ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ލިބުނު މުހިއްމު ފުރުސަތެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ރައީސް މުއިއްޒުގެ މި ދަތުރުފުޅާއެކު ކުރިއަށް އޮތީ އުންމީދީ އަދި އުފާވެރި ދުވަސްތަކެއް ކަމަށެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާއިރު ގާސިމް ވިދާޅުވީ މިއީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ މުހިއްމު ފުރުސަތެއް ކަމަށެވެ.
މީގެ އިތުރުން ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ގާސިމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަމަޖެހުމާއި އަމާންކަން ކަށަވަރުކުރުމުގެ އިތުރުން އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ އާ އުސްމިންތަކެއް ހާސިލުކުރުމަށް ދެ ގައުމުގެ ދެމެދު ގުޅުން މުހިއްމު ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިތުރުން އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫ އާއި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.