްތަކެއް ފުރިހަމަކުރުމަށްޓަކައި ދެކެވެން ޖެހޭ ވާހަކަތަކެއް ދެކެވޭނެ އެވެ. އެއަށް ފަހު ވިދާޅުވީ ރާއްޖެއިން އެފަދަ ނިންމުމެއް އަދި ނިންމަވާފައެއް ނުވާނެ އެވެ.
އޭގެ ފަހުން ރައީސްގެ ވާހަކަފުޅު ބައްޓަން ކުރެއްވީ "ދިވެހި ސަރުކާރު އެކުވެރި އިންޑިއާ" ގެ އެ ނިންމުމަށް ތާއީދު ކުރައްވާކަން ދޭހަވާ މޭރުމަކުންނެވެ. އަދި މިސާލެއް ގެންނަވައި ވިދާޅުވި ގޮތުގައި އިންޑިއާގެ ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނައިރު އެ ގައުމުގެ ޓްރިވެންޑްރަމްގައި ވެސް ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ހަދާފައި ހުރެ އެވެ.
"އެހެންވީމާ އެއް ގައުމަކުން ފޯރުކޮށް ދޭ އެކަހަލަ ވަސީލަތްތައް އަނެއް ގައުމެއްގައި އެ އޮންނަ ގައުމަކުން އެދިއްޖެ ކަމަށް ވަންޏާ އެއާ ދޭތެރޭގައި ވިސްނަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" އިންޑިއާގެ ނިންމުމަށް ފުރުސަތު ދޭނެ ކަމަށް ދޭހަވާ ގޮތަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ މި ވާހަކަތަކުން މިއީ ސަރުކާރަށް ނޭނގި ނިންމާފައި އޮތް ނިންމުމެއް ކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ. ރައީސްގެ ވާހަކަފުޅުތަކުން ފާހަގަ ކުރެވެނީ ހިނގަމުން މިދަނީ ރައްޔިތުންގެ ރިއެކްޝަން ހުރި ގޮތް ބަލާލަން ހޭދަވާ ވަގުތުކޮޅެއް ކަމެވެ. އަދި ރައީސް އެ މޭރުމުން ވާހަކަފުޅު ދެއްކެވީ ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ނަމަވެސް އެއީ ސަރުކާރުން ބޭނުންވި ގޮތް ނޫން ކަމަށް ދެއްކުމެވެ.
ރައީސްގެ ވާހަކަފުޅުތަކުގެ ކުރީން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އޮތީ ބަޔާނެއް ނުކުމެފަ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ގައުމުގެ ކެބިނެޓުން ރާއޖޭގެ އައްޑު އަތޮޅުގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހަދަން ނިންމީ އިންޑިއާގެ ސަރުކާރުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް ޕޮލިސީ" އާއި "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން" ގެ އަމާޒުގައި ރާއްޖެ އަކީ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވެގެނެވެ. އަދި އިންޑިއާގެ މި ނިންމުން އައި ނަމަވެސް އަމަލީ މަަސައްކަތް ފަށާނީ ދިވެހި ސަރުކާރުން ހުއްދަ ދިނުމުންނެވެ.
އޭގެ ފަހަތަށް ގެން ގެންނަނީ ސ. އަތޮޅުގައި އިންޑިއާ ކޮންސިއުލޭޓް އޮފީހެއް ހެދުމުން ދިވެހިންނަށް އޮތް ފައިދާ އެވެ. އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ އައްޑޫ ރައްޔިތުންނަށް ވިސާގެ ފަސޭހަކަން ލިބި ވިޔަފާރީގެ ގުޅުންތައް ގާއިމު ކުރެވިގެން ދާނެ އެވެ.
