ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސަބަބުން ވިޔަފާރީގެ ގޮތުން ދެ ޤައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި އިންޑިއާއަކީ ޒަމާނުންސުރެ ވަރަށް ގާތް ދެގައުމުކަން ފާހަގަކުރައްވާ ހީނާ ވަލީދު ވިދާޅުވީ ރައީސްގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ބަދަހިކުރުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށާއި މިއީ ތާރީހީ އަދި ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމުގެ އާ ސަފުހާއެއް ހުޅުވިގެން ދިޔަ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.
"މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު މި އޮންނަ ގުޅުން ވަރަށް ބޮޑަށް އިތުރަށް ބަދަހިވުމަށް މަގުފަހިވެގެން ހިނގައްޖެ،" ހީނާ ވިދާޅުވި އެވެ.
އެ ގޮތުން މީހުން މީހުންނާ އޮންނަ ގުޅުމާއި ވިޔަފަރިތަކާ އޮންނަ ގުޅުމުގެ އިތުރުން ދެ ސަރުކާރުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާވުމަށް ގިނަ ދޮރުތަކެއް ހުޅުވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާއާއެކު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއާ ރުޕީސްގެ ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ވަނީ ސޮއިކޮށްފަ އެވެ. މީގެ އިތުރުން އިންޑިއާގެ އިންސްޓެންޓް ޕޭމާންޓް ސިސްޓަމް -- ޔުނިފައިޑް ޕޭމާންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ދަށުން ރުޕޭ ކާޑުގެ ހިދުމަތް ރަސްމީކޮށް ވަނީ ރާއްޖޭގައި ތައާރަފުކޮށްފަ އެވެ.
އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ނިއުދިއްލީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ތަގުރީރުކުރައްވާފަ އެވެ.
މި ފޯރަމްގައި ރައީސް ކުރެއްވި ތަގުރީރުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި ކުރިއަށް އޮތްތަނުގައި ގުޅުން ބަދަހިކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ.
އެގޮތުން ރާއްޖޭގެ އިގުތިސާދީ ތަރައްގީގައި އިންޑިއާ އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވަނީ އަމިއްލަ ވިޔަފާރީގެ ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
މި ތަގުރީރުގައި ރައީސް ވަނީ، އިގުތިސާދީ އިސްލާޙަށް އެމަނިކުފާނުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ އެޖެންޑާވެސް ހާމަކުރައްވާފަ އެވެ.