މާރިޔާ އަހުމަދު ދީދީ

މާރިޔާގެ ހިފެހެއްޓުމެއް ނެތް ތައުރީފް އިންޑިއާގެ ޑިފެންސް މިނިސްޓަރަށް

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް މިނިސްޓަރު ޝްރީ ރާޖްނާތު ސިންގްއަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ހިތްޕުޅުގައި އޮތް ތައުރީފްގެ ބަސްތައް ބަންޑުންކޮށްލައިފި އެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ ޝަރަފްގައި ކުރުނބާ މޯލްޑިވްސްގައި މިރޭ އޮތް ހަފްލާއެއްގައި މިނިސްޓަރު މާރިޔާ ވަނީ އިންޑިއާ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

މިނިސްޓަރު ޝްރީ ރާޖްނާތު ސިންގް ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެކަމަނާގެ ޓީމުން މަސައްކަތް ކުރަނީ ދެވަނައެއް ނެތް ފަދަ ރީތި، ޖަޒީރާ މި ރާއްޖޭގެ ހިތްގައިމުކަން އެމަނިކުފާނަށް ތަޖުރިބާ ކުރެވޭނެ ގޮތަށް ޕްރޮގްރާމް ބައްޓަންކުރަން ކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި އެކަމަނާ ޑިފެންސް މިނިސްޓަރު ކަމުގައި ހޭދަކުރެއްވި ހަތަރު އަހަރުގެ ތެރޭގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނަތު، އެކަމަނާއަށް މުހާތަބު ކުރަނީ "ދީދީ"ގެ ނަމުންނެވެ.

ހިންދީ ބަހުގައި ދޮށީ ދައްތައަށް ލޯބިން "އުޚުތު"ގެ ނަމުން މުހާތަބު ކުރެ އެވެ.

"އޮނަރަބަލް ޝްރީ ރަޖްނާތް ސިންގް. މި ފާއިތުވީ ހަތާޜޫ ވަރަކަށް އަހަރު އަޅުގަނޑަށް ވަނީ މަނިކުފާނާއެކު މަސައްކަތް ކުރުމުގެ ޝަރަފު ލިބިފައި. އެގޮތުން ދިމާވާ ދިމާވުމުގައި މަނިކުފާނު އަޅުގަނޑަށް މުޚާތަބް ކުރައްވާއިރު "ދީދީ" އޭ ވިދާޅުވެ. އެއީ ހިންދީ ބަހުން "އުޚްތު" ކަމަށް ވިދާޅުވެ އެގޮތުގައި އަޅުގަނޑާ މުޚާތަބު ކުރައްވާފައިވޭ،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ރާޖްނާތު އެގޮތަށް މުހާތަބު ކުރައްވާނީ ދެ ގައުމު އަދި ދެ ސަރުކާރު ދެމެދުގައި އޮންނަ ގާތް އަޚްވަންތަ ގުޅުން ރަމްޒުކޮށްދިނުމުގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވާ އަޚްވަންތަ ގުޅުން ވެސް ވަރަށް ރަނގަޅަށް ސިފަކޮށްދިނުމަށް ކަމަށް އެކަމާ ގަބޫލުކުރައްވާ ކަމަށެވެ.

މިނިސްޓަރު ރާޖްނާތު ސިންގްގެ ގައުމީ ހިދުމަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ މާރިޔާ ވިދާޅުވީ ރާޖްނަތު އިންޑިއާގެ ދިފާއީ ވަޒީރަކަށް ހުންނަވައިގެން ވިސްނުންތެރިކަމާއި، ގާބިލުކަމާއި ވަރުގަދަ ތަސައްވުރަކާ އެކު އަދި އޭނާގެ ދުރުވިސްނުންފުޅާއި ލީޑަޝިޕާއި އިރުޝާދުގެ ދަށުން އިންޑިއާގެ އަސްކަރިއްޔާ މިއަދު ދުނިޔޭގެ ވަރުގަދަ ބާރަކަށް ހަދާފައިވާ ކަމަށެވެ.

"މަނިކުފާނާއި މަނިކުފާނު ނިސްބަތްވާ ސަރުކާރާއި އިންޑިއާގެ ރައްޔިތުންނަށް ތައުރީފު ހައްގު،" ދިވެހި ސަގާފީ ހެދުމެއް ތުރުކުރައްވައިގެން ހުންނަވާ މާރިޔާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެ ގެންގުޅުނު "އިންޑިއާ ފަސްޓް" ޕޮލިސީ އާއި އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "ނެއިބަހުޑް ފަސްޓް" ޕޮލިސީގެ ދަށުން ދެ ގައުމުގެ ދެމެދުގައިވާ ދުވަސްވީ ލާމަސީލު ގުޅުން ދެ ގައުމުގެ ވެރިންގެ ޒައާމަތުގައި އިތުރަށް ފުޅާވެ ދެ ގައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި އަދި މި ސަރަހައްދަށް އަމާންކަން ކަށަވަރުކޮށްދެމުންދާ ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ މިނިސްޓަރު ރާޖްނާތު އާއި އެކަމަނާ އަކީ އިންޑިއާ ކަނޑުގެ އަވަށްޓެރި ދެ ގައުމުގެ ދިފާއީ ވަޒީރުން ކަމަށްވާއިރު އިންޑިއާ ކަނޑު ތެރޭގައި ހުރި ނުރައްކާތެރި ނުކިއްސަރު އަދި ކަންބޮޑުވާ އޮއިވަރުތަކުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ދެ ދައުލަތާއި ރައްޔިތުންނާއި، މުޅި ސަރަހައްދު ބަލަހައްޓާ، ސަރަހައްދުގެ މަސްލަހަތުތައް ކުރިއަރުވައި ހިމާޔަތް ކުރުމަށް އެ ދެ ބޭފުޅުންގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ.

"އަދި ބަވަނަވެފައިވާ މި ސައިބާ ޑްރިވެން ދުނިޔޭގައި އަޅުގަނޑުމެން ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ. ނަމަވެސް އަޅުގަނޑުމެން ދެ ގައުމު، އަޅުގަނޑުމެންގެ މި ދެ ދައުލަތް ގަބޫލުކުރާ އުސޫލުތަކާއި ހަމަތަކުގެ މަތިން މަސައްކަތް ކޮށްފިނަމަ، މި ގޮންޖެހުންތަކާއި ކުރިމަތިލައި، އަޅުގަނޑުމެން ބޭނުންވާ ގިނަގުނަ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާޒީން ފެށިގެން މިއަދާ ހަމައަށްވެސް ރާއްޖެއާއި އިންޑިއާ އަކީ އެފަދަ ދެވަނައެއް ނުވާފަދަ ގާތްގުޅުމެއް ދަމަހައްޓަމުން އަންނަ ދެ ގައުމު ކަމަށެވެ. މިގުޅުން ބިނާވެފައިވަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި އިތުބާރުގެ މައްޗަށް ކަމުގައިވެސް ވިދާޅުވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ އިންޑިއާ އަކީ ރާއްޖެއިން ބައިނަލްއަގްވާމީ އެހީއަށް ބޭނުންވާ ކޮންމެ ފަހަރަކު އެކުރާ "ބައިނަލްއަގާވާމީ 911 ކޯލަށް" އެންމެ ފުރަތަމަ ދީލަތިކަމާއެކު އިޖާބަދޭ ގައުމު ކަމަށެވެ. އަދި ދެ ގައުމު ގުޅިގެން ދިފާއީ ގުޅުމުގެ ގިނަ ދާއިރާތަކަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

މިރޭގެ މި ހަފުލާ އަކީ މިފަދަ ކާމިޔާބީތައް ފާހަގަކުރުމުގެ އިތުރުން އަޅުގަނޑުމެން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތް ކުރާ ކުރުން ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަކުރުމުގެ އަޒުމު އާކުރަން ވަރަށް މުނާސަބު ވަގުތެއް. މަނިކުފާނުގެ ލީޑަޝިޕާއި، އަޅުގަނޑުމެން ދެ ގައުމުގެ ސަރުކާރުތަކުގެ އިސްފަރާތްތަކުގެ ބުރަމަސައްކަތުން އަޅުގަނޑުމެންގެ މިގުޅުން އިތުރަށް ބަދަހިވާނެކަން އަޅުގަނޑަށް ޔަގީން." މާރިޔާ ވިދާޅުވި އެވެ.