ދިވެހި އިންޑިއާގެ ގުޅުން

ރާއްޖެއިން އެދުމުން ޕައިލެޓުން ތަމްރީންކުރާނެ: އިންޑިއާ

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށް ބުނާ އުޅަނދުތައް ދުއްވުމަށް ދިވެހި ސަރުކާރުން އެދިއްޖެނަމަ ދިވެހި ޕައިލެޓުން ތަމްރީންކޮށްދިނުމަށް ތައްޔާރުކަމުގައި އިންޑިއާ އިން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކޮންމެ ހަފްތާއަކުވެސް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ވިދާޅުވީ ދިފާއީ ދާއިރާ އިން ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ ދިފާއީ ދާއިރާ ވަރުގަދަކުރުމަށް އެހީތެރިވުމާއި ގާބިލްކަން އިތުރުކުރަން މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ. އެހެންކަމުން އިންޑިއާ އިން ހަދިޔާކޮށްފައިވާ އުޅަނދުތައް ދުއްވުމަށް ދިވެހި ސަރުކާރުން އެދިއްޖެނަމަ ދިވެހިން ތަމްރީން ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަހަރަމެން މިތިބީ އެކަން ކޮށްދިނުމަށް ތައްޔާރަށް،" ޖައިސްވާލް ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށް ވައިގެ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓެކެވެ.

މިއުޅަނދުތައް ދުއްވުމަށް އަބަދުވެސް ރާއްޖޭގައި 100 އެއްހާ އިންޑިއާ ސިފައިން ތިބެ އެވެ. ނަމަވެސް ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ގާއިމުވެ ތިބުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވާ ކަމެއް ނޫނެވެ. އެހެންވެ އިންޑިއާ އިން ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މިމަހުގެ 10 ވަނަ ދުވަހު އަނބުރާ ގައުމަށް ގެންގޮސްފަ އެވެ. އެކަމަކު އެ އަދަދަށް އިންޑިއާގެ މަދަނީ ބަޔަކު ރާއްޖެ އައިސްފައިވެ އެވެ. އެމީހުންގެ މައިގަނޑު ބޭނުމަކީ އުޅަނދުތައް ދުއްވުމާއި މެއިންޓަނަންސް ކަންކަން ބެލެހެއްޓުމެވެ.