ނަމަވެސް އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހަދަން ނިންމި ނިންމުމާމެދު ދިވެހިންގެ އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެ ސުވާލު އުފައްދަން ޖެހޭ ބައިވަރު ސަބަބުތައް ވެސް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް ކޮންސިއުލޭޓް އޮފީސްތައް ގާއިމު ކުރަން ޖެހޭ އެކަށީގެންވާ އެއްވެސް ސަބަބެއް އައްޑޫގައެއް ނެތެވެ. ކޮވިޑްގައި އިންޑިއާ ކޮށިއަރައި ނޭވާލާން ދަތިވެފައި އޮތް މި ވަގުތު، އަދި ރާއްޖެއަށް ކޮވިޑްގެ އިންޑިއާ ވޭރިއަންޓް ދެމިގަނެ، ރާއްޖޭގެ ހާލަތުވެސް ގޯސްވެ ވެކްސިނަށް ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި އިންޑިއާގެ އެފަދަ ނިންމުމެއް އައުމަކީ ވެސް މި ކަމުގައި އިންޑިއިން ފޮރުވިފައިވާ އެހެން އެެޖެންޑާއެއް އޮތް ކަމަށް ތުހުމަތު ކުރެވިދާނެ، އެހެންނާ ތުހުމަތު އޮތް ސަބަބެކެވެ.
ސިޔާސީ ދާއިރާގެ ތަޖުރިބާކާރު ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެ މިހާރު ވެސް އޮތީ ވަރަށް ބޮޑަށް އިންޑިއާގެ ނުފޫޒުގެ ތެރޭގައި ބަނދެވިފަ އެވެ. ހާއްސަކޮށް މި ސަރުކާރުގެ ހާރިޖީ ސިޔާސަތު އޮތީ މުޅީން އިންޑިއާ ކޮޅަށް ގޮސް ހުސްވެފަ އެވެ. އިންޑިއާއިން ކޮންމެ ގޮތެއް ހެދި ނަމަވެސް ދިވެހި ސަރުކާރަށް އިސްވެ އެއިން ކަމަކާ ދެކޮޅު ހެދުމުގެ އެއްވެސް ބާރެއް ނޯންނަ ކަމާއި އެތަން ދަނީ ދިމާއަށް ފެނި ހާމަވަމުންނެވެ.
މިހާރުވެސް ޒާތަކަށް އިންޑިއާގެ މިލިޓަރީ ބޭހެއް ރާއްޖޭގައި އޮތީ ގާއިމުކޮށްފަ އެވެ. އިންޑިއާއިން ހަދިޔާކުރި، އެކަމަކު އިންޑިއާ މީހުން ނޫނީ ދުއްވުން މަނާ ހެލްކޮޕްޓަރުތަކުގެ ހަވާލުގައި އެ ގައުމުގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި އެބަތިއްބެވެ. އައްޑޫ ގަމާއި ލ. އަތޮޅާއި އުތުރުން ހަނިމާދޫގައި އިންޑިއާ ސިފައިން ގާއިމުވެ އެބަތިއްބެވެ. ހަނިމާދޫ އެއާޕޯޓް ބޮޑު ކުރުުމުގެ މަޝްރޫ އާއި ގްރޭޓާ މާލެ ސަރަހައްދުގެ ބްރިޖް މަޝްރޫއުގެ ކަންކަން އެ ހިނގަނީ ސީދާ އިންޑިއާގެ ބެލުމުގެ ދަށުންނެވެ. ދިވެހިންގެ ދަރަނީގެ ތިލަފަތް ފާޅުކޮށް އިންޑިއާ ކޮޅަށް ބުރަކޮށްލާފައި އެ އޮތީ ދޮޅު އަހަރުންނެވެ. ލޯނު ނެގުމާއި އެއް ގައުމަކަށް ދަރާ ވިއްކުން ހުއްޓުވަން އައި ސަރުކާރު ބަލާން އޮއްވާ ރާއްޖޭގެ ދަރަނީގެ ތިލަފަތް ޗައިނާކޮޅުން އިންޑިއާ ކޮޅަށް ބަރުކޮށްލީ އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި އައްޑޫގައި ގާއިމުކުރަން މަަސައްކަތް ކުރާ ކޮންސިއުލޭޓް އޮފީހަކީ ނަން ފިލާގަނޑެކެވެ. އެއީ އައްޑޫ ރައްޔިތުންނަށް ވިސާދީ، ދެކުނުގެ އެ ސިޓީއަށް ވިޔަފާރިތައް ގެންގޮސް އިގްތިސޯދު ދުޅަހެޔޮކޮށް ދޭން ކުރާ ކަމެއް ނޫނެވެ. އެކަމަކު އެއީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންގެ ހެލްކޮޕްޓަރާއި ރާޑަރުތަކާއި އައްޑޫގެ ޕޮލިސް އެކަޑަމީ އާއި އުތުރުތިލަފަޅު (ޔޫޓީއެފް) މަޝްރޫއުއާއެކު ބޮޑު މަންޒަރު ސާފުވާނެ ނަން ފިލާގަނޑެކެވެ.
އުމަރު ވިދާޅުވި ގޮތުގައި ކޮންސިއުލޭޓް އޮފީހުގެ އޮތީ އެންމެ ބޭނުމެކެވެ. އެއީ "ވަލުދޮރާށި" ން ވަދެ ރާއްޖޭގައި މިލިޓްރީ ބޭހެއް ގާއިމު ކުރަން އިންޑިއާއިން ފަށާފައި އޮތް ވަރުގަދަ މަސައްކަތަށް "ޑިޕްލޮމެޓިކް ކަވާ" އެއް ރައީސް ސޯލިހުގެ ސަރުކާރުގެ އެހީގައި ހޯދުމެވެ. އިންޑިއާގެ މީހުން ރާއްޖެ ގެނެސް އަޅާލައި އިންޑިއާގެ ފައުޖަށް ހިމާޔަތް ހޯދައި ދިނުމެވެ.
"މިހާރުވެސް އެ މީހުން [އިންޑިއާ] އެ ތިބީ މި ތަނުގައި އެ މީހުންގެ މިލިޓްރީ ޕްރެޒެންސްއެއް ގާއިމު ކޮށްގެން. އެހެންވީމަ އެކުރާ މަސައްކަތަކީ ޑިޕްލޮމެޓިކް ކަވާއެއް ހޯދުން. އައްޑޫގައި ކޮންސިއުލޭޓް ހަދައިގެން އިންޑިއާ ދިދަ ޖަހައިގެން ތިބޭނީ އެމީހުން. ކުރާނެހާ ވެސް ކަމަކީ ހެލްކޮޓްޕަރު ދުއްވަން އަންނަ މީހުންނާއި އެކަޑަމީއަށް އަންނަ މީހުންނަށް ޑިޕްލޮމެޓިކް ކަވާ ދިނުން... އެ ހުޅުވާ ކޮންސިއުލޭޓް ދެން ހުޅުވަން ދިމާކުރާނީ ހަނިމާދޫގައި އިނގޭތޯ، އެކަންވެސް ކުރާނެ،" އުމަރު ވިދާޅުވި އެވެ.
ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު ވެސް އިންޑިއާގެ މި ނިންމުމާމެދު ކަންބޮޑުވުން ފާޅު ކުރައްވަ އެވެ. އަނީސާ ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން އެ ގައުމުގެ މައި ސަރުކާރުން ނިންމީ ދިވެހި ސަރުކާރުގެ ބަހެއް ނެތި ކަމުގައިވާނަމަ ރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު އޮތް މިންވަރު އެއޮތީ ހާމަވެފަ އެވެ.
ރާއްޖެއަށް ބޮޑެތި އެހީތައް ދީ އަސްކަރީ ގޮތުންނާއި އެ ނޫން ގޮތްގޮތުން ރާއްޖެ-އިންޑިއާ ގުޅުން ބަދަހި ކުރަނީ އެއްވެސް އަމިއްލަ އެދުމެއް ނެތިތޯ ވެސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަނީސާ ސުވާލު އުފައްދަވަ އެވެ. އަދި އެއީ ދެ ގައުމުގައި އޮތް ރަހުމަތްތެރި ކަމަށްޓަކައި ކޮށްފާނެ ކަމެއްތޯ ވެސް ފޮރިން ރިލޭޝަންސް އަށް ފަރިތަ އެކަމަނާ ސުވާލު ކުރައްވަ އެވެ.
"ސުވާލަކީ އިންޑިއާގެ މިހާރުގެ ސަރުކާރުން އެ ގައުމުގެ މުސްލިމުންނާ ދޭތެރޭ އެހާ ނިކަމެތިކޮށް ކަންކުރާއިރު 100 ޕަސެންޓް މުސްލިމު ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށް ބޮޑެތި އެހީތައް ދީ ޑިޕްލޮމެޓިކް ގޮތުންނާއި އަސްކަރީ ގޮތުން ގުޅުން ބަދަހި ކުރަނީ އަމިއްލަ އެދުމެއް ނެތި ހަމައެކަނި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ކަަމުގައި ބަލައިގެން ތިބެންވީ ބާވައޭ،" އަނީސާ ސުވާލު އުފެއްދެވި އެވެ.
މިހާރުވެސް އެ މީހުން [އިންޑިއާ] އެ އޮތީ މި ތަނުގައި އެ މީހުންގެ މިލިޓްރީ ޕްރެޒެންސްއެއް ގާއިމުކޮށްގެން. އެހެންވީމަ އެކުރާ މަސައްކަތަކީ ޑިޕްލޮމެޓިކް ކަވާއެއް ހޯދުން. އައްޑޫގައި ކޮންސިއުލޭޓް ހަދައިގެން އިންޑިއާ ދިދަ ޖަހައިގެން ތިބޭނީ އެމީހުން. ކުރާނެހާވެސް ކަމަކީ ހެލްކޮޓްޕަރު ދުއްވަން އަންނަ މީހުންނާއި އެކަޑަމީއަށް އަންނަ މީހުންނަށް ޑިޕްލޮމެޓިކް ކަވާ ދޭނީ. އެ ހުޅުވާ ކޮންސިއުލޭޓް ދެން ހުޅުވަން ދިމާކުރާނީ ހަނިމާދޫގައި އިނގޭތޯއުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު
އުމަރު ވިދާޅުވި ގޮތުގައި އިންޑިއާގެ ނިންމުމާ ގުޅޭގޮތުން ރައީސް ސޯލިހް ހެއްދެވީ އިތުރުުފުޅެކެވެ. އިންޑިއާ ފަދަ ގައުމަކުން އެފަދަ ނިންމުމެއް ރާއްޖެއިން ފެހި ސިގްނަލް ނުދެނީސް ނުނިންމާނެ އެވެ. އަދި އެ ނިންމުން އައުމުގެ ކުރިން ދެ ގައުމުގެ މެދުގައި މަޝްވަރާ ވެސް ހިނގާނެ އެވެ. ވަރަށް ބޮޑު ކަށަވަރު ކަމެއް އަދި ޔަގީން ކަމެއް އޮވެގެން ނޫނީ އެފަދަ ނިންމުމެއް ނިންމާ ޕަބްލިކަށް ނުގެންނާނެ އެވެ. އިންޑިއާ ކަހަލަ ގައުމަކުން ރާއްޖެ ކަހަލަ ގައުމެއްގައި ކަމެއް ކުރަން ނިންމާ އިއުލާނުކޮށް ދެން ރާއްޖޭގެ ރުހުން ހޯދަން ހުށައެޅުން އެއީ ޖޯކެއްގެ ގޮތުގައި ވެސް އުމަރު ސިފަ ކުރެއްވި އެވެ.
"ރައީސް އެ ހެއްދެވީ ސީދާ ދޮގެއް. ނޫނީ އެއީ ބައި ދޮގެއް، ދެބައިކުޅަ އެއްބައި ދޮގެއް. އެހެން މި ދެންނެވީ ކޮންސިއުލޭޓެއް ގާއިމު ކުރަން އިންޑިއާއިން ނުނިންމާނެ މި ތަނުން [ރާއްޖެ] ގްރީން ސިގްނަލެއް ލިބިގެން ނޫނީ. އެއީ ލަޓޯފަޓޯ ނިންމުންތައް ނިންމާނެ ގައުމެއް ނޫން. ފުރަތަމަ ކަމަކަށް ކެބިނެޓަށް އެފަދަ މައްސަލައެއް ގެންދާނީ ވެސް އެ ނިންމުން ނިންމާފައި. ކެބިނެޓަށް އެ ގެންދަނީ ޕްރޮޓޮކޯލް ފުރިހަމަ ކޮށްލަން. އެހެންވީމަ އެއްގޮތަކަށް ވެސް ރާއްޖެއަށް ނޭނގި ރާއްޖޭގެ ރުހުމެއް ނެތި މިހާ ހިސާބަކަށް ނުގެންދާނެ،" އުމަރު ވިދާޅުވިއެވެ.
ސުވާލަކީ އިންޑިއާގެ މިހާރުގެ ސަރުކާރުން އެ ގައުމުގެ މުސްލިމުންނާ ދޭތެރޭ އެހާ ނިކަމެތިކޮށް ކަންކުރާއިރު 100 ޕަސެންޓް މުސްލިމު ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށް ބޮޑެތި އެހީތައް ދީ ޑިޕްލޮމެޓިކް ގޮތުންނާއި އަސްކަރީ ގޮތުން ގުޅުން ބަދަހި ކުރަނީ އަމިއްލަ އެދުމެއް ނެތި ހަމައެކަނި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ކަަމުގައި ބަލައިގެން ތިބެންވީ ބާވައޭއަނީސާ އަހުމަދު | ކުރީގެ މިނިސްޓަރު
އިދިކޮޅު ކޯލިޝަނުންވެސް ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ބަޔާނަކުން ވާހަކަ ދައްކާފަ އެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި ކަން ހިނގާދިޔަ ގޮތުން ޝައްކުގެ ނަޒަރުން ބަލަން ޖެހޭ އެތައް ކަަމެއް ވެއެވެ. ފުރަތަމަ ކަމަކީ ދިވެހި ސަރުކާރުން ރައްޔިތުންނަށް މިކަން ސާފުކޮށް ނުދީ އުޅެނިކޮށް އިންޑިއާގެ ކެބިނެޓުން މިވަރުގެ ނިންމުމެއް އާންމު ކުރުމެވެ. އަނެއް ކަމަކީ އިންޑިއާގައި ކޮންސިއުލޭޓް އޮފީހެއް ހުޅުވަން ޖެހޭ އެކަށީގެންވާ އެއްވެސް ސަބަބެއް ނެތުމެވެ. އެކަމުގެ މަގުސަދެއް ސާފުކޮށް ބުނެދެވިފައި ވެސް ނެތުމެވެ.
އައްޑޫގައި އިންޑިއާގެ މާގިނަ ބަޔަކު ނެތެވެ؛ އެހެން ބުނަނީ ވެސް އިންޑިއާ އައި ދިވެހި ސަރުކާރުންނެވެ. އެހެންވީއިރު ސ. އަތޮޅުގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުންނަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އަނެއް ކަމަކީ ހަމައެކަނި ވިސާގެ ފަސޭހައަކަށް އައްޑޫގައި ކޮންސިއުލޭޓެއް ހެދުމެވެ. ޑިޖިޓަލައިޒް މި ޒަމާނުގައި ދިވެހިންނަށް ފަސޭހައެއް ކޮށްދޭން ބޭނުންނަމަ އިންޑިއާއިން ފަށަންވީ ކަމަކީ އޮން އެރައިވަލް ވިސާ ދޭން ފެށުމެވެ. އެއިން ކަމެއް ނުކޮށް އެކި ތަންތާނގައި ކޮންސިއުލޭޓް ހަދައިގެން އެކަން ކުރަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ޝިޔާމް ވިދާޅުވެ އެވެ.
ދެން އޮތީ އައްޑޫގައި އިންޑިއާގެ އެހީގައި ފަށާފައިވާ 200 މިލިއަން ޑޮލަރުގެ މަޝްރޫއުތަކާ ކޮންސިއުލޭޓާއެކު އަންނާނެ ކަމަށް ހުވަފެން އެ ދައްކާ މަޝްރޫއުތަކެކެވެ. އެކަމަށް ޝިޔާމް މިސާލު ދެއްކެވީ ޅ. އަތޮޅުގައި ފެނާއި ނަރުދަމާ އެޅުމުގެ ނަމުގައި އިންޑިއާގެ ކޮންޓެކްޓަރުން ދެ އަހަރު ހަރަކާތްތެރިވި ގޮތެވެ.
"ޅ. އަތޮޅުގައި ފެނާ ނަރުދަމާ އެޅުމަށް އިންޑިއާގެ ކޮންޓްރެކްޓަރުންނާއި ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތްތަކަކީ ފާދިއްޕޮޅުގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު މަޝްރޫއު. ނަމަވެސް ނައިފަރުން އެންމެ އާދައިގެ ލޭބަރެއް ވެސް އެ މަޝްރޫއަށް ނުނަގާ. މުގު ކިލޯއެއްްގެ މިންވަރު ވެސް ރަށުން ނުގަނޭ. އެވެސް އެ ގެންނަނީ އިންޑިއާއިން. މި ސިސްޓަމުން އިންޑިއާ ކޮންޓެކްޓަރުން އެ ހަރަކާތްތެރި ވަނީ. އެ ސަރަހައްދަކަށް ވާނީ ކޮން ފައިދާއެއްތޯ؟ އަނެއްކޮޅުން މަސައްކަތް ލަސް ދިގު ދެމިގެންދާ ގޮތަށް ނޫނީ އެއްވެސް ކަމެއް ނުކުރޭ،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ވެސް އިންޑިއާގެ މިލިޓަރީ ޕްރެޒެންސް އޮތް އޮތުމާމެދު އެތައް ކަންބޮޑުވުމެއް އޮތްއިރު އެކި ވާހަކަ ދައްކައިގެން އައްޑޫގައި ކޮންސިއުލޭޓެއް ހެދުމަކީ ކަންބޮޑުވުން ނިހާޔަތަށް އޮތް ކަމެކެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށް ސީނިއާ ބޭފުޅަކު ވެސް މި މައްސަލާގައި ވާހަކަ ދެއްކެވި އެވެ. ސަރުކާރާއި ވެސް ވަރަށް ހާއްސަ ގުޅުމެއް އެ ބޭފުޅާގެ އެބައޮތެވެ. އަމިއްލަފުޅު ނަން އެއްފަރާތްކޮށްލައްވާފައި އެބޭފުޅާ ވިދާޅުވި ގޮތުގައި އައްޑޫގައި ކޮންސިއުލޭޓް ގާއިމު ކުރުމުގެ މައްސަލަ އެ އޮތީ ވަރަށް ނުބައި ފައްތަރަކަށް ދުއްވާލާފަ އެވެ. އެއީ ރޭވިގެން ވަރަށް ބޮޑަށް ރާވައިގެން ހިންގާ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.
އޭނާ ވެސް ފުރަތަމަ ފާހަގަ ކުރެއްވީ އިންޑިއާއިން އެކަން އިއުލާނު ކުރުމެވެ. އަދި އޭގެ ފަހަށް އެއީ ދިވެހި ސަރުކާރަށް އެނގިގެން ނިންމި ނިންމުމެއް ނޫން ކަމަށް ވިދާޅުވެ ނުސީދާކޮށް އެ ނިންމެވުމަށް ރައީސް ސޯލިހް ތާއީދު ކުރެއްވުމެވެ. އަދި ހަގީގަތް އޮޅޭ ގޮތަށް ޑްރިވެންޓްރަމްގައި ވެސް ދިވެހި ކޮންސިއުލޭޓެއް ހުރި ކަަމަށް ވިދާޅުވެ އިންޑިއާގެ އެ ނިންމުމަށް ދެކޮޅު ހެދެން ނެތް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދެއްކެވުމެވެ.
"ކީކޭތޯ ރައީސް އެ ވިދާޅުވީ؟ ރައީސް އެ ވިދާޅުވަނީ އަޅުގަނޑުމެން އެ ނިންމުމާ ދެކޮޅު ހަދައިފިނަމަ ޑްރިވެންޑްރަމްގައި ކޮންސިއުލޭޓް ނުހިންގޭނެ ކަމުގެ އިންޒާރު އިންޑިއާއިން ދޭނެއޭތޯ؟ ނޫނީ އެ ކޮންސިއުލޭޓް ހުރުމުން އިންޑިއާއިން ބޭނުން ތާކު ރާއްޖޭގައި ވެސް ކޮންސިއުލޭޓް ހެދޭނެއޭތޯ؟ އިންޑިއާގެ ރައްޔިތަކަށް ހިދުމަތެއް ނެތް އަދި ދިވެހިންނަށް ފަސޭހައެއް ނެތް ކަމެއްގައި ކީއްކުރާ ކޮންސިއުލޭޓެއްތޯ؟"
އޭނާ ވިދާޅުވި ގޮތުގައި މި މައްސަލާގައި އައްޑޫ ވަކި ކުރަން އިނގިރޭސިންގެ ދުވަސްވަރު ހިނގި ކަންކަމާއި ގުޅުންހުރި ގޮތަކަށް ވެސް ކަންކަން އެބަ ހިނގަ އެވެ. ސަރުކާރުން ފައިނަލް ނިންމުމެއް ގެނައުމުގެ ކުރީން އައްޑޫއަށް ނިސްބަތްވާ ހުރިހާ މެންބަރުންނާއި އެ ސިޓީގެ ރައްޔިތުންގެ ތެރެއިން ބަޔަކު އެ ވަނީ އިންޑިއާގެ ނިންމުން މުހިންމު ކަމަށް ބުނެފަ އެވެ. އަދި އެކަން އަވަހަށް ތަންފީޒު ކުރަން ގޮވާލުމަކީ ބިރުވެރި ކަމެކެވެ.
"ދެން ސަރުކާރުން ބުނާނީ ސަރުކާރުން ކުރާނީ ކީއްހޭ؟ އައްޑޫ ރައްޔިތުން ބޭނުންވި ގޮތޭ. އެ ހުއްދަ ނުދީފިނަމަ އައްޑޫ ރައްޔިތުންގެ އުންމީދުތަކުގައި ސަރުކާރުން ކޮޅުފައިން ޖެހީއޭ! އެހެންވީމަ އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ ރޭވިގެން އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ވަކި އެޖެންޑާ އޮތް އޮވެގެން ކުރާ ކަމެއް. މިއީ އައްޑޫއަށް ދިވެހި ގައުމަށް ހެޔޮ އެދިގެން ކުރާ ކަމެއް ނޫން،"
މި މައްސަލާގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވިދާޅުވި ގޮތުގައި އިންޑިއާއިން ކުރަން ނިންމާފައިވާ މި މަސައްކަތް ހުއްޓުވަން ޖެހެ އެވެ. އެކަމަކު އުމަރު ވިދާޅުވި ގޮތުގައި ގާނޫނުގެ ތެރެއިން އެކަން ހުއްޓުވޭނެ ގޮތެއް ނެތެވެ. އަދި މުޒާހަރާކޮށް ހަޅުތާލު ކޮށްގެން ހުއްޓުވާނަމަ ދެން ނުކުންނަން އޮތީ ވެސް މާ ނުރައްކާތެރި ނަތީޖާއެކެވެ.
"އެ ހިސާބުން އަޅުގަނޑަށް ޔަގީން މި ސަރުކާރުން އިންޑިއާގެ އަސްކަރީ އެހީތެރި ކަމަށް އެދޭނެ. އެ ދުވަހެއްގެ އިންތިޒާރުގައި މިހާރު ވެސް އިންޑިއާ އެ އޮތީ. ހަމަ ވަގުތުން އެ އެހީތެރިކަން ދޭން. އެހެންވީމަ އަޅުގަނޑުމެން މި ތިބީ އެ ދުވަސް އިންޑިއާއަށް ދޭ ގޮތަކަށް ނޫން. އަޅުގަނޑުމެން މިކަން ނިންމަންޖެހޭނީ އިންތިހާބުން. ދިވެހިން އެކަން ކުރާނެ،" އުމަރު ވިދާޅުވި އެވެ.