އުތުރު ތިލަ ފަޅު

އިންޑިއާގެ ޓެކްނީޝަނުން އުތުރުތިލަފަޅަށް: ފޮނުކެކި އުތުރިއަރަނީ!

ދި ވެހި ރާއްޖެއަށް އެހެން ގައުމެއްގެ ސިފައިން ފައިބާ ގާއިމުވެ ތިބުމާ ދިވެހި ރައްޔިތުންގެ ގިނަ ބައިވަރު މީހުން ދެކޮޅެވެ. އެކަމާ ދިވެހިން ހިތްހަމައެއް ނުޖެހެ އެވެ. އެ ހިތްހަމަ ނުޖެހުމާއި ނުތަނަވަސް ކަމާއެކުވެސް އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭތާ ނުވަ އަހަރުވާން ދަނީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރަކީ ކުރިން ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނާ އަބްދުލްގައްޔޫމާ ހިލާފަށް "އިންޑިއާ ފަސްޓް" ޕޮލިސީއަށް އިހުތިހާރުކޮށް އިންޑިއާ އާ ވަރަށް ރަހުމްތެރި ސަރުކާރެކެވެ. އެ ރަހުމަތެރިކަން ސިފަ ކުރައްވާ ވަރަށް ގިނައިން ހިންދީ ބަހުން ވާހަކަފުޅު ދައްކަވަން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވާ ގޮތުގައި ރާއްޖެ އާއި އިންޑިއާއަކީ "ދޫންޏެއްގެ ދެ ފިޔަ" އެވެ. އަދި "އުދުހޭނީ އެކުއެކީ" ގައެވެ. މި "ތުން ގުޅައިލުމު" ގެ ސަބަބުން ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ޕްރެޒެންސެއް ބޭއްވުމަށް އިންޑިއާއަށް މަގު ފަހިވެ އެވެ.

ރަނގަޅު ސަބަބަކާ ލައިގެން ނޮވެމްބަރު 3، 1988 ގައި ވެސް އިންޑިއާ ސިފައިން ރާއްޖެ ފޭބި އެވެ. އެކަމަކު އެ ފަހަރު އައި ފައުޖު މިރަށުން ބާލާން ޖެހުނީ ގާތްގަނޑަކަށް "ކޮއްޕާ ގަޅުވައިގެން" ކަހަލަ ގޮތަކަށެވެ. ވެރިކަމުގައި އޭރު ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެ މަނިކުފާނު ދުނިޔޭގައި އެބަ ހުންނެވި އެވެ. އިންޑިއާ ސިފައިން ނުފައިބާން ދެއްކި "ގަދަބަދަވިކަން" އެ ރައީސް ކުރެން އައްސަވައިލެއްވީމާ އެނގޭނެ އެވެ. އޭގެ ފަހުން އެކި ފަހަރު މަތީން ރާއްޖޭގައި އިންޑިއާގެ "މިލިޓަރީ ޕްރެޒެންސް" އެއް ބޭއްވުމަށް އަބަދުވެސް އިންޑިއާއިން ދިޔައީ ގަދަ އަޅަމުންނެވެ.

ހާރީޖީ ވަޒީރުންގެ ތެރެއިން ފަތުހުﷲ ޖަމީލާއި ޑރ. އަބްދުއް ސަމަދު އަބްދުﷲ ފިޔަވައި އަބްދުﷲ ޝާހިދާއި ކެރަފާ އަހުމަދު ނަސީމާއި ޑރ. އަހުމަދު ޝަހީދާއި ދުންޔާ މައުމޫނާއި ޑރ. މުހައްމަދު އާސިމް އެތިބަ އުޅުއްވަނީ އެވެ. އެތަނުން ތެދު ހައްދަވާން ކެރިވަޑައި ގަންނަވާނީ ކޮން ބޭފުޅަކަށް ކަމެއް ނޭނގެ އެވެ.

މިހާރުގެ މި ވަގުތަށް ދުންޔާ އާއި އާސިމްގެ ބަހެއް މުހިންމުވެ އެވެ. ދުންޔާ މިހާރު ވެސް އަސްލު މައްސަލައިގެ ޖަވަބަކަށް ފުދޭ ޓްވީޓެއް ކުރައްވާފައި އެބަ އޮތެވެ.

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން މިދިއަ އާދީއްތަ ދުވަހު އިންޑިއާ އާއެކުވި އެއްބަސްވުމުގެ މައްސަލައާ ގުޅޭ ގޮތުން ދުންޔާ ވިދާޅުވެފައިވާ ގޮތުގައި ސަރުކާރަށް އެކަން ރައްޔިތުންނަށް ސާފުކޮށް ދެވިފައި ނުވުމަކީ ކަންބޮޑުވާ ކަމެކެވެ. އެ އެއްބަސްވުމުގެ ހަގީގަތްތައް ރައްޔިތުންނަށް ސާފުކޮށް ދިނުމުގައި މިހާރުގެ ސަރުކާރު ވަނީ ފޭލްވެފަ އެވެ.

އެކިފަހަރު އެކިގޮތަކަށް ދިވެހި ސަރުކާރުތަކަށް "މަޖުބޫރު" ކުރުވައިގެން މިހާރު ވެސް ދެކުނުން އައްޑު އަތޮޅާއި ރާއްޖެ މެދުން ނެއްޓޭ ހިސާބުން މަދަނީ ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް ލ. ކައްދޫގައި އޮންނަ އިސްކަންދަރު ވައިގެ ބަނދަރާއި އުތުރުން ހދ. ހަނިމާދޫގައި އިންޑިއާ ސިފައިން ގާއިމުވެ އެބަތިއްބެވެ. މިއީ ދިމާއަށް ފެންނާން އޮތް ހަގީގަތެވެ. މި އަދަދު 300 ފަހަނަޅައި ގޮސްފައި ވެއެވެ.

މަޝްހޫރު "ދިގުތިރީސް" ނިމުމުން އިންޑިއާ ސިފައިން ރާއްޖެއަށް ފައިބާން ފުރުސަތެއް ލިބުނީ އިންޑިއާ އާ ގާތް ގުޅުމެއް އޮންނަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. އެހެނެއް ކަމަކު އެއީ ރާއްޖެ ފައިބާން އައިބައެއް ނޫނެވެ. އެއީ ބޮޑު ގައުމުން ކުޑަ ގައުމަށް ހަދިޔާކުރާ ލައިޓް ކޮމްބެޓް ހެލިކޮޕްޓަރު (އެލްސީއެޗް) ހޭންޑްއޯވާ ކޮށް އެ ދުއްވާ ގޮތް ދިވެހި ސިފައިންނަށް ދައްކާލާފައި ހަމަ އެ ދުވަހު ފުރައިގެން ދާން އައި ބައެކެވެ.

އެ އައިގޮތަށް އައިސް އިތުރު އެއްބަސްވުމެއް ރައީސް ނަޝީދުގެ ސަރުކާރާއެކު ހަދައި ދެ އަހަރުގެ މުއްދަތަކަށް ފަހު ދިވެހި ސިފައިން އެލްސީއެޗް އޮޕަރޭޓް ކުރާ ގޮތަށް އިންޑިއާ ސިފައިން ރާއްޖެއަށް ފޭބީ އެވެ. ނަމަވެސް އޭގެ ފަހުން މިވީހާތަން ދިޔައިރު ވެސް ދިވެހި ސިފައިންގެ އަތްމައްޗަށް އެ ލައިޓް ކޮމްބެޓް ހެލްކޮޕްޓަރު ދޫކޮށްލާކަށް އިންޑިއާ ގަބޫލެއް ނުވި އެވެ. އެގޮތަށް އެއްބަސް ނުވާން އަންގަނީ ވެރިރަށް ނިއުދިއްލީ އާއި ބެންގަލޫރުގައި ރާއްޖެއަށް ހާއްސަ ކޮށްފައިވާ ތިންކްޓޭކްންތަކާއި އިންޑިއާގެ ރިސާޗް އެންޑް އެނާލިިސިސް ވިންގް (ރޯ) ގެ ޖިއޯ ޕޮލިޓިކަލް ލަފާގެ މައްޗަށެވެ.

ރާއްޖެ އާއި އިންޑިއާއިން އަނެއްކާ ވެސް މިވަނީ އެއްބަވުމެއްގައި ސޮއި އަޅާފަ އެވެ. މި އެއްބަސްވުމުގެ ދަށުން "ޓެކްނީޝަނުން" ނާއި "އޮފިޝަލުން" ގެ ނަމުގައި މާލެ އަތޮޅު އުތުރު ތިލަފަޅަށް އިންޑިއާ ސިފައިން ފައިބާނީ 15 އަހަރަށް އެކަމަކު "ދާއިމަށް" ތިބޭށެވެ.

އިންޑިއާ ސިފައިން ރާއްޖެ ޑިޕްލޯއި ޕެޓާނަށް ބަލާ ނަމަ މިހާރު ތިބި ސިފައިނާއެކު އޭރަށް ފައުުޖުގެ ޖުމްލަ އަދަދު 500 ސިފައިންނާ ކައިރިވާނެ އެވެ. ނޫނީ އެ އަދަދު ހަމަވާނެ އެވެ. މިއަކީ މަދަކު ބައިވަރެއް ނޫނެވެ.

ގޫގުލް މެޕްގައި ޕިންކޮށް ދީފައިވާ އުތުރު ތިލަފަޅުގެ ހިމެނޭ ސަރަހައްދު

ރާއްޖެ ފައިބައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދާން މީގެ ކުރީން ނޫސްވެރިޔަކު ޑިފެންސްގައި އެދުނެވެ. އެ މައުލޫމާތު ދޭން ޑިފެންސުން ދެކޮޅު ހެދުމުން އޭނާ އައިކޮމް ގައި އެޕީލް ކުރި އެވެ. ނަމަވެސް އެ މައުލޫމާތު ހާމަ ކުރުން، މީގެ ކުރިން ރާއްޖޭގެ އެންމެ މަތީފެންވަރުގައި ނޫސްވެރިކަން ކުރެއްވެވި މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އަށްވީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށެވެ. އަދި އޭނާގެ ނިންމުމުގައި ވިދާޅުވާ ގޮތުން އެއީ އިންޑިއާ ހިތްހަމަ ނުޖެހިދާނެ ކަމެކެވެ. ޑިފެންސާއި އައިކޮމް އިން ވިސްނައިދޭން މަސައްކަތް ކުރީ އެހެނެވެ.

މި ނުކުތާގައި ވިސްނާލަން ރަނގަޅު އެހެން ކަމެއް ވެއެވެ. އެއީ އދ. ގެ ޗާޓަރުގެ އާޓިކަލް، 102 ގައި ބުނާ ވާހަކަ އެވެ. އޭގައި ބުނާ ގޮތުން އެ ޗާޓަރާއި ހިލާފަށް އެއްބަސްވުންތައް އެގޮތަށް ސިއްރެއް ނުކުރެވޭނެ އެވެ. މާނައަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ ބާރު ބޭނުން ކުރެއްވޭނީ ގާނޫނު އަސާސީގެ 115 މާއްދާގެ އަކުރު، (ރ) އާ އެއް ގޮތަށް ރައްޔިތުންނަށް ޖަވާބުދާރީވެވޭނެ އުސޫލަކަށެވެ.

ރާއްޖޭގައި މިވަގުތު ސިޔާސީ ރާޅު ހުރީ އުތުރު ތިލަފަޅުގެ މައްސަލައިގަ އެވެ. އެހެން ނަމަވެސް އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުން އެއީ އެއްވެސް މައްސަލައެއް އޮތް އަދި ކަންބޮޑުވުމެއް އޭގެ ޒާތުގައި އޮތް ކަމެއް ނޫނެވެ. އެކަމުގައި ކަންބޮޑަވާން ޖެހޭ ކަމަކީ އިންޑިއާ އާއެކުވި އެއްބަސްވުމުގެ ދަށުން "ޓެކްނީޝަނުން" ފަދަ ނަން ނަމުގައި އިންޑިއާގެ ސިފައިން އުތުރު ތިލަފަޅަށް ބޭލުމެވެ. ހަގީގީ މައްސަލައަކީ އެއީ އެވެ. އެކަން ހިނގަނީ އެގޮތަކަށް ކަމަށް ވަންޏާ ރާޅުބާނި މައިތިރި ކުރަން އުޅުނަސް އަދި "ގަދަ ބަދަވިކަން ދައްކައިގެން" އެމަގަށް ކަންކޮށްލި ނަމަވެސް މި މައްސަލާގައި ނަގާ ރާޅުގެ އުސް މިން ތިރި ވާނެ ހެނެއް ހީއެއް ނުވެއެވެ.

"މާރިޔާ-ޝަންކަރު" ގެ އެއްބަސްވުމުން ބޭރަށް ފެންނަ ފަށަލައިން ފެންނަނީ އުތުރުތިލަފަޅު / ސިފަވަރުގައި ނޭވަލް ބަނދަރާކާއެކު ވަސީލަތްތައް ތަރައްގީ ކުރުމެކެވެ. މުއާސަލާތީ ރާޑަރުގެ ހިދުމަތާއި ތަމްރީނު ހިމަނާނެ އެވެ. ފުރިހަމަ ޑޮކްޔާޑެއް ވެސް އޮންނާނެ އެވެ.

އެކަމަކު އެ އެއްބަސްވުމުގެ އެތެރެ ފަށަލާގައި ސިފަވަރު ޑޮކްޔާޑު ބެލެހެއްޓުމުގެ ނަމުގައި އިންޑިއާގެ އަސްކަރީ ސިފައިން 15 އަަހަރުގެ ދުވަހުގެ މުއްދަތަށް އުތުރު ތިލަފަޅުގައި ގާއިމްވެ ތިބެން ހިމަނާފައިވާ ކަމުގެ ތުހުމަތު ވަރަށް ބޮޑަށް އެބަ އޮތެވެ. އެއީ އެހެން އޮތް ކަމަކަށް ނުވިޔަސް އަދި ވިޔަސް، އެއީ ހާމަ ކުރެވޭ އެއްބަަސްވުމަކަށް ނުވެ ފޮރުވައިގެން އުޅޭ އުޅުން ދިމާއަށް ފެންނާން އެބަ އޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލާމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމަކީ ގާނޫނީ ވަކީލެކެވެ. އަދި ކުރީ ބަންޑާރަ ނައިބު އޮފީިގެ އިސް މަގާމުތަކުގައި ދައުލަތް ތަމްސީލް ކުރެއްވެވި ފަހުން ޑެޕިއުޓީ އޭޖީކަން ވެސް ކުރެއްވެވި ބޭފުޅެކެވެ. މިހާރު މަޖިލީހުގައި މިނިވަންކޮށް އިންނެވި އެ މެންބަރަށް ސިޔާސީ ޕާޓީއެއް، ސިޔާސީ ލީޑަރެއް ވެރިކަން ހިންގާ ކޯލިޝަނުގެ މަސްލަހަތެއް ނެތެވެ.

އިއްުޔެ މަޖިލީހުގައި އޮތް އުތުރު ތިލަފަޅު ބަހުސްގެ ތެރެއަށް އުޝާމް ވެންނެވި އެވެ. އެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވި ގޮތުގައި ސިފައިންގެ ބަދަލުގައި "އޮފިޝަލުން" އެހެންނާ "ޓެކްނީޝަނުން" ފަދަ ނަންނަމުގައި "ކަނޑައަޅާ މުއްދަތެއްގެ ދާއިމަށް" އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ގާއިމްވެގެން ތިބެވޭނެ ގޮތަށް އެއްބަސްވުން ފަރުމާ ކޮށްފައިވާ ކަމަަށް ތުހުމަތުތަކެއް އެބަ އޮތެވެ. އަދި މަޖިލީހަށް އެ މައްސަލަ ހުށަޙެޅުއްވި ފަރާތުން ފާހަގަ ކުރައްވާ ނުކުތާއަކީ ވެސް އެއީ އެވެ. މަޖިލީހަށް އެ މައްސަލަ އުފުލީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

އުޝާމް ވިދާޅުވި ގޮތުގައި މީގެ ކުރިން ކަން ހިނގާފައި އޮތް ގޮތަށް ބަލައިލާއިރު ވެސް އިންޑިއާއާ ގުޅޭ މިފަދަ ކަންކަން ހިނާފައި ހުރީ މި މައްސަލާއިގެ ތުހުމަތުތައް ވެސް އޮތް ގޮތަށެވެ. އޭނާ މިސާލެއްގެ ގޮތުން ނެންގެވީ އިންޑިއާގެ "ހަދިޔާ ހެލިކޮޕްޓަރު" ތަކާއި އެއާ ކުޅޭ ގޮތް ކިޔައިދޭން އައި "ޓެކްނީޝަނުން" ގެ ކަންކަން ހިނގައިދިޔަ ގޮތާއި މިހާރު ވެސް އެކަން ކުރާ ގޮތެވެ.

މިފަހަރު ވެސް އެކަން އޮގޮތަށް އޮވެދާނެތީ މިނިވަން މެންބަރު، އުޝާމް ކަންބޮޑުވެ ވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ރައްޔިތުން ތިބީ އެކަމާ ކަންބޮޑުވެފަ އެވެ. އެހެންވެ އެކަން ރައްޔިތުންނަށް ސާފުކޮށް ދޭން ޖެހޭނެ އެވެ.

"މީގެ ކުރިން ވެސް ހެލިކޮޕްޓަރެއް ދުއްވުމުގެ ނަމުގައި 'ޓެކްނީޝަނުން' އެ ބަސް ބޭނުން ކޮށްގެން އިންޑިއާގެ މިލިޓަރީ ފަރާތްތައް މި ރާއްޖޭގައި ގާއިމްވެތިބިކަން އެއީ ހުރިހާ ރައްޔިތުން ވެސް މިއަދު ގަބޫލުކުރާ ހަގީގަތެއް. އެހެންވީމާ އެކަން އެހެން އޮއްވާ އަނެއްކާ އަނެއް އެއްބަސްވުމުގެ ދަށުން 'ޓެކްނީޝަނުން" ނާއި މިފަދަ ލަފްޒުތައް ބޭނުން ކޮށްގެން އިންޑިއާގެ އެކި އެކި މިލިޓަރީ ފަރާތްތައް ރާއްޖޭގައި ގާއިމްވެތިބެވޭ ގޮތަށް އެއްްބަސްވުމެެއް ހެދުމަކީ ދިވެހި ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން" އުޝާމް ވިދާޅުވި އެވެ. "އެއްވެސް ގައުމެއްގެ އަސްކަރީން ރާއްޖޭގައި ގާއިމްވާން އަޅުގަނޑު ތާއީދެއް ނުކުރަން."

ކުރިން ވެސް ހެލިކޮޕްޓަރެއް ދުއްވުމުގެ ނަމުގައި 'ޓެކްނީޝަނުން' އެ ބަސް ބޭނުން ކޮށްގެން އިންޑިއާގެ މިލިޓަރީ ފަރާތްތައް މި ރާއްޖޭގައި ގާއިމްވެތިބިކަން އެއީ ހުރިހާ ރައްޔިތުން ވެސް މިއަދު ގަބޫލުކުރާ ހަގީގަތެއް. އެހެންވީމާ އެކަން އެހެން އޮއްވާ އަނެއްކާ އަނެއް އެއްބަސްވުމުގެ ދަށުން 'ޓެކްނީޝަނުން" ނާއި މިފަދަ ލަފްޒުތައް ބޭނުން ކޮށްގެން އިންޑިއާގެ އެކި އެކި މިލިޓަރީ ފަރާތްތައް ރާއްޖޭގައި ގާއިމްވެތިބެވޭ ގޮތަށް އެއްްބަސްވުމެެއް ހެދުމަކީ ދިވެހި ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން
އަހުމަދު އުޝާމް | މަޖިލިސް މެންބަރު

އުތުރު ތިލަފަޅުގެ އެގްރިމެންޓާއެކު މައްސަލައިގެ ފޮނު ކެކި އުތުރިއަރާނެ ކަން އިންޑިއާ އަށާއި ދިވެހި ސަރުކާރަށް ރަނގަޅަށް އެނގެ އެވެ. އެހެންވެ މިދިއަ ހޮނިހިރު ދުވަހު އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންނެވީ "ހަދިޔާ" ހިއްޕަވައިގެނެވެ. އަނެއްކޮޅުން މި ރާޅު ފިސާރި ބޮޑުރާޅަކަށް ވާނެ ވަރު ވަޒަންކޮށްލަން ދިވެހި ސިފައިންނަށް މާ ރަނގަޅަށް އެނގޭނެ އެވެ. އެހެންވެ އެކަން ވަށައި ޖައްސާނެ ހުއްޖަތް ދައްކަން ސިފައިންގެ "ދޫ" އޮތީ ރަނގަޅަށް ހާނުވާފަ އެވެ. އަދި އިދިކޮޅުން މި މައްސަލަ މަޖިލީހަށް ގެންދާނެ ކަން އެނގޭތީވެ ތަޅުން ރަނގަޅަށް ތައްޔާރުކޮށްފައި އޮތްކަން އިއްޔެ މަޖިލީހަށް މައްސަލަ ބަލައިގަތް ގޮތާއި މައްސަލައިގެ ބަހުސް އަނބުރާލި ގޮތާއި ވަގުތު ދަމާލި ގޮތުން، ކަޅު ކަޅުހާ ރީއްޗަށް ސާފުވެ އެނގެ އެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް މިދިއަ އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އަވައްޓެރި އިންޑިއާއާއެކު ސޮއި ކުރި ނަމަވެސް އެއީ އަސްކަރީ މަރުކަޒެއް ނޫނެވެ. އެއީ އެލޯންގްސައިޑް ހާބަރެކެވެ. އެތާނގައި އިންޑިއާ ސިފައިން ނުތިބޭނެ އެވެ. އަދި އެ މަސައްކަތް ކޮށްދެނީ އިންޑިއާއިން ކަމަށް ވިޔަސް މަސައްކަތުގެ ތިން އަހަރު ނިމުމުން އިންޑިއާގެ ދައުރެއް ނޯންނާނެ އެވެ. އެހެން ނަމަހީވެސް ދިވެހި ސިފައިން ބޭނުންވާ އެހީ ވާން "އިންޑިއާގެ ޓެކްނީޝަނުން" ތިބޭނެ އެވެ. ޓެކްނިކަލް އެހީ ދޭން ތިބޭ އިންޑިއާގެ "ޓެކްނިކަލް ފަރާތްތައް" ނިސްބަތް ވަނީ އިންޑިއާގެ ކޮން ތާކަށް ކަމެއް ސަރުކާރަކަށް ވެސް ސިފައިންގެއަކަށް ވެސް މިހާތަނަށް ބުނެ ދެވިފައެއް ނެތެވެ.

ހަމައެކަނި ބުނަނީ މިހެނެވެ: "އަޅުގަނޑުމެންނަށް ޓެކްނިކަލް ސަޕޯޓް ބޭނުން ވެއްޖިއްޔާ ބޭނުންވެއްޖެ މިންވަރަކަށް ބޭނުން ވެއްޖެ ވަގުތަކަށް ލިބޭ ގޮތަށް އަޅުގަނޑުމެންނާ އިންޑިއާ ސަރުކާރާ އެބަސްވެފައި މި އޮތީ،"

މިއީ ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟ މި މައްސަލައާ މެދު ތަފާތު އޭންގަލްތަކުން ވިސްނާލީމާ ވަރަށް ތަފާތު ނަތީޖާތައް އަތުވެދާނެ އެވެ. އެކަމަކު ސިފައިންނާއި ފުލުހުން ކަންކަން ވަށައިޖައްސާލަން ބޭނުންވުމުން ބޭނުން ކުރާ އެެހެން އިބާރާތެއް އޮވެއެވެ. އެއީ "ހައްޔަރު ކޮށްފައެއް ނޫނެވެ! އެކަމަކު ސިފައިން / ފުލުހުންގެ ބެލުމުގެ ދަށުގަ" އެވެ. މި އިބާރާތަށް ވިސްނާލައި ދިމާ ވެގެން އުޅޭ މައްސަލައާ ގުޅުވައިލުމުން އަސްލު ފޮޓޯ ފެންނާނެ އެވެ.

އުތުރުތިލަފަޅުގެ ބަނދަރާއި ޑޮކްޔާޑުގެ އެއްބަސްވުމުގެ ނުތަނަވަސް ކަމަށް ފެން ޖަހަން ސަރުކާރާއި އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހާއި އެނޫން ވެސް ފަރާތްތަކުން މި "ބައިންޑިން" ވަށައި ޖައްސާނެ ހުއްޖަތެއްގެ ގޮތުގައި ދައްކަނީ އެކަމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ދެ ގައުމުން އިންޑިއާގައި ސޮއިކުރި އެމްއޯޔޫ، ޑިފެންސް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ ބައެކެވެ.

އެއީ ރަނގަޅު ވާހަކައަކަށް ވެދާނެ އެވެ. އެބައި ހިމަނާފައި އޮވެދާނެ އެވެ. ނަމަވެސް އެ ބަނދަރު ހަދަން އެއްބަސްވުމުގައި އެ ސަރުކާރުން ސޮއި ނުކުރީ ކީއްވެގެން ހެއްޔެވެ؟ މިއީ އޭރުގެ ހާރިޖީ ވަޒީރު ދުންޔާއަށް ދަައްކަވަން ވަރަށް ފަސޭހަފުޅު ވާހަކައަށް ވާނެ އެވެ.

ކަށަވަރު ކުރެވިފައިވާ ގޮތުގައި އެ ބަނދަރު ހެދުމުގެ ތެރެއަށް އިންޑިއާ ވައްދާން ބޭނުންވާ ކަންކަން ހިމެނޭ ގޮތަށް ސޮއި ނުކޮށް މިހާތަނަށް އޮތީ އިންޑިއާއިން ކުރިމަތިކުރުވި ޝަރުތުތައް އެއީ ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތާއި ސިޔާދަތަށް ބުރޫ އަރައިފާނެ ފަދަަ ކަމަކަށް ވާތީ ދެވަނަ ވިސްނުމަކަށް ދާން ރައީސް ޔާމީން ބެނުންފުޅު ވެގެނެވެ. މި ސުވާލު ދުންޔާއާ ކުރުން ރަނގަޅުވާނެ އެވެ.

"އެއީ ދޮގެއް ކަމަށް ވަންޏާ އެކަމާ ގުޅިގެން ބޭއްވި ބައްދަލުވުންތަކުގައި ދެކިފައިވާ ވާހަކަތަަކުގެ މިނިޓްސް ސަރުކާރުގައި ހުންނާނެ އެހެން ވެސް ކަންކަން ބޭނުންވީމާ ހަމަކޮށްލާ ގޮތަށް މިކަންކަން ހާމަކޮށްލަނިކޮށް އެ ސަރުކާރުން އަމަލުކޮށްފައި އޮތް ގޮތް ވެސް ސާފުވާނެ،" ކުރީ ސަރުކާރުގެ އިސް ވެރިޔަކު އަދި ހާރިޖީ ދާއިރާގެ ތަޖުރިބާކާރު ޑިޕްލޮމޭޓަކު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ފަހުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވާ ގޮތުގައި އުތުރު ތިލަފަޅުގެ އެގްރިމެންޓްގެ މައްސަލާގައި ކުރީގެ ސަރުކާރާ ގުޅުވައި ދެކެވެނީ ރަނގަޅު ވާހަކައެއް ނޫނެވެ.

އުތުރުތިލަފަޅުގެ ބަނދަރާއި ޑޮކްޔާޑުގެ އެއްބަސްވުމަކީ ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ދެ ގައުމުން އިންޑިއާގައި ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ބައެކެވެ. އެހެން ނަމަވެސް ޝަރީފު ވިދާޅުވާ ގޮތުން ބޭރު ގައުމެއް މެދުވެރިކޮށް އެ ޕްރޮޖެކްޓް ހިންގައިފިނަމަ މަސްލަހަތު ފުށުއަރައި ސިޔާދަތައް އަސަރު ކޮށްފާނެތީވެ އެ އެއްބަސްވުމުގައި ސޮއި ނުކޮށް ރައީސް ޔާމީން ބޭނުންފުޅު ވެވަޑައިގަތީ ރާއްޖެއިން ލިބެން ހުރި ވަސީލަތްތަކާއެކު ދިވެހި އަސްކަރިއްޔާއިން އުތުރުތިލަފަޅު ތަރައްގީ ކުރާށެވެ.

"އެބަ ވާހަކަ ދެކެވޭ ރައީސް ޔާމީން އޮތީ އެގްރީމަންޓެއްގައި ސޮއި ކުރައްވާފައި ކަަމަށް. އަޅުގަނޑުމެން އެބަ ސުވާލު އުފައްދަން އެބަ ޖެހޭ ރައީސް ޔާމިން އެގްރިމަންޓެއްގައި ސޮއި ކުރައްވާފަ އޮތިއްޔާ އިއްޔެ [މިދިއަ އާދީއްތަ ދުވަހު] އެ ސޮއިކުރީ ކޮން އެގްރިމަންޓެއްގައިތޯ؟" ޝަރީފް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި "އިންޑިއާ ފަސްޓް" ޕޮލިސީ ދޫކޮށްލައިވައި ބޮޑަށް ބޭނުން ކުރެއްވެވީ "ކޮމާޝަލް ޑިޕްލޮމަސީ" އެވެ. އިރަށް މޫނު އަނބުރާލައްވައި އިންޑިއާއަށް ވުރެ ކައިރި ގުޅުމެއް ބޭއްވީ ދުރު އިރުމަތީން ޗައިނާއާ އެވެ. އެކަމާ އިންޑިއާ ހިތްހަމަނުޖެހި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އިންޑިއާގައި ތިބޭ ދިވެހިންނަށް ދެމުން އައި ވިސާ ދިނުން ހަރުކަށިކުރުން ފަދަން "ޖެއްސުން" ކުރި އެވެ.

ރައީސް ޔާމީނާ ހިލާފަށް ރައީސް ސޯލިހުގެ ސަރުކާރުން އެންމެ ގާތްކޮށް މަސައްކަތް ކުރަނީ އިންޑިއާއާ އެކުއެވެ. އަދި 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް ބޮޑު ބިޔަށް އިންޑިއާއަށް ވެސް މި ބޮޑު ދުނިޔޭން އެންމެ މުހިންމު ގައުމަކަށް ވެފައި ވަނީ ފަސްލައްކައެއްހާ މީހުންގެ މި ރާއްޖެ އެވެ. އެހެންވެގެން އިންޑިއާއިން ދަނީ ވަރަށް ބޮޑެތި އެހީތަކުގެ އެއްބަސްވުންތަކުގައި ރާއްޖެއާއެކު ސޮއި ކުރަމުން "އެއް ވަރަފަތުގައި" އުދުހެމުންނެވެ. އެހެންވީމާ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ކުރީ ސަރުކާރުގެ ބޮލަށް ގޯނި ފައްތާލަން ޖެހެ އެވެ.

އިއްޔެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ވިދާޅުވި ގޮތުގައި އުތުރު ތިލަފަޅުގައި ސިފައިންނަށް ހާއްސަ ބަނދަރެއް ތަރައްގީ ކުރުމާބެހޭ ގޮތުން ކުރީގެ ސަރުކާރުން އިންޑިއާއާއެކު ކޮށްފައިވާ މަޝްވަރާތަކުގެ ތަފްސީލް ލިޔެކިއުންތައް އެބަހުއްޓެވެ. އެ ތަފްސީލުތައް މެމްބަރުންނަށް ދެއްވާނެ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެ މަޝްވަރާތަކުގެ ޔައުމިއްޔާތަކާއި އެމްއޯޔޫތައް ވެސް އެބަހުއްޓެވެ.

ހަދާ ނުހަދާއެއް ދިވެހިންނަށް ނޭނގިފައިވާ މި އެއްބަސްވުން އެޑްރެސް ކުރަނީ "ޑިވެލޮޕްމަންޓް ސަޕޯޓް، އެންޑް ދަ މައިންޓަނެންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު" ގެ ގޮތުގަ އެވެ. އެވެ. މި އެބަސްވުމުގައި ލަފުޒު، "މިލިޓަރީ" ބޭނުމެއް ނުކުރެ އެވެ. ގާނޫނީ ބާގަނޑަކަށް އެކަން ވާނެ ގޮތަށް އެއްބަސްވުން ހަދާފައި ވަނީ "މިލިޓަރީ" ގެ ބަދަލުގައި "ޓެކްނީޝަނު" ންނާއި "އޮފިޝަލުން" ބޭނުން ކޮށްގެނެވެ. އެގޮތަށް އޮތް ނަމަ އެކަން އެގޮތަށް ކޮށްފައި ވަނީ ގާނޫނު އަސާސީ ބުނާ ގޮތަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ޖެހުމުން ރެކެން ވެގެނެވެ.

މަޖިލީހުގައި ސާފު މެޖޯރިޓީއެއް ސަރުކާރަށް އޮތް ނަމަވެސް މި ބާވަތުގެ މައްސަލަތަކަކީ ރައްޔިތުންގެ މަޖިލީހުގެ ސާފު ރުހުމެއް ބޭނުންވާ ކަމެކެވެ. ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ އަކުރު (ނ) ގައި ބުނާ ގޮތުން މަޖިލީހުގެ މެޖޯރިޓީ ވޯޓްގެ ރުހުމެއް ބޭނުންވާނެ އެވެ. އެމްޑީޕީގެ ސާފު މެޖޯރިޓީއެއް އޮތް ނަމަވެސް މައްސަލައިގެ ނާޒުކު ކަމުން ޖެހެނީ ގާނޫނީ ލަފުޒަކުން މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސިސްޓަމަށް އޮޅުވާލާށެވެ. އޭރަށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅިގެން ދާނެ އެވެ. މިހާރު އެއޮތީ އެހެން ހަދާފަ އެވެ. އެހެން ގައުމެއްގެ މިލިޓަރީން ފަރާތްކަކަށް އެފަދަ ބޭނުމަކަށް ރާއްޖޭގައި ތިބެވޭނީ މަޖިލީހުގެ މެޖޯރިޓީ ރުހުމަކާއެކު އެވެ. އެހެންވީމާ އެ ރުހުން ހޯދަން ނުޖެހޭނެ ގޮތެއް ގާނޫނީ ގޮތުން އެވަނީ ހޯދާފަ އެވެ.

އިންޑިއާ ސިފައިންނާ ގުޅޭ ހިސާބުން ތިލަވާ "ޓެކްނީޝަން" އެ ލަފުޒަކީ ވެސް އާ ވާހަކައެއް ނޫނެވެ. ސެޕްޓެބްރު 6، 2020 ގައި ޑިފެންސް ޗީފް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދެއްކެވި ވާހަކަފުޅު ގައި ވެސް ބޭނުން ކުރައްވާފައި އޮންނަނީ އިންޑިއާ ސިފައިނެއް ނޫނެވެ. އެއީ އިންޑިއާގެ ޓެކްނީޝަނުންވެ. ހެލިކޮޕްޓަރުގެ މައްސަލާގައި ޗީފް އޭރު ވިދާޅުވި ގޮތުގައި އެހެން ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖެއަކު ނެތެވެ. ނުވެސް ބައިތިއްބާނެ އެވެ. އެކަމަކު އެހެން ގައުމުތަމުގެ ސިފައިންގެ ފަރާތުން ރާއްޖެއަށް ފަންނީ އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.

"ރާއްޖޭގައި މިލިޓަރީ ޕްރެޒެންސް ނުވަތަ އަސްކަރީ ޕްރެޒެންސެއް ރާއްޖެއަކު ނެތް، މި ފާހަގަ ކުރަނީ ހަނގުރާމަވެރިން، ހަތިޔާރު އަޅަގައިގެން ތިބޭ ސިފައިން. އެހެނެއް ނޫން ހިއުމެނިޓޭރިއަން ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށް ޓެކްނީޝަނުންގެ އެހީތެރިކަން ހޯދަމުން ދަނީ،" ޗީފް ވިދާޅުވެފައި ވެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާއި އިންޑިއާގެ ސިޔާސީ ބާރުވެރިކަން ރާއްޖޭ ދާހިލީ ހުރިހާ ކަމެއްގެ ތެރެއަށް ވަނުމާ ފެށުނީއްސުރެ ދެކޮޅު ހަދާ މީހުންގެ މަގަތު ސަފަށް -- ފްރޮންޓްލައިނަށް -- އަބަދުވެސް ނުކުމެ ހުންނަވާ އެއް ބޭފުޅަކީ އުމަރު ނަސީރެވެ. އޭނާއަކީ ދިވެހި އަސްކަރިއްޔާގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އަދި ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރުގެ އިތުރުން ސިޔާސީ ވެސް ބޭފުޅެކެވެ.

އޭނާ ދެކެ ވަޑައިގަންނަވާ ގޮތުގައި އުތުރުތިލަފަޅުގައި އިންޑިއާއިން ރަނގަޅު ފެންވަރުގެ ޑޮކްޔާޑަކާއި ބަނދަރެއް ފުރިހަމަ ވަސީލަތާއެކު ގާއިމްކޮށްދޭނެ އެވެ. އެއަކު ޝައްކެއް ނުހިންގަ އެވެ. އެކަމަކު އެއީ އިންޑިއާގެ ކަނޑުގެ ލަޝްކަރުގެ އުޅަނދުތައް ބަނދަރުކުރާށާއި މަރާމާތު ކުރުމުގެ ފަސޭހައިގެ އިތުރުން އިންޑިއާ ސިފައިން ރާއްޖެ ސަރަހައްދުގައި ގާއިމުވެ ތިބޭން މަގުފަހިކުރާ ޒަމާނީ މަރުކަޒެކެވެ. އެއީ ވަރަށް މޮޅަށް އެނގިގެން ކުރާނެ ކަމެކެވެ.

އުމަރު ވިދާޅުވާ ގޮތުގައި އެ ޕްރޮޖެކްޓުގެ ސަބަބުން ސަރަހައްދުގައި އިންޑިޔާގެ ސިފައިންނާ މަނަވަރުތައް އަބަދުމެ ހޭލަމޭއްޔަށް ދުއްވާން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިތަކަށް ހުޅުވިގެން ދާނެ އެވެ. އެކަން އިންޑިއާއިން ކުރާނީ ހާރިޖީ ގުޅުމުގެ ތެރެއިން ދިފާއީ ގުޅުން ބަދަހި ކުރުމާއެކު ރާއްޖޭގެ މިނިވަން ކަމާ ސިޔާދަތަށް ބުރޫ ނަރާ ގޮތް ދައްކައި އިންޑިޔާ ކަނޑުގެ 'ގޭޓް ކީޕަރު" ހެދިގެނެވެ.

"ހާރިޖީ ގުޅުމުގެ ތެރެއިން އެހެން ގައުމު ތަކާ ދިފާއީ ގުޅުން ބަދަހި ކުރަންވާނީ ދިވެހިރާއްޖޭގެ މިނިވަން ކަމާ ސިޔާދަތަށް ބުރުލެއް ނާރާ ގޮތަށް. އަދި އިންޑިޔާ ކަޑުގެ 'ގޭޓް ކީޕަރު' ގެ ހައިސިއްޔަތުން މި ސަރަހައްދާ ދުނިޔޭގެ މަސްލަހަތަށްވެސް ބުރޫ ނާރާ ގޮތަށް. މިހާރުވެސް އައްޑޫ އާއި ލ.ކައްދޫ އާއި ހދ. ހަނިމާދޫ ގައި އެމީހުންގެ އުޅަދުތަކާއެކު އިންޑިޔާގެ ސިފައިން ގާއިމްވެ އެބަތިއްބި. ދިވެހިރާއްޖޭގެ މިނިވަންކަން މަޑުމަޑުން މި ދަނީ ގެއްލެމުން،" އުމަރު ވިދާޅުވިއެވެ.

ދިވެހި ސިފައިންނަށް ތަރައްގީވެފައިވާ ވަސީލަތް ވަރަށް ބޭނުންވެ އެވެ. ކޯސްޓްގާޑުގެ ހާލު ވަރަށް ދެރަ އެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި ގޮތުގައި ކޯސްޓްގާޑުގެ ގިނަ އުޅަނދުތައް ވަނީ ހަލާކު ވެފައެވެ. އެހެންވީމާ އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑްގެ ޑޮކްޔާޑެއް ހެދުން މައްސަލައަކަށް ވާނީ ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށް ބޮޑު މޮޔައަކަށެވެ. އެކަމަކު އެފަދަ ކަމެއް ގައި މައްސަލަޖެހޭ ހިސާބެއް އޮވެ އެވެ. އެއީ ސިޔާދަތު -- ގައުމެއްގެ މިނިވަންކަން -- ކޮމްޕްރޮމައިޒްވާ ކަމެއް ހިމެނުމެވެ. މީގެ މާނައަކީ އުތުރުތިލަފަޅުގައި ޑޮކްޔާޑު ހަދަން އިންޑިއާ ސަރުކާރާއެކު އެއްބަސްވުމެއް ހެދުމަކީ ވެސް މައްސަލައެއް ނޫނެވެ. މައްސަލަ ޖެހެނީ އެ އެއްބަސްވުން ފޮރުވައި ސިއްރު ކުރާތީ އެވެ. ބޮޑު ކަމެއް، ނުރަނގަޅެއް އޭގައި ނެތް ނަމަ ސިއްރު ކުރާންޖެހޭ ސަބަބެއް ނެތެވެ.

އުތުރު ތިލަފަޅުގައި ޖެހޭ މައްސަލައަކީ ނުރަނގަޅެއް ފޮރުވަން އެއްބަސްވުން ސިއްރުކުރާ މައްސަލައަކާއި އިންޑިއާގެ ސިފައިން ރާއްޖޭގައި ބައިތިއްބާ އެއީ އޮފިޝަލު / ޓެކްނީޝަނުގެ ނަމުގައި އޮޅުވާލާ މައްސަލައެކެވެ. އެންމެންވެސް ބުނާ ވާހަކައަކީ އެއީއެވެ. އުތުރު ތިލަފަޅުގައި ފޮނުކެކި އަރަނީ އެހެން ވެގެނެވެ